މުރައިދޫ، ދިއްދޫ، ތުރާކުނު، އުތީމު އަދި ވަށަފަރު މޮޅުވިއިރު ބާރަށާއި ކެލާގެ މެޗަށް ހަމަހަމަ ނިމުމެއް

ހއ. އުތީމާއި އިހަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް ޗެލެންޖު 2023

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ހއ. އަތޮޅުގެ ދެވަނަ ރޭ ގެ މެޗުތައް މުރައިދޫ، ދިއްދޫ، ތުރާކުނު، އުތީމު އަދި ވަށަފަރުން ކާމިޔާބުކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހއ. ތަކަންދޫއާއި ހއ. މުރައިދޫއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުރައިދޫއިންނެވެ. އެ މެޗުގައި މުރައިދޫގެ ގޯލުތައް ޖެހީ އިޔާން އަހުމަދު ރަޝީދާއި އަހުމަދު ނައުފަލެވެ. އަދި ތަކަންދޫގެ ގޯލު ޖެހީ ހަމްދާން އަހުމަދު ސަލީމެވެ.

މިރޭ ހއ. ގެ ދެވަނަ މެޗެއްގެ ގޮތުގައި ކުޅެފައިވަނީ ދިއްދޫއާއި ފިއްލަދޫ ބައްދަލުކުރި މެޗެވެ. ފިއްލަދޫއިން ގޯލެއް ޖަހައިފައިވަނިކޮށް 2-1 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ ދިއްދޫއިންނެވެ. އެ މެޗުގައި ދިއްދޫގެ ގޯލުތައް ޖަހައިފައިވަނީ ތައުމީން ނޫހާއި ހައިޝަމް ރަޝީދެވެ. އަދި ފިއްލަދޫއިން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އާދަމް އަބްދުއްރަހީމެވެ.

އެ އަތޮޅުގެ ތިން ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މާރަންދޫއާއި ތުރާކުނެވެ. އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތުރާކުނު ޓީމުންނެވެ. ތުރާކުނުގެ ގޯލުތައް ޖެހީ އަހުމަދު ސިރާޖާއި އަހުމަދު ހުޝާމެވެ. އެ މެޗުގައި ސިރާޖު ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި މާރަންދޫގެ ދެ ގޯލު ޖެހީ އަހުމަދު މުހައްމަދާއި ހުމައިދު ހުސައިނެވެ.

ހއ. އަތޮޅުގެ ހަތަރުވަނަ މެޗުގައި އުތީމާއި އިހަވަންދޫ ވާދަކުރިއިރު 3-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ އުތީމުންނެވެ. އެ މެޗުގައި އުތީމުގެ ގޯލުތައް ޖެހީ ރިޝްވާން އިބްރާހީމް ރަޝީދު މޫސާއާއި އަބްދުﷲ ޝާކިރު އާއި މުހައްމަދު މަޒީނެވެ.

ހއ. މާރަންދޫއާއި ތުރާކުނު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މީގެ އިތުރުން ހއ. ބާރަށާއި ހއ. ކެލާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ ބާރަށުގެ ގޯލު އަބްދުﷲ މިސްބާހު ޖެހިއިރު ކެލާގެ ގޯލު ޖެހީ އަލީ އިމާދެވެ.

ރޭ ހއ. އަތޮޅުގެ އެންމެ ފަހު މެޗެއްގެ ގޮތުގައި ކުޅެފައިވަނީ ހޯރަފުއްޓާއި ވަށަފަރު ބައްދަލުކުރި މެޗެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވަށަފަރުންނެވެ. ވަށަފަރުގެ ގޯލުތައް އަބްދުﷲ ސިނާނާއި ސާޖިދު ރަޝީދު ޖެހިއިރު ހޯރަފުށިން ޖެހި ހަމައެކަނި ގޯލު ޖެހީ ޒިޔާދު މުހައްމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް