ޝިފާއުގެ "މާމަގެ ހަނދާން"، އަސަރުން ފުރިފައި!

ޝިފާއުގެ "މާމަގެ ހަނދާން" -- ލަވައިގެ ކަވާ/ ޙުސައިން އާއިޝް އަޝްރަފް

ކުރިއަރަމުން އަންނަ ޒުވާން، ހުނަރުވެރި ލަވަކިޔުންތެރިޔާ މުހައްމަދު ޝިފާއުގެ ލަވައަކަށް އިންތިޒާރުކުރާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ. ޝިފާއުގެ އެންމެ ފަހުގެ ލަވަ، "މާމަގެ ހަނދާން" ރިލީޒްކޮށްފިއެވެ.

"މާމަގެ ހަނދާން" މި އަސަރުގަދަ ލަވައިން ކިޔައިދެނީ މާމާއެއްގެ ހަނދާންއާވާ ވާހަކައެވެ. އުފަލުން، ލޯތްބާއެކު ފިރުމާލަ ދިން ދުވަސްތަކުގެ ވާހަކައެވެ.

ސައުންޑްކްލައުޑްއިން މި ލަވަ ނެރުނުތާ ދެ ގަޑިއިރު ތެރޭގައި 500 އަށް ވުރެ ގިނަ ސައުންޑްކްލައުންޑް ޕްލޭސް ލިބުމަކީ މި ލަވައަށް މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމުގެ ހެއްކެކެވެ.

މި ލަވައާ މެދު ޝިފާއު ބުނީ އެ ލަވައިގެ ޓްރެއިލާ ރިލީޒް ކުރުމުން ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެ ލަވަ ނުކުންނާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރި ކަމަށް އޭނާ ބުންޏެވެ.

ޝިފާއު ބުނީ އެ ލަވައަކީ ޝިފާއުގެ ބައްޕަ ހެދި ޅެމެއްގެ މައްޗަށް ކޮމްޕޯސްކުރި ލަވައެއް ކަމަށެވެ.

"އަސްލު އެ ލަވައިގެ މައިގަނޑާއި ދެވަނަ ކަޑިއަކީ އަޅުގަނޑުގެ ބައްޕަ ހެދި ދެ ބައި. އެ ލަވަ ރެކޯޑް ކޮށްފައި ނެތުމުން އަޅުގަނޑު އިތުރަށް ލިރިކްސް އެޑް ކޮށް، އެ ލަވަ ނެރުނީ،" ޝިފާއު ބުންޏެވެ.

ޝިފާއު ބުނީ އެ ލަވައަކީ މާމަގެ ހަނދާނުގައި މުޅި އާއިލާ ރަމްޒުކޮށްދޭ ލަވައެއް ކަމަށެވެ. އެ ލަވައިގެ ލިރިކްސް އަޑުއަހާލުމުން، އޭގެ އަސަރުގަދަކަން އެނގެއެވެ.

މި ލަވަ ޝިފާއުގެ ސައުންޑްކްލައުންޑް އިން އަޑު އަހާލެވޭނެއެވެ. މިހާތަނަށް އެ ލަވަ، 1300 އަށް ވުރެ ގިނަ މީހުން ވަނީ އަޑުއަހާފައެވެ. އަދި އެ ލަވައަށް 200 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

ޝިފާއު ލަވަ ކިޔުމުގެ ދާއިރާއަށް ތައާރަފުވީ އޭނާގެ ހިޓް ލަވަ، "މަންމަ" ލަވައިންނެވެ. އެ ލަވައިގެ އިތުރުން، މިހާރު އޭނާ ވަނީ ޔާރާ، ރޫހީ އުފާ، އެކަމެއް ނުވިއޭ އަދި ޝަކުވާގެ ސަރިންދާ ފަދަ ރީތި ލަވަތައް ނެރެފައެވެ.

މީގެ ކޮންމެ ލަވައަކީ ވެސް އެ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބުނު ލަވަތަކެވެ. އެގޮތުން އޭގެ ކޮންމެ ލަވައެއްގެ ސައުންޑްކްލައުޑް ޕްލޭސް އުޅެނީ މަދުވެގެން ލައްކައަކަށްވުރެ ވުރެ މަތީގައެވެ.

comment ކޮމެންޓް