އޭއައި ސިސްޓަމްތައް ބޭނުންކުރާނެ އުސޫލުތަކެއް އީޔޫއިން ކަނޑައަޅަނީ

އީޔޫގެ އިންޓާނަލް މާކެޓް ކޮމިޝަނަރު ތިއެރީ ބްރެޓަން -- ފޮޓޯ/ އީޔޫ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތައް ބޭނުންކުރުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އާ އުސޫލެއް ގެންނަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އީޔޫގެ އިންޓާނަލް މާކެޓް ކޮމިޝަނަރު ތިއެރީ ބްރެޓަން ވިދާޅުވީ، އޯޕަންއޭއައި ކުންފުނިން އުފެއްދި އޭއައި ލެންގުއޭޖް މޮޑެލްއެއް ކަމަށްވާ ޗެޓްޖީޕީޓީގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް މީހުން ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުގައި އޭގެ ބޭނުން ގަވައިދާ ޚިލާފަށް ބޭނުން ކުރުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބްރެޓަން ދެކެވަޑައިގަންނަވާ ގޮތުގައި އޭއައި ސިސްޓަމްތަކަށް ނުވަތަ އެ އިންޑަސްޓްރީ ހިންގުމަށް ވަރަށް އަވަހަށް ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތައް ބޭނުންވެއެވެ. އީޔޫއިން މިހާރު އަންނަނީ އީޔޫގެ ކައުންސިލާއި ޔޫރަޕިއަން ޕާލަމެންޓާ ގުޅިގެން އޭއައި ބޭނުންކުރުމާ ގުޅޭ ގަވާއިދުތައް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ފިޔަވަޅުތަކުގެ އަމާޒަކީ، ޗެޓްބޮޓްގައި މުއާމަލާތް ކުރަނީ އިންސާނަކާ ނޫންކަން އަންގައިދީ، ފިތުނަފަސާދަ އާއި ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާ ކުޑަކޮށް، ދެފުށް ފެންނަ ގޮތަކަަށް ޗެޓްޖީޕީޓީގެ ޚިދުމަތް ދެމެހެއްޓުމެވެ.

އީޔޫއިން އަންނަނީ އޭއައިގެ އާ އުސޫލްތަކާއި ގަވާއިދުތައް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މައިގަނޑު މަގްސަދަކީ އަސާސީ ހައްގުތަކަށް އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ އެކު އޭއައިގެ ފައިދާ ހަމަހަމަ ކުރުމެވެ. މި ގަވައިދުތަކުގައި ޗެޓްބޮޓާއި ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ސިސްޓަމްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އޭއައި އެޕްލިކޭޝަންތައް ހިމެނޭއިރު، އޭގެއިން އޭއައިގެ މުސްތަގުބަލަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.

އީޔޫއިން މަސައްކަތް ކުރަމުން ދަނީ އޭއައި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި އޮނިގަނޑެއް އެކުލަވާލުމަށެވެ. ނަމަވެސް ޗެޓްޖީޕީޓީ ފަދަ އޭއައި ޓޫލްސް ބްލޮކް ކުރުމުގެ ބާރު އީޔޫއަށް ނެތެވެ. އީޔޫގައި އޭއައިގެ މުސްތަގުބަލް އުއްމީދީ ކަމަށް ފެންނައިރު، އާ ގަވައިދުތަކުގެ ސަބަބުން އެ ދާއިރާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް