"މާދަމާވެސް ދުނިޔޭގައި ހުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. މި ކުރު ދަތުރުގައި ލިބުު އުފާތަކާއި ނިއުމަތްތަކަށް ޝުކުރުވެރިވެ އެ އުފާތައް ދެއްވި ފަރާތް މަތިން ހަނދާން ނައްތާނުލާށެވެ."
***
"މަންމަގެ ހާލު ހަމަ ރަގަޅު އަލްހަމްދުލިﷲ. އަހަރެން މިއިނީ ލައިކާއަށް އިންވައިޓްކޮށްގެން. ޖީލަން އައިކަން ނަސީބެއް. ދެކުދިން މީޓްކުރުވާނަން. ސަބަބަކީ........." ކާއިނާތު ދެއަތުގެ އިނގިލިތައް މަހާލަމުން ދަތްދޮޅީގައި ވިއްދައިލިއެވެ. "އެކަމަކު އެންމެ ސުވާލެއް އެބައޮތް. ކީއްވެ އަހަރެން ފެންނައިރަށް ޖީލަންގެ މޫޑު ގޯސްވަނީ؟ ނޫނީ ކެއާކުރުމުގެ އާ ވައްތަރެއްތަ؟ ނޫނީ ޖެލަސީ؟"
ކާއިނާތު އެއް ބުމަ އަރުވައިލިއިރު ލޮލުގައި ނުސިޔާނު ކަމެއްވިއެވެ.
"ނޫނީ ލޯބި؟"
"ތިއިން އެއްވެސް ކަމެއް ވެގެނެއްނޫން. ކާއިނާތުދެކެ ލޯބިވަނީ އޮފީސް ކުދިންނާއި އެކުވެރިން އަދިވެސް އެގޮތަށް ގުޅުމެއް އޮތް ބަޔަކަށް ކެއާ ކުރާ އުސޫލުން އެކަމާ ވިސްނާނެ ކަމެއްނެތް. އެކުވެރިޔާގެ އިންތިޒާރުގައި؟"
"އެކުވެރިއެކޭ؟" ކާއިނާތު އިރުކޮޅަކަށް ހަނދާން ނެތުނެވެ. ލައިކާއާއި އެކު ކޮފީ ބޯންކަމަށް ބުނެވުނު ހަދާންވެފައި އަވަހަށް އޭނަ ލައިކާއަށް މެސެޖްކުރުމުން ޖަވާބެއް ނުލިބުނެވެ. އޮންލައިންގައި ނެތްކަން އެނގުމުން ހިތަށް އެވަގުތު އައި އެއްޗެއް ބުނެވުނެވެ. "ލައިކާ ޑެންގީ ޖެހިގެން ވަރަށް ބައްޔޭ...ސޯ ދެން އެހެން ފަހަރަކުން...ލައިކާ ބުނި ޖީލަން ވަރަށް ރީއްޗޭ....ކިހިނެއްވާނެ ދެމީހުން ގުޅެން..."
"މިހާރު މެރިޖް އެޑްވައިޒަރއަކަށް ވީ ދޯ....އަހަންނަށް މީހުން ނުހޯދާ ކާއިނާތު ތިކަމާއި އުޅެބަލަ....."
ކުއްލިއަކަށް ލައިކާ ކޮތަޅެއް ހިފައިގެން އަންނަތަން ފެނުމުން ކާއިނާތުއަށް ސިހުމެއް ލިބުނެވެ. އޭނަ ދޮގުހެދިކަން ޖީލަންއަށް ފަޅާ އަރައިގެން އޭނައަށް ދޮގުހެދުމުގެ އެވޯޑެއް ދޭކަށް ބޭނުމެއްނޫނެވެ. އަވަހަށް ތެޅިފޮޅިގެންފައި ދުއްވައިގަތްގޮތަށް ލައިކާގެ ކަންފަތްދޮށުގައި މަޑުމަޑުން އެއްޗެކޭ ބުނެލުމަށްފަހު ލައިކާ ގޮވައިގެން އައިސް ގޮނޑިއެއްގައި ބޭންދިއެވެ.
"މިއީ ލައިކާ. ހުމާ ފިހެނީޔޯ. ޑޮކްޓަރ ބުނެފި ޗިކަންޕޮކްސް ޖެހިގެންނޯ....."
"އޯ...." ޖީލަން ބުމަ އަރުވައިލިއެވެ. "މާތްﷲ އަވަސް ޝިފާއެއް ދެއްވާށި......"
"ޗިކަންޕޮކްސްއަށް އެންމެ ރަގަޅުވާނީ ގިނައިން ހޫނު އެއްޗެހި ބުއީމަ. އޭރުން ހުރިހާ ޖަރާސީމްތައް މަރުވާނެ. އަވަހަށް އިށީދޭ. ޑޮކްޓަރ ބުނި ދޯ އެޑްމިޓްވާން އަންނާށޭ. އެކަމަކު އަހަރެން ތިކަމަށް އެއްބަހެއްނުވާނަން. ހޫނު ޕިއްޒާއަކާއި ޗޮކްލެޓްތަށްޓެއް ބޯލަނިކޮށް ފިޓްވެދާނެ.....މިއީ ޖީލަން. ކައުނު ނޫހުގެ އެޑިޓަރ...އަސަލްގެ ގާތް އެކުވެރިއެއް.. ޖީލަން, ،މިއީ ލައިކާ. ލޯބިން އެޕްލްވެސް ކިޔަން. އެހާވެސް ވަށް މޫނުކޮޅެއް ހުރީމަ. ކޮންމެގޮތެއްވިޔަސް ލައިގެ ވީކްނެސްއަކީ ފުޑް. ސެލެރީ އެއްކޮށް ދާނީ ކާއެއްޗެހި ގަނެދޭންކަން ނޭގޭ. ލައި. ޖީލަން ވަރަށް ރުޅިގަދަކަމަށް ބޭރުފުށުން ހެދުނަސް ކެއަރިން އެންޑް ސްވީޓް. އެހެންވީމަ ދެކުދިން ނިކަން ގުޅޭ......ވަރަށް ކިއުޓް ކަޕްލްއަކަށް ވެދާނެ. އެބައަންނަން ޑަބަލް ޑަބަލް ޕިއްޒާއެއް ހިފައިގެން.." ކާއިނާތުގެ ބޮލުތެރޭ އެނބުރެމުންދާ ހުރިހާ އުދާސްތަކަށް ވަގުތީ ހުއްޓުމެއްލިބި ސިކުނޑީގައި އެދެމީހުން ގުޅުވުމުގެ ޚިޔާލު ކުރި ހޯދިއެވެ. ދުނިޔޭގައިވާހާ ފިކުރަކާއި ހިތާމައެއް ކޮނޑުގައި އަޅައިގެން ހުއްޓަސް އޭނަ ހިތްވަރުކުރަން ދަންނަނީއެވެ. އެހެން މީހުންގެ އުފާތަކަށް އިސްކަން ދޭން ނިންމިއެވެ. ޖީލަންއާއި ލައިކާ ގުޅުވައިފިއްޔާ ޖީލަން އޭނައަށް ފާރަލުންވެސް ހުއްޓާލަފާނެއެވެ. އެހެންނޫނަސް ޖީލަންގެ ހިތުގައި އޮތީ ކޮންކަހަލަ ލޯތްބެއްކަމެއްވެސް އެނގެނީއެއް ނޫނެވެ.
ކާއިނާތު ދުރުގައި ހުރެ ސިއްރު ނަޒަރަކުން ބަލައިލިއިރު ޖީލަންއާއި ލައިކާގެ ދޭތެރޭގައި އޮތް "ވައިބް" އެހާ ރަގަޅުހެނެއް ހިޔެއްނުވިއެވެ. ދެމީހުން ބީރައްޓެހިންހެން ތިބެފައި ދެތިން ޖުމްލައެއް ބުނެލިހެން ހީވިއެވެ. ދެން ފެނުނީ ޖީލަން ތެދުވެގެން ހިނގައިގަތްތަނެވެ. ޖީލަން އަރާ ހަމަކުރުމުން ކާއިނާތު ހަށަން ބަދެލިއެވެ.
"އެހާވަރުން ދެމީހުން ބައްދަލުކުރުވީމަ ޖީލަން ކިހާ ރޫޑް. ލައިގެ ހާޓްބްރޭކްވާނެ..."
"މައްސަލައަކީ ލައިއެއްނޫން. ލައި ކިޔަންވީ ކާއިނާތުއަށް ހެން މަށަށް ހީވަނީ. ކާއީ މިތަނުގައި ހުރީ ކީއްވެކަން އަހަންނަށް އެނގިފައިވާއިރުވެސް ހެދީ ދޮގު. ލައި ޑެންގީ ޖެހިގެންނޭ ތިބުނީވެސް ރަގަޅަކަށްނޫން. ލައި ހަމަ މުޅިން ހެލްދީ. ކާއީގެ ކަށީގައި ހިފާފައިވާ އާދައެއް ދޫކޮށްލުން ފަސޭހައެއްވެސް ނުވާނެ. އެކަމަކު ތިއީ ރަގަޅު އާދައެއްނުން. ބޭޑް ހެބިޓްއެއް. ދޮގުހެދުމުން ސްޓްރެސް ވާނެ. އަދި ރިލޭޝަންތަކަށް އޭގެ އަސަރުކުރާނެ. އަދި ކާއީގެ ބްރެއިންއަށްވެސް އޭނަ ނުރަގަޅު އަސަރުތައްކުރާނެ. އެހެންވީމަ ދޮގުހެދުން ހުއްޓާލާ. ކާއީގެ މަންމަ ބަލިވެގެން އެޑްމިޓްކޮށްފައޭ ބުނިއްޔާ މައްސަލައަކީތަ؟ އެއީ ސިއްރުކުރަން ޖެހޭވަރުގެ ކަމެއްވެސް ނޫން. އަހަރެންގެ ކަޒިން ބްރަދާއެއް މިތާގައި ވޯކްކުރޭ އެހެންވެ އެނގުނީ .ލައިކާއާއި އަހަންނާއި ގުޅުވަން ތިކުރާ މަސައްކަތްވެސް ހުއްޓާލާ...ދޮގެއްގެ މައްޗަށް ބިނާކޮށް ރިލޭޝަންތައް އުފައްދަން ހެޔޮނުވާނެ...މާތްﷲ ކާއީގެ މަންމައަށް އަވަސް ޝިފާއެއް ދެއްވާށި...އައި ފީލް ބޭޑް...ފޯ ހާރ."
"އަދި ބުނަން ވާހަކައެއް. ލައި އަކީ މަގޭ ޓައިޕެއްނޫން....."
"އެއީ ކީއްވެތަ؟ ދެން މަށެއް ނުލިބޭނެ އިނގޭ. އައި ތިންކް ޔޫ އާ ސްޓޯކިން މީ....."
"ތިއީ ކުށްހީއެއް. ތި ފިކުރުން ދުރުވޭ. ތިއީ ފާފައެއް. އަދި އަމިއްލަ ނަފުސް ގިލްޓީކުރަން ނުޖައްސާ. އަހަރެން ސާފުކޮށް ބުނެފާނަން. އަހަރެންގެ ހިތުގައި ކާއިނާތުއާއި ދޭތެރޭ ތިބުނާފަދަ އެއްވެސް އިހުސާސެއްނެތް. އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް. އެ ހީ ފިލުވައިލާ . ކުށް ހީއަކީ ފާފައެއް.."
"ހިތް ނަގާފައި ނުދެއްކެންޏާ ކިހިނެއް އަނގައިން ބުނާ އެއްޗެއް ގަބޫލުކުރާނީ...."
"މަށަކީ ކާއިނާތުއެއްނޫން. ސީދަލަށް ބުނާނީ. ދޮގުހަދާތީ އެހެން މީހުންނަށްވެސް ތިމާ އަމިއްލައަށް ބުނާ އެއްޗިއްސަށްވެސް އިތުބާރެއް ނުކުރެވޭނެ. އަދި ބުނަން. ދޮގުހެދުމަކީ އެޑިކްޝަނެއް. ހުއްޓާލަން ފަސޭހައެއްނުވާނެ. އެކަމަކު ތެދުވެރިކަމަކީ ރީތި ސިފައެއް. ވަރަށް އަގުވެސް ބޮޑު ރީތި އެއްޗެއް. އެ ގަހަނާ އަޅަން މަސައްކަތްކޮށްބަލަ. ދީނުގައި އޮންނަ ގޮތުން ސަމާސާއަށްވެސް ދޮގުހެދުން ރަގަޅެއްނޫން..."
ޖީލަން ދާން ހިނގައިގަތުމުން އަނގަ ހުޅުވިފައި ކާއިނާތު ބަލަން ހުއްޓެވެ.
***
މަންމަ ހާޖަރުގެ ބައްޔާއި ގުޅިގެން ބޭހުގެ ޚަރަދުތަކާއި ގެއަށް ކުރަން ޖެހުނު ހުރިހާ ޚަރަދެއް ބޮލުގައި އެޅުމުން އޭނަގެ ބޮލުގެ ރިހުން އިތުރުވިއެވެ. އެ އުމުރުގައި ގޭގެ ޒިންމާތަކައި މަންމަ ބެލެހެއްޓުމާއި މަސައްކަތްތައް އެކީ ކުރަން ޖެހުމަކީ ފަސޭހަކަމަކަށްވެސް ނުވިއެވެ. ވަޒީފާ ދޫކޮށްލެވެންވެސް ނެތެވެ. އޭނަގެ މުސާރަ އެހާވެސް މުހިއްމެވެ. ދިރިއުޅުމުގެ ހުރިހާ އެއްޗަކީ ފައިސާއޭ ބުނަނީ މިހެންވެހެއްޔެވެ؟ އެދުވަސްކޮޅު އޭނައަށް އެމެރިކާއަށް ގޮސް އެސްޓްރޮނޯޓް ޓްރެއިނިން ހަދަން ލިބުނު ފުރުސަތުވެސް ދޫކޮށްލަން ޖެހުނެވެ. އެންމެ ކަންބޮޑުވީ ޓެލެސްކޯޕަކަށް އޯޑަރުކުރެވި އެއަށް ބޭކާރު ފައިސާތަކެއް ހޭދަކުރެވުނީމައެވެ. ހުރިހާކަމެއް އެހެން ހުއްޓަސް ދިރިއުޅުމާއިގެން ހިތްވަރާއިއެކު ކުރިއަށް ދަނީ ހިތުގައިވާ ހިތާމަތަކާއި އުދާސްތައް އެންމެނަށް ފޮރުވައިގެން ހުރެވެސް އުއްމީދުތަކެއްގައެވެ.
މާތްﷲ ގުރުއާނުގެ އަލްޝަރަހް ސޫރަތުގެ ފަސްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
"ފަހެ ހަމަ ކަށަވަރުން އުދަގޫކަމާއެކު ފަސޭހަކަން ވެއެވެ."
އެއީ ކާއިނާތުއަށް ހިތްވަރުލިބޭ އާޔަތެކެވެ. އެ އާޔަތް ހަނދާންވުމުން ކާއިނާތުގެ އުއްމިދުގެ ހުޅުކޮޅު ކަނިކަނި ޖަހާފައިވެސް ބޮޑުވެ މުޅިތަނަށް އުއްމީދުގެ އަލިކަން ފަތުރައިލައެވެ.
ހާޖަރު ގެއަށް ފޮނުވައިލުމުން ގެންގުޅެން ޖެހުނީ ފުރޮޅުލީ ގޮނޑިއަކަށް ލައިގެންނެވެ. ކާއިނާތު ގޭގައި ހުރެގެން ވަޒީފާއަދާކުރަން ލިބުނުކަމީ ނަސީބެކެވެ. އަސަލްއަށް އޭނަގެ ހާލަތު ކިޔައިދިނީ އާޔާކަން ނޭގެއެވެ. އާޔާ ފައިސާގެ އެހީދޭން އުޅެ އުޅެ ކާއިނާތު އެއްބަސްނުވުމުން އެހެން ގޮތްގޮތުން އެހީތެރިވެދޭންފެށިއެވެ. ސިއްހަތަށް ފައިދާ ހުންނަފަދަ މޭވާއާއި ތަރުކާރީ އަދި ކާއިނާތުގެ ކެއުމަށް ދެވިހިފާފައިވާވަރު ފެނި ފްރިޖް ފަޅުފިލާވަރުކޮށްދެއެވެ.
"އާޔާ. ތިހެން އުޅެނިކޮށް ރެސްޓޯރެންޓް ބަގުރޫޓުވެދާނެ. އަހަރެން ކިހިނެއް މިކަންތަކަށް އެއްބަސްވާނީ..." އާޔާ ގެނެސްދިން ވެލެރީނާ ބިސްކޯދު ޕުޑިން ތަށިގަނޑާއި ޗޮކްލެޓް އަދި އައިސްކްރީމްތަށިތައް ފްރިޖްގައި އަތުރަން ހުރެފައި ކާއިނާތު ތުން ހަދައިލިއެވެ.
"އެއްބަސްނުވަންޏާ ލައިކާ ކާލަފާނެ. ކަލޭމެން ދެކުދިން ކައި ހުސްވިޔަސް ދެން ރަގަޅުވާނެ. ސަދަގާތެއްކަމަށް ބަލާ........" އާޔާ ލައިކާގެ ކޮލުގައި ހިފައިލިއެވެ.
"ލައިގެ ކޯތާފަތުގައި ހިފާ ހިފާ މަސްކޮޅު މަޑެއްވެސް ނުވޭ. ވަރަށް ލޯބި އެކަމަކު އެ ޖީލަން ރިފިއުޒްކޮށްފި. ބުނީ އޭނައާއި އެކަށީގެންވާވަރަށްވުރެ ލައި މާ ލޯބި ކަމަށް..." ކާއިނާތު އެހެން ބުނުމާއެކު ހަނދާންވީ ޖީލަން މަތިންނެވެ. ޖީލަން އޭނައަށް ނަސޭހަތްތެރިވީ ދޮގުހެދުން ހުއްޓައިލުމަށެވެ. އެކަމަށް މަސައްކަތްކުރުމަށެވެ. އެބުނާހެން ދީނުގައިވެސް އެކަން ވަނީ މަނާކުރައްވާފައެވެ. މިވަގުތުވެސް އެދޮގުން ލައިކާގެ ހިތް ހަމަޖައްސައިލަދެވުނަސް އެއީ ހަގީގަތެއްނޫނެވެ. ދޮގުތަކެއްގެ މައްޗަށް ލޯބީގެ ތެދުވެރި ގުޅުން ބިނާކުރަން ޖީލަން ބޭނުންނުވީއެވެ.
"އެއީ ދޮގެއް ލައި...ސަމާސާއަކަށް އެހެން ބުނީ. ހަގީގަތުގައި ޖީލަން ބޭނުންނުވަނީ ދޮގެއްގެ މައްޗަށް ގުޅުމެއް ފަށަން...." ކާއިނާތު ފުރަތަމަ ފަހަރަށް އޭނަ ލައިކާ ގާތު ހެދީ ދޮގެއްކަމަށް އެއްބަސްވިއެވެ. އޭނަ އެގޮތަށް ބުނީ ޖީލަންއާއި ލައިކާ ގުޅުވަން ކަމަށާއި އެކަމާއި މާފަށް އެދުނެވެ. އާޔާ ކާއިނާތުގެ ގައިގާ ބައްދައިލިއެވެ.
"އައިމް ސޯ ޕްރައުޑް އޮފް ޔޫ ކާއީ. ކާއީއަށް ތިކަން ހުއްޓައިލެވޭނެ އިންޝާﷲ..."
ދެރަވެ ތުންކޮޅު ދަމާލައިގެން އިން ލައިކާ ފްރިޖް ހުޅުވާލާފައިބިސްކޯދު ޕުޑިން ތަށިގަނޑެއް ނެގިގޮތަށް އެ ކައި ހުސްކޮށްލުމުން ސްޓްރެސް ފިލާގޮތްވިއެވެ.
'އައިމް ސޮރީ ލައި. ތެދަށް ބުނަންޏާ ޖީލަން ރީތި މީހަކަށްވިޔަސް އޭނައާއި އެކު އުޅެން ފަސޭހައެއްނުވާނެ. އަބަދު ރުޅި މޫނު ދައްކާލައިގެން ހުންނަނީ ކީއްވެކަމެއްވެސް ނޭގޭ. އަދި ނުވީތާކަށް އަންހެނަކާއިހެދި އުޅެނީއެއްނޫން. ކޮންމެވެސް ގޯހެއް އެބައުޅެއެއްނު. އަހަރެން ހީކުރީވެސް މަގޭ ފަހަތު އަވަލާފައި ހުރީކަމަށް އެހެންވެ ސީދަލަށް އެހީމަވެސް ބުނެފި ކާއިނާތުއާއިމެދު އެފަދަ ނަޒަރަކުން ނުދެކެމޭ. މިސްޓީރިއަސް ފިރިހެނެއް......." ކާއިނާތު ލައިކާގެ ކޯތާފަތުގައި ފިރުމާލިއެވެ. "ލައި. ދެރަނުވޭ. މާ ރަގަޅު ކުއްޖެއް ލިބިދާނެ........."
"އަހަންނަށް ޖީލަން ދެކެ ލައިކް ވެއްޖެ. ކާއީ އެހެން ނުބުނިނަމަ..." ލައިކާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"އަހަންނަށްވެސް ތި ފީލިން އެނގޭ. ސައިރަސް...." ކާއިނާތުގެ ޚިޔާލުގެ ދުރުމީއަށް ސައިރަސް އެރުމާއެކު ހިތާމައިގެ ކަނޑަކަށް ގެނބޭގޮތްވިއެވެ. ނަމަވެސް ލައިކާގެ ކޮނޑަށް އަތް ވައްޓާލާފައި ހިތްވަރުދޭން މަސައްކަތްކުރީ އަމިއްލަ ނަފުސްމަތިން ހަނދާން ނައްތާލާފައެވެ. ހަމްދަރުދީ ލިބުނުހެން ލައިކާގެ ރުއިން އިތުރުވިއެވެ. އަޔާވެސް ގަބޫލުނުކުރެވިފައި ހުރީ ޖީލަންފަދަ ސީރިޔަސް ރުޅިވެރި މިޒާޖެއްގެ ޒުވާނަކަށް ހިތްދެވި މިވަރުގެ ލޯތްބެއް ލައިކާވީމައެވެ. ކެއުން ނޫން ކަމަކަށް ޝައުގެއް ނުދެއްކިނަމަވެސް އަންހެންކުއްޖެއްވިއްޔާ ހިތުގައި ޖަޒުބާތެއް ލައްވާފައިވާނެއެވެ. އެކަމަކު ފިރިހެނަކަށްޓަކާ ކަރުނަ އޮއްސަން ޖެހިދާނެ ދުވަހެއް އަތުވެދާނެކަމަށް ގަބޫލުނުކުރެވުނީއެވެ. އެކަމަކު ހިތަކީ ބަދަލުވާ އެއްޗެކެވެ.
***
ކާއިނާތު ގާތު އޭނަގެ މަންމަ އެދެމުން ދިޔައީ ކާއިނާތުގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ކުޑަކުރަން މީހަކާއި ކައިވެނިކުރުމަށެވެ. ކާއިނާތު ބުނަމުން ދިޔައީ އޭނައަށް އެކަނި މަންމަ ބެލެހެއްޓޭނެ ކަމުގައެވެ. ނަމަވެސް ހަގީގަތަކީ އޭނައަށްވެސް ފައިސާގެ ދަތިކަން ހީނުކުރާވަރަށް ބޮޑުވުމެވެ. އަމިއްލަ ކެއުމުގެޚަރަދުތައްވެސް ބޮޑުކަމުން ޑޮކްޓަރަށް ދައްކައި ބައްޔަށް ފަރުވާކުރަން ބޭނުންވިޔަސް އެކަމަށް ވަގުތެއް ނުވަނީއެވެ. ލިބޭ ހުސްވަގުތުތަކުގައި ލިޔުމާއި ސައިރަސްއަށް ސިޓީ ލިޔުމާއި ތަރިތަކަށް ބެލުމުން ހިތަށް ހަމަޖެހުން ލިބެއެވެ.
ތަރިތަކުން އުޑުމަތި ފަޅުފިލުވާފައިވާއިރު ކާއިނާތު އޭނަގެ މަގާމުގައި އޮށޯވެލައިގެން އުދަރެހަށް ބަލަން އޮތްއިރު ލޮލުން މޮޅިވެރިކަން ފެނެއެވެ. ކުއްލިއަކަށް މީހަކު ބެލް ޖެހިހެން ހީވެގެން ތިރިއަށް ފޭބީ ގަޑިއަށް ބަލާފައެވެ. ރޭގަނޑު ދިހައެއް ޖަހާއިރު ލައިކާމެންވެސް އަންގާނުލާ ނާންނާނެކަން އޭނައަށް އެނގުނެވެ.
"ކާއީ. މަށޭ މިއީ.." ކަންފަތުގައި ޖެހުނު އަޑު ކާއިނާތުއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނަގެ ހިތް ރޭހެއް ޖަހައިގަތްފަދައެވެ. ހީބިހި ކަންފަތުން ތިރިއަށް ދެމިގަތްގޮތަށް މުޅި ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ.
ނުނިމޭ