ވަކި ނުވެ މިހިތާ... (70) ފަހުބައި

"މިޝްޔާ!..." މިޝްޔާގެ އަތަށް ގުޅާފައިވާ އައިވީއަށް އަވަސް ނަޒަރެއް ދީފައި ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ. ނާޒިލް ފެނުމުން ކަޅި ޖަހާނުލާ ނާޒިލްއަށް ބަލަހައްޓައިގެން މިޝްޔާ އޮންނަން ފެށުމުން ނާޒިލް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އެއީ މީގެ ކުރިން މިޝްޔާ އޭނާއަށް ބަލާ ގޮތެއް ނޫނެވެ. މީގެ ކުރިން އެންމެ އަވަހަށް އޭނަޔާ ނަޒަރު ވަކިކޮށްލަނީ މިޝްޔާއެވެ.

މިޝްޔާ އެގޮތަށް ބަލަން ފެށުމުން ބުނާނެ އެއްޗެއް ނޭނގި ނާޒިލްއަށް ހުރެވުނެވެ. އޭނާ މިޝްޔާއާ ނަޒަރު ވަކިކޮށްލުމަށްފަހު, ދެން ބަލައިލިއިރުވެސް މިޝްޔާ އޮތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"މިހާރު އޯކޭތަ؟" ނާޒިލް ސުވާލުކޮށްލުމުން މިޝްޔާ ބޯ ޖަހައިލުމަށްފަހު، އެތަނުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް ބުނެލީ އިށީނދެލުމަށެވެ. ނާޒިލް ގޮނޑީގައި އިށީނދެލުމާއެކު، މިޝްޔާ އޭނާގެ އަތް ދިއްކޮށްލިއެވެ. މިޝްޔާގެ އެ ޢަމަލުގެ މާނަ ނަގާކަށް ނާޒިލްއަކަށް ނޭނގުނެވެ. މިޝްޔާ އޭނާގެ އަތުން އަނެއްކާވެސް އިޝާރާތްކޮށްލުމާއެކު، ނާޒިލް މަޑުމަޑުން އޭނާގެ އަތް ދިއްކޮށްލިއެވެ. އެއާއެކު މިޝްޔާ ނާޒިލްގެ އަތުގައި ހިފައްޓައިލިއެވެ. މިޝްޔާގެ އެ އަމަލުން ވެސް ނާޒިލްއަށް ލިބިގެން ދިޔައީ އިތުރު ހައިރާންކަމެކެވެ. މިޝްޔާގެ ހިތުގައިވީ އެއްޗެއް ލަފާކޮށްލާކަށް ވެސް އޭނާއަކަށް ނޭނގުނެވެ.

"އާޔ ޔޫ އޯކޭ؟" ނާޒިލްއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. މިފަހަރުވެސް މިޝްޔާ ބޯ ޖަހައިލިއެވެ. އޭނާ ލުއި ހިނިތުންވުމެއް ނާޒިލްއަށް ހަދިޔާކޮށްލިއެވެ.

"އައި އެމް ސޮރީ ނާޒިލް! ވަރަށް ބޮޑަށް ސޮރީ. އަހަންނަށް ނާޒިލްއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެކަމުގައި ނާޒިލްގެ އެއްވެސް ކުށެއްނެތްއިރު، އަހަރެމެން ދެމީހުންނަށް އެކުގައި ނޫޅެވެންވީ އެއްވެސް ސަބަބެއް ނެތް. އެ ހަނދާންތައް ދުވަހަކުވެސް މިހިތުން ވަތްކެއް ނުވާނެ. އަބަދުވެސް އެ ހަނދާންތައް އަހަންނާއެކު ވާނެ. އެކަމަކު އެ ހަނދާންތަކަކަށް ނާޒިލްއާ އަހަންނާ ދެމެދު އޮތް ލޯތްބަށް ވުރެ ބާރުގަދައެއް ނުވެވޭނެ. އަހަރެން ނާޒިލް ދެކެ ވަރަށް ބޮޑަށް ލޯބިވޭ. ނާޒިލްއަށް އަހަންނާ ނުލާ އުޅެން އުނދަގޫވާގޮތަކަށް އަހަންނަށްވެސް ނާޒިލްއާ ވަކިން އުޅެން އުނދަގޫ..." މިޝްޔާ ބުނެލިއެވެ.

"މިވަގުތު މިޝްޔާ އަރާމުކޮށްލުން އެންމެ މުހިންމީ... ތި ވާހަކަ ފަހުން ދައްކާލާނީ ދޯ!" ނާޒިލް އެހެން ބުނެލީ ޖަޒުބާތުގައި ޖެހި މިޝްޔާ އެ ހުރިހާ އެއްޗެއް ކިޔަނީކަމަށް ހީކޮށެވެ. އޭނާއަށް އަދިވެސް އެ ހުރިހާކަމެއް ޔަޤީންކުރަން އުނދަގޫވަނީއެވެ. ނާޒިލް އޭނާގެ އަތް މިޝްޔާގެ އަތުގެ ތެރެއިން ދަމައިގަންނަން އުޅުނު ވަގުތު މިޝްޔާ އެއަތަށް ބާރުކޮށްލުމާއެކު، ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު މިޝްޔާގެ ލޮލުން ނާޒިލްއަށް ފެނުނީ ޔަޤީންކަމެވެ. މީގެ ކުރިން އެހާ ބޮޑު ޔަޤީންކަމަކާއި އިތުބާރެއް އޭނާއަށް މިޝްޔާގެ ފަރާތުން ފެނިފައެއް ނުވެއެވެ.

"ނާޒިލްއަށް ހީވަނީތަ މި ނިންމުން ފަހުން އަހަރެން ބަދަލުކޮށްފާނެޔޭ. ނޫން! އަހަރެން ވަރަށް ޔަޤީންކަމާއެކު އޭ މި ބުނަނީ. ނާޒިލް ބޭނުމެއް ނޫންތަ އަހަންނާ އެކީ އުޅޭކަށް؟ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟" މިޝްޔާ އެހެން ބުނުމުން ނާޒިލް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ލޯބިވެޔޭ... އެކަމަކު..."

"އެކަމަކު އެއް ނޫނޭ! ނާޒިލް އަހަރެން ދެކެ ލޯބިވެއެއްނު. ދެން ކީއްވެ ޖަވާބެއް ނުދެނީ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"އާޔ ޔޫ ޝުއަރ؟" ނާޒިލް މިޝްޔާގެ ކޯތާފަތުގައި އަތް ޖައްސައިލަމުން ހިނިތުންވެލިއެވެ.

"ޔެސް! މިއަށް ވުރެ ބޮޑަށް ދެން ޔަޤީންކަން ދޭނެ ގޮތެއް އަހަންނަކަށް ނޭނގޭ..." މިޝްޔާ އެހެން ބުނެލުމުން ނާޒިލް ކުޑަކޮށް ތެދުވެލާ މިޝްޔާގެ ނިތުގައި ބޮސްދިނެވެ. ނާޒިލްގެ ތުންފަތް އޭނާގެ ނިތުގައި ޖެހުމާއެކު މިޝްޔާއަށް ދެލޯ މަރައިލެވުނެވެ. އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިރުކޮޅަކު އެހެން އޮވެފައި ނާޒިލް ދުރުވެލިއެވެ. އަދި މިޝްޔާގެ އަތަށް ބާރުކޮށްލިއެވެ.

"ދެން އަހަރެން ދޫކޮށްލާފައެއް ނުދެވޭނެ އިނގޭ. މިއަދު އަހަރެން މިއަތުގައި މިހިފީ ދުވަހަކުވެސް ދޫކޮށްލާފަ ދާކަށް ނޫން. އުމުރު ދުވަހަށް މިއަތުގައި ހިފައިގެން ހުންނަން. އެކަމަކު މިޝޫ ވެސް ޖެހޭނެ އަހަންނަށްޓަކާ ކަމެއް ކޮށްދޭން!" ނާޒިލް އެހެން ބުނެލުމުން، މިޝްޔާ ދެބުމަ އަރުވައިލިއެވެ.

"ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީނަމަވެސް، ދެން މިޝްޔާ ޑްރަގްސް ޔޫސް ކޮށްގެން ނުވާނެ! ސިނގިރެޓް ވެސް، މިޝްޔާ ބޭނުން ކޮންމެ ވަގުތަކު އަހަރެންގެ އެހީތެރިކަމަށް އެދެވޭނެ. އުނދަގޫވަންޏާ ގުޅޭނެ. އެ ހެޔޮ ދަންވަރަކަސް." ކުރަން ކިހާ އުނދަގޫވާނެކަމެއްކަން އެނގުނު ނަމަވެސް، ނާޒިލް އެހެން ބުނެލީ މިޝްޔާއަށް ރަނގަޅަކަށެވެ. އޭނާގެ އެ ވާހަކަތަކުން އެކަން ނުކުރުމަށް މިޝްޔާއަށް ހިތްވަރު ލިބޭތޯއެވެ.

"ޕްރޮމިސް...؟" ނާޒިލް ސުވާލު ތަކުރާރުކޮށްލުމުން މިޝްޔާ ބޯ ޖަހައިލިއެވެ.

"އައި އެމް ސޮރީ. ދެން ނުވާނެ. ހަމަ އަސްލުވެސް ނޭނގެޔޭ މިރޭ ވީ ގޮތެއް... އައި ޑޯންޓް ނޯ..." މިޝްޔާ ބުނެލިއެވެ.

"މީގެ ފަހުންވެސް އެގޮތަށް ވިއްޔާ މައިންޑް ޑިސްޓްރެކްޓްކޮށްލާ! އަހަންނަށް ގުޅާލިޔަސް ވާނެއެއްނު! ހެހެ..." ނާޒިލް ލުއި ހިނިތުންވުމެއް މިޝްޔާއަށް ހަދިޔާކޮށްލިއެވެ.

ދެމީހުން އެގޮތުގައި ތިއްބާ ފޮތިގަނޑު ކަހާލާފައި އެތެރެއަށް ވަތް ރިފްއަތުގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ. ނާޒިލްގެ އިތުރުން މިޝްޔާއަށް ވެސް ސިހުން ލިބިގެން ދިޔައެވެ. ނާޒިލް ވަގުތުން މިޝްޔާގެ އަތުން ދޫކޮށްލިއިރު، މިޝްޔާވެސް އަތް ދަމައިގަތެވެ. އެ މަންޒަރު ރީތިކޮށް ރިފްއަތުގެ ލޮލުގައި އަޅައިގަތްނަމަވެސް، އޭނާ އެކަންތައް އެނގުނު ކަމަކަށް ނުހެދިއެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައި ތަފާތު ސުވާލުތައް އުތުރިއަރަން ފެށިއެވެ. ނާޒިލް ނުކުތްއިރު، މާކިންއާއި ނައިރާއާއި ދެމީހުން ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިއްބެވެ. ނާޒިލް ގޮސް އެ ދެމީހުން ކަިއރިއަށް ހުއްޓުމުން މާކިން ވާހަކަ ދެއްކިއެވެ،

'ދެމީހުން ވާހަކަ ދައްކާ ނިމުނީ؟ ޕްރައިވެސީ ދޭންވެގެން އަހަރެމެން ދުރަށް އައީ ދޯ ނައިރާ!" މާކިން ބުނެލިއެވެ.

"ވަރަށް ރީއްޗަށް ޕްރައިވެސީ ލިބިފައެއްނު މިހުރީ. މަ މިޝްޔާގެ އަތުގައި ހިފައިގެން އިންދާ އެތަނަށް އައީ ކަލޭ ބައްޕަވިއްޔަ..." ނާޒިލް ބުނެލިއެވެ.

"އަތުގަ ހިފައްޓައިގެން އިންދައޭ؟ ދެން ބައްޕަ އެއްޗެއް ބުނިތަ؟" މާކިން ތަފްސީލް އެނގެން ބޭނުންވިއެވެ.

"ނަސީބަކުން ނުބުނޭ!" ނާޒިލް މާކިންގެ ކޮނޑުގައި ޖަހައިލިއެވެ.

"ދެން މިޝޫގެ އަތުގަ ހިފައްޓައިގެން އިނީ ކީއްވެގެންނޭ؟ ހުރިހާކަމެއް ހައްލުވީ؟" މާކިން ލާނެތްގޮތަކަށް ސުވާލުކޮށްލުމުން ބުނާނެ އެއްޗެއް ނޭނގި ނާޒިލްއަށް އޭނާގެ ބޯ ކަހައިލެވުނެވެ.

"ދެން އިންނަންވީ؟" މާކިން ނާޒިލްއާ ދިމާކުރަން ފެށުމުން ނައިރާވެސް އެކަމުގައި ބައިވެރިވިއެވެ.

"އަދި އިނދެވޭ ހިސާބަކަށް ނުދެއެއްނު. އަނެއްކާ ބައްޕައަށް މަ ކަމުދާނެތަ؟ ވަލީ ދޭނެ؟" ނާޒިލްވެސް ދޫދޭން ބޭނުން ނުވުމާއެކު، އެކަމުގައި ބައިވެރިވިއެވެ.

ނާޒިލް ގެއަށް ދިޔައީ މިޝްޔާ ޕްރައިވެޓް ރޫމަށް ބަދަލުކުރުމުން މިޝްޔާގެ ކައިރީގައިވެސް މަޑުކޮށްލުމަށްފަހުއެވެ.

"ބައްޕަ އާއި ނައިރާ އާ ދެމީހުން ގެއަށް ގޮސްލަންވީނު ނިދާލަން. މިރޭ މިކޮޅުގަ އަޅުގަނޑު މަޑުކޮށްލާފަ މާދަމާ ނައިރާއަށް އާދެވޭނެއެއްނު. އަނެއްކާ ބައްޕަވެސް އޮފީހެއްނު." މާކިން ބުނެލިއެވެ.

"އާނ. އޮފީސް.... ޗުއްޓީއެއް ނަގަން ވިސްނައިގެން ހުރީ، އެކަމަކު ކޮންޓްރެކްޓެއްގައި ސޮއިކުރަން ބަޔަކު އަންނާތީ ކޮންމެހެންވެސް އެތަނަށް ދާން ޖެހޭ!" ރިފްއަތު ބުނެލިއެވެ.

ރިފްއަތާއި ނައިރާއާ ދެމީހުން ދިޔުމުން މިޝްޔާއާއި މާކިންއާ ދެމީހުން އެކަނިވިއެވެ.

"މިޝޫވެސް ދެން އަރާމުކޮށްލާ! ނިދާލަންވީނު." ސޯފާގައި އިށީނދެލި މާކިން ބުނެލިއެވެ.

"ދޮންބޭ!" މިޝްޔާ މާކިންއަށް ގޮވައިލުމުން މާކިން މިޝްޔާގެ ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އޭނާ ސުވާލުކޮށްލުމުން މިޝްޔާ ވާހަކަ ދެއްކިއެވެ.

"ބައްޕަ އެއްވެސް އެއްޗެއް އެހިތަ؟ އަހަރެންގެ އަތުގައި ނާޒިލް ހިފައްޓައިގެން އިންދާ ބައްޕައަށް ފެނުނު މިއަދު..." މިޝްޔާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވިއެވެ.

"ނޫން! ނުބުނޭ، އެކަމަކު ބައްޕަ އަދި އަހާނެ އެ ވާހަކަ ދޮންބެ ކައިރީގައި، އެހީމަ ތެދަށް ބުނަންވީތަ؟ ނާޒިލް ބުނެފި މިހާރު އޯކޭއޭ ހުރިހާކަމެއް މިޝޫއާ ނާޒިލްއާ ދޭތެރޭ..."

އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، މާކިންގެ ވާހަކައަށް މިޝްޔާ ބޯ ޖަހައިލިއެވެ. ނާޒިލްއާ އޭނަގެ ގުޅުން އެކަކަށްވެސް ސިއްރުކޮށްފައި ބާއްވާކަށް މިޝްޔާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ނާޒިލްގެ މީހަކަށް ވާށެވެ.

މާކިންވެސް ގޮސް ސޯފާގައި ޖައްސައިލީ މިޝްޔާ ނިދުމުންނެވެ. އޮށޯވެލިތާ މާ ގިނައިރެއްނުވެ އޭނާއަށް ވެސް ނިދިއްޖެއެވެ. ޖެހިގެން އައި ދުވަހު މާކިންއަށް ހޭލެވުނީ ހެދުނު ހަތެއްޖަހާކަންހާއިރު، ނައިރާ އައިސް ގޮވާލުމުންނެވެ.

"ހާދަ އަވަހަކަށް ތިއައީ؟" މާކިން ކުއްލިއަކަށް ނައިރާގެ އުނަގަނޑުގައި ހިފާ އޭނާގެ ގަޔާ ދިމާލަށް ދަމައިލުމުން އައިސް ވެއްޓުނީ އޭނާގެ ގައި މައްޗަށެވެ.

"ފަތިސްނަމާދަށް ހޭލާފަ ނުނިދުނީމަ، ދެން ދޫކޮށްލަބަ! މިޝޫ ހޭލަފާނެ!" ނައިރާ މަޑުމަޑުން ބުނެލިއެވެ.

"ދޫކޮށްލާ ހިތެއް ނެތޭ، މިޝޫއަށް ފެނުނަސް ނުވާނެ ކަމެއް. ވީ އާރ މެރީޑް އޭ." މާކިން ލާނެތް ގޮތަކަށް ބުނެލިއެވެ.

އައި ލަވް ޔޫ..."

"އައި ލަވް ޔޫ ޓޫ..." އެހެން ބުނެލުމަށްފަހު، މާކިން ނައިރާ އޭނާއާ އިތުރަށް ކައިރިކޮށްލިއެވެ.

ދެމީހުން އެގޮތަށް ތިއްބާ މިޝްޔާ ކަރުކެހިލިއެވެ. މާކިންއާއި ނައިރާއާ ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

"މި.. މިޝޫ ހޭލީތަ؟" މާކިންއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.

"ވީ އާރ މެރީޑް..." މާކިންއާއި ނައިރާއާއި ދެމެދު ދެކެވުނު ވާހަކަ އޭނާއަށް އަޑު އިވުނުކަން އަންގައިލުމުގެ ގޮތުން މިޝްޔާ ބުނެލިއެވެ. މިޝްޔާގެ ވާހަކަތުން ނައިރާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ.

މާކިން ގެއަށްދިޔައިރު، ރިފްއަތު އުޅެނީ ސައިބޯންވެގެންނެވެ. އޭނާ ވެސް ގޮސް ރިފްއަތާއެކު ނާސްތާގައި ބައިވެރިވިއެވެ.

"މިޝްޔާ އޯކޭތަ؟" ރިފްއަތު ސުވާލުކޮށްލިއެވެ.

"ލައްބަ!" މާކިން ކުރު ޖަވާބެއް ދިނެވެ. ރިފްއަތު ވަރަށް ފުން ނަޒަރަކުން މާކިންއަށް ބަލައިލިއެވެ. އޭނާގެ ހިތުގައި އުތުރި އަރަމުންދާ ސުވާލުތައް ރިފްއަތު މާކިންއާއި ކޮށްލީ އޭގެ އިރުކޮޅެއް ފަހުންނެވެ. މިޝްޔާއާ ނާޒިލްއާ އޮންނަ ގުޅުމާ ބެހޭގޮތުން ރިފްއަތު މާކިންއާ ސުވާލުކޮށްލުމުން ކެއުން މަޑުޖައްސައިލުމަށްފަހު، މާކިން ރިފްއަތަށް ބަލައިލިއެވެ. ވާހަކަ ފަށާނީ ކިހާ ހިސާބަކުންކަމެއް އޭނާއަކަށް ނޭނގުނެވެ.

"މާކިން..." މާކިން އެއްޗެއް ނުބުނެ އިންނަން ފެށުމުން ރިފްއަތު އަނެއްކާވެސް މާކިންއަށް ގޮވައިލިއެވެ. ރިފްއަތުގެ އެ ސުވާލަށް ޖަވާބު ދެމުން، މާކިން ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން ރިފްއަތަށް ކިޔައިދިނެވެ.

"ނާޒިލް... ހާޝިމް." ރިފްއަތަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ބައްޕަ އެގުޅުމާ ގަބޫލުނޫނީތަ؟" މާކިން ކުޑަކޮށް ހާސްވިއެވެ.

"ނޫނޭ. އެހެންނެއް ނޫން. އެކަކު މިޝޫއަށް ހާދަ އުނދަގޫވާނެޔޭ ހިތަށް މިއަރަނީ..."

"ބައްޕާ! މިޝޫ އެ ހަޤީގަތް އެކްސެޕްޓް ކުރީ ވަރަށް އުނދަގުލުން، އެހެންނޫނަސް ނާޒިލްއާ ހާޝިމްއާ އެއްވެސް ގުޅުމެއް ނޯވޭ... މިޝޫ ނާޒިލްއާ އެކު އުޅެން ހުރިއްޔާ...." މާކިން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.

"ބައްޕަ އެކަމަކަށް ހުރަހެއް ނާޅާނަން. މިހާ ދުވަސްފަހުން މިޝޫއަށް އުފަލެއް ލިބުމުން އެ އުފާ ނިގުޅައެއް ނުގަންނާނަން..." ރިފްއަތުގެ ވާހަކައިން މާކިން ހިތްހަމަޖެހުނެވެ. ކައިގެން މާކިން މައްޗަށް އެރިތަނާ ނައިރާ ގުޅާފައި މިޝްޔާ ދޫކޮށްލި ވާހަކަ ބުނެލިއެވެ.

"ދާންވީތަ؟" މާކިން ސުވާލުކޮށްލިއެވެ.

"ނޫން. ޑްރައިވަރަށް ގުޅަނީ މީ..." އެހެން ބުނެލާފައި ނައިރާ ފޯނު ބޭއްވިއެވެ.

މިޝްޔާއާއި ނައިރާއާ ދެމީހުންނަށް ހޮސްޕިޓަލުން އާދެވުނުއިރު ހުރީ ނުވަގަޑިބަޔަށް ވުރެ ބޮޑުވެފައެވެ. މިޝްޔާ ވެސް އޭނާގެ ކޮޓަރިއަށް ވަނުމުން މާކިން ނިދާލަން ދިޔައެވެ. ނައިރާ ދިޔައީ ބަދިގެ ފަރާތަށެވެ.

ކޮޓަރިއަށް ވަނުމަށްފަހު، މިޝްޔާ އެނދުގައި އޮށޯވެލިއެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުން ވުމެކެވެ. ހިތަށް ސޫރަވަނީ ނާޒިލްގެ އެ ފިރިހެންވަންތަ ކަމެވެ. އެ އަޑު ކަންފަތުގައި ހަރުލާފައި ހުރިކަހަލައެވެ. އެ ދެލޯ އެންމެ ފުރަތަމަ އޭނާއަށް ފެނުނު ދުވަހުގެ މަތިން މިޝްޔާ ހަނދާންވިއެވެ. އެއީ ފިހާރެއެއް ތެރެއިންނެވެ. އެ ދެމީހުން ގުޅުމަކީ އޭނާއަށް ހުވަފެނުގައިވެސް ލަފާކުރެވުނު ކަމެއް ނޫނެވެ. އެހެންނަމަވެސް، ތަޤީދީރަކީ ހާދަ އެހެންކަހަލަ އެއްޗެކެވެ. އެއްފަހަރު ހިތާމަ ދީފިއްޔާ އަނެއްފަހަރު ދެނީ އުފަލެވެ. އެތަކެއް އިމްތިޙާން ތަކަކަށްފަހު ވެސް މިއަދު ނާޒިލްއާއި އޭނާއާ ވަނީ އެއްތަންކުރުވާފައެވެ. ދުނިޔޭގެ ލަދާ، ހިތާމައާއި ތަދުތައް ބަލިކުރުމަށްފަހު، އޭނާއާއި ނާޒިލްގެ ލޯބި އެވަނީ މިއަދު ކުރި ހޯދާފައެވެ. އުންމީދަކީ އެ ލޯބި އުމުރު ދުވަހަކަށް އެގޮތުގައި ލެއްވުމެވެ. އެއްވެސް ބަދަލުވުމެއް ނެތިއެވެ.

މިޝްޔާ ނާޒިލްއަށް މެސެޖުކޮށްލުމާއެކު، ލަސްތަކެއްނުވެ އޭނާއަށް ނާޒިލްގެ ޖަވާބު ލިބުނެވެ. ގެއަށް ދޫކޮށްލި ޚަބަރު ލިބުމުން ނާޒިލް ބުނީ އިތުރު އުނދަގުލެއް ވާނަމަ ލަސްނުކޮށް އޭނާއަށް ގުޅުމަށެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

*****

އެދުވަހުގެ ފަހުން މިޝްޔާއާއި ނާޒިލްގެ ޙަޔާތުގެ އާބާބެއް ފެށުނެވެ. އެކުގައި ބޭރަށް ދިޔުމާއި، ގުޅައިގެން ދައްކާ ވާހަކަތަކުން އެ ދެމެދުގައި އޮތް ލޯބި ދިޔައީ ދުވަހެއް ދުވަހެއް ފުންވަމުންނެވެ. މާކިންއާއި ނައިރާގެ ދިމާކުރުންތައް ވެސް ދުވަހެއް ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. ރިފްއަތު ކަންބޮޑުވީ މިޝްޔާ އާ ދޭތެރޭ ނާޒިލްގެ އާއިލާގެ މީހުން ދެކޭނެ ގޮތަކާ ދޭތެރޭގައެވެ. އެ ވާހަކަ މާކިން ނާޒިލްއާ ދެއްކުމުން ނާޒިލް ރިފްއަތާ ބައްދަލުކޮށްފައި ޔަޤީންކަން ދިނީ މިޝްޔާއާ އޭނާގެ ގުޅުމަށް އެ ޢާއިލާގެ ފަރާތުން އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނޭ ކަމުގައެވެ. އަދި މަންމަ ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް އެވާހަކަ ހިއްސާކުރާނެކަމުގަޔާއި މަންމަމެންނާ ބައްދަލުކުރަން މިޝްޔާ ގެންދާނެކަމުގައި ނާޒިލް ބުނެލިއެވެ.

އެ ހަފްތާތެރޭގައި ބެޑް ރެސްޓު ކުރުމަށް ބުނުމަށްފަހު، ޑޮކްޓަރު ހައިފާ ދޫކޮށްލުމުން ނާޒިލް އެވާހަކަ ހައިފާއާއި ހިއްސާކުރީ ހާފިޒުއާ ވެސް ވާހަކަ ދެއްކުމަށްފަހު، ހާފިޒުގެ ލަފާއާ އެއްގޮތަށެވެ. ނާޒިލްގެ އެ ވާހަކައިން ހައިފާއަށް އުފާވެރިކަން ލިބުނެވެ. އޭނާއަށް ﷲ އަށް ޙަމްދު ކުރެވުނެވެ. ނާޒިލްގެ ޙަޔާތަށް އަލުން އުފާވެރިކަން ލިބިގެން ދިޔުންވެގެން ދިޔައީ ހައިފާގެ މުޅި ދުނިޔެވެސް އުޖާލާވި ފަދަ ކަމަކަށެވެ. ހައިފާ އެދުނީ ވީ އެންމެ އަވަހަކަށް މިޝްޔާ އެގެއަށް ގެނައުމަށެވެ.

*****

މިޝްޔާ ރީތިވެލައިގެން ތިރިއަށް އައިއިރު ސިޓިން ރޫމުގައި ނައިރާގެ އިތުރުން މާކިންއާއި ރިފްއަތު ވެސް އިނެވެ. އެންމެން އޭނާއާ ދިމާލަށް ބަލަން ފެށުމުން މިޝްޔާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ.

"މީ... ބަލާ އެބަ އާދޭ..." ބުނާނެ އެއްޗެއް ނޭނގި އެންމެ ފަހުން މިޝްޔާއަށް ބުނެވުނެވެ.

"ނާޒިލްތަ ބަލާ އަންނަނީ؟" ރިފްއަތު ސުވާލުކޮށްލުމުން މިޝްޔާ ބޯ ޖަހައިލިއެވެ. މިޝްޔާގެ ފޯނު ރިންގްވީ އެވަގުތެވެ. ގުޅީ ނާޒިލްއެވެ. އޭނާ ބުނީ ތިރީގައި ކަމުގައެވެ. މިޝްޔާ ނުުކުންނަން ދިޔުމުން މާކިންވެސް ތެދުވިއެވެ. އޭނާ ވެސް މިޝްޔާގެ ފަހަތުން ނުކުތެވެ. ގޭޓުން ނުކުތްއިރު، ނާޒިލް ކާރުގައި މަޑުކޮށްލައިގެން އިނެވެ. މިޝްޔާ ގޮސް ކާރަށް އަރާ އިށީނުމުން، ނާޒިލް ލޯގަނޑު ތިރިކޮށްލީ އެ ދިމާލަށް އައި މާކިން ފެނުމުންނެވެ. އޭނާ ނާޒިލްއާ ދިމާކުރަން ފެށުމުން މިޝްޔާ ލަދުގަންނަ ގޮތްވިއެވެ.

"ރަނގަޅަށް ބަލާތި މިޝޫއަށް. މައިޓުއާ މީޓް ކުރުވަން ގެންދާތީ ނުލާހިކު ހާސްވެސްވެފަ އެހުރީ..."

ނާޒިލް ހިނިގަނޑެއް ޖަހައިލުމަށްފަހު، ލޯގަނޑު މައްޗަށް އަރުވައިލިއެވެ. އެއަށްފަހު، އޭނާ މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ ލާފައިހުރީ ނޫކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ޖީންސްއެކެވެ. ލުއިލުއިކޮށް މޭކަޕް ކޮށްފައިވާއިރު، އިސްތަށިގަނޑު އޮތީ ވިރުހުރާވާލާފައެވެ. ކަޅި ޖަހާނުލާ ނާޒިލްއަށް މިޝްޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މިޝްޔާގެ ރޫފަ ރަނގަޅުވެލާފައިވާއިރު، ކުރިން ލޯދޮށުގައި ހުރި ކަޅުކަންވެސް ދިޔައީ ފިލަމުންނެވެ. މަޑުމަޑުން މިޝްޔާގެ އަތުގައި ހިފައިލަމުން ނާޒިލް ވާހަކަ ދެއްކިއެވެ.

"އެ ތެދެއްތަ؟ ވަރަށް ހާސްވެފަ ތަ ތިއިނީ؟"

މިޝްޔާ ބޯ ޖަހައިލުމުން ނާޒިލް ވާހަކަ ދެއްކިއެވެ.

"އެ ކީއްވެ؟ އެހާ ހާސްވާ އެއްޗެއް ނޫނޭ..." ނާޒިލް މިޝްޔާ ހިތްހަމަޖައްސުވައިދޭން މަސައްކަތްކުރިއެވެ.

"ނާޒިލް ބުނިންތަ އަހަންނަކީ ކޮންކަހަލަ މީހެއްކަން. މިބުނީ އަހަރެން ޑްރަގް..." އެހިސާބަށް ބުނެފައި މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެކަމުން އެކަނިވެސް އޭނާ ކަންބޮޑުވެފައިވާވަރު ނާޒިލްއަށް ފަހުމްވިއެވެ.

"އަހަރެން ބޭނުމެއް ނޫން އެއިން އެއްވެސް މީހެއް އޮޅުމެއްގެ ތެރޭގައި ބަހައްޓާކަށް. އެކަމަކު އައި ޕްރޮމިސް. ދެން ދުވަހަކުވެސް އަހަރެން ޑްރަގް ޔޫޒް އެއް ނުކުރާނަން. ނާޒިލް އަހަންނާއެކު ހުރިހާ ދުވަހަކު އަހަންނަށް އެނގޭ އަހަންނަށް ބޭނުންވާ ސަޕޯޓް ދޭނެކަން." މިޝްޔާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

"ޝްޝްޝް، ޑްރަގްގެ އެއްވެސް ވާހަކައެއް މީގެ ފަހުން ނުދައްކާނެ! އެއީ މިޝްޔާގެ ޙަޔާތުން ނިމިފައޮތް ޗެޕްޓާރ އެއްނު. މަންމަމެން ކައިރީގައި އަހަރެން އެއްވެސް ވާހަކައެއް ސިއްރުކޮށްފައެއް ނޯންނާނެ. އެނގެން ޖެހޭ ވަރަށް އެމީހުންނަށް ކިޔައިދީފަ އޮންނާނީ... ސޯ ޔޫ ޑޯންޓް ވޮރީ." ނާޒިލް ގެ ވާހަކަތަކުން މިޝްޔާއަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ކާރު ސްޓާރޓް ކޮށްލުމަށްފަހު، ނާޒިލް އޭނާގެ ގެއާ ދިމާލަށް ކާރު ދުއްވައިލިއެވެ. ލިލީ ހައުސްގެ ގޭޓުން ކާރު ވައްދައިލުމުން ވަށައިގެން އެ ގޯތިތެރެއަށް މިޝްޔާ ބަލައިލިއެވެ. ތަނަވަސް ގޯއްޗެކެވެ. ގޭގެ ގޯތިތެރޭގައި ކާޕެޓް ވިނަ ހައްދާފައިވާއިރު އެއްފަރާތުގައި ހަޓެއް ފާޑު ތަނެއް ހަދާފައި ހުރީ ބާބެކިޔުވެސް ހެދޭ ފަދަ ގޮތަކަށެވެ. ތަފާތު ވައްތަރުގެ މާގަސް އިންދާފައި ވުމުން ތަނުގައި ވަނީ އާފަޔާ ޚިލާފް ރީތިކަމެކެވެ. ހަވީރުގެ ވަގުތުކަމުން އެ މަންޒަރު ކިތަންމެ ހާވެސް ރީއްޗަށް މިޝްޔާގެ ލޮލުގައި އަޅައިގަތެވެ.

ގޭގެ ކުރިމައްޗަށް ވާގޮތަށް ކާރު ޕާކުކޮށްފައި، ނާޒިލް ކާރުން ފޭބުމަށްފަހު، ގޮސް މިޝްޔާ އިން ދިމާ ދޮރުފަތް ހުޅުވައިލިއެވެ. ނާޒިލް އޭނާގެ އަތް ދިއްކޮށްލުމުން އެ އަތުގައި ހިފައިގެން މިޝްޔާ ފޭބިއެވެ. އޭނާ ވަށައިގެން އެގެއަށް ބަަލައިލިއެވެ. ހީކުރި ވަރަށް ވުރެވެސް އެގެ މާ ބޮޑެވެ. ބޭރުންވެސް ގޭގެ ހައިބަވަންތަކަން ފެންނަމުން ދިޔައެވެ. ގެއަށް ވަންނަ ދިމާ ބޭރު ބޮޑު ދޮރުގެ އެއްފަރާތުގައި ހިޔާކޮށްފައި ހުރިބައިގައި ސޯފާތައް ބަހައްޓާފައި ކޮފީ މޭޒެއް ބަހައްޓާފައިވެއެވެ. އެތަނުގައިވެސް ތަފާތު ވައްތަރުގެ ގަސްތައް ބަހައްޓާފައިވުމުން މުޅި ތަނަށް އިތުރު ދިރުމެއްގެނެސް ދެމުން ދިޔައެވެ.

"ހިނގާ ދަމާ!" ނާޒިލް މިޝްޔާގެ އަތަށް ބާރުކޮށްލިއެވެ. ދެމީހުން އެތެރެއަށްވަތްއިރު، ހާފިޒު ސިޓިން ރޫމުގައި ހުއްޓެވެ.

"ދަރިފުޅާ! މީ ދޯ މިޝްޔާއަކީ... ކިހިނެއްތަ؟" ހާފިޒުގެ އަޑުން މިޝްޔާއަށް އޯގާތެރިކަން އެވަގުތުކޮޅުވެސް އިޙްސާސްވިއެވެ.

"ކޮބާ މަންމަ؟" ނާޒިލް ސުވާލުކޮށްލިއެވެ.

"ކޮޓަރީގައި... ނުކުންނަން އުޅުނީމަ ބައްޕަ ބުނީ އައިމައޭ ނުކުންނާނީ..." ހާފިޒު އެހެން ބުނެލިއިރުވެސް މިޝްޔާއަށް ވަށައިގެން އެގެއަށް ބެލެމުން ދިޔައެވެ. ގޭގެ ޑިޒަައިން ފުރިހަމަވެފައި ޗާލެވެ. މައްޗަށް އެރެން ބޮޑު ސިިޑިއެއް ހުރިއިރު ގޭގައި ބަހައްޓާފައި ހުރި ޝާހީ ސޯފާތަކާއި، މަތީގައި އެލުވާފައިވާ ޗާނދަލިޔާތަކުން ވެސް ގޭގެ ހައިބަވަންތަކަމާއި މުއްސަނދިކަން ރަމްޒުކޮށްދެމުން ދިޔައެވެ.

ނާޒިލް މިޝްޔާ ގޮވައިގެން ހައިފާގެ ކޮޓަރިއަށް ގޮސް ވަތްއިރު، ހައިފާ އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިނެވެ. އޭރުވެސް އޭނާގެ އެއްއަތުގައިވަނީ ޕްލާސްޓަރު އަޅާފައެވެ. ހައިފާ އެއްއަތުން އޭނާގެ ބުރުގާ ރީތިކޮށްލަމުން އައުމަށް އިޝާރާތްކޮށްލިއެވެ. ނާޒިލްއާއި މިޝްޔާއާއި ދެމީހުން ގޮސް ހައިފާގެ ގާތުގައި މަޑުކޮށްލިއެވެ. މިޝްޔާ އެނދުގެ އެއްފަރާތުގައި އިށީނދެލުމުން ހައިފާ ކުޑަކޮށް މިޝްޔާގެ ގައިގައި ބައްދައިލިއިރު އުފާވެފައި ވާވަރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

ސައިބޯންވެގެން އެންމެން ނުކުތީ ބޭރުގައި ހުރި ސޯފާތަކަށެވެ. ހައިފާ އަނގަ ހުއްޓާނުލައެވެ. އޭނާ ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ. މިޝްޔާގެ މަޑުމައިތިރިކަން އޭނާއަށް ވަރަށް ކަމުދިޔައެވެ. މިޝްޔާ ނާޒިލްއަށް ބަލައިލުމަށްފަހު، ހިނިތުންވެލުމުން ނާޒިލް ބޯ ޖަހައިލިއެވެ.

*****

ހިތާމަޔާއި ހިތްދަތިކަމަށްފަހު އުފާވެރިކަމުން ހިތްތަކަށް ހަމަޖެހުން ގެނުވާފައިވަނިކޮށް އެ އުފާވެރިކަން ދެގުނަވެގެން ދިޔައީ ނައިރާ ބަނޑު ބޮޑުކަން އެނގުނު ހިސާބުންނެވެ. އެ ހިސާބުން މާކިން އޭނާގެ ވަގުތުތައް ވީހާވެސް ގިނައިން ނައިރާއާއެކު ހޭދަކުރެވޭތޯ ބަލަމުން ދިޔައެވެ. އެގޮތުގައި ހަ މަސް ދުވަސް ފާއިތުވެގެން ދިޔައެވެ.

ރޭގަނޑެކެވެ. ނާޒިލްއާއި މާކިންއާ ދެމީހުން ރެސްޓޯރެންޓަށް ވަނުމަށްފަހު، ނައިރާއާއި މިޝްޔާއާ ވީތަނެއް ބަލަން ގުލައިލިއެވެ. އެ ދެމީހުން އައުމުން ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު، އެކި އެކި ވާހަކަތަކުގައި އެންމެން މަސްއޫލުވިއެވެ.

"ކޮން އިރަކުން ދެން މެރީ ކުރަނީ؟" މާކިން ސުވާލުކޮށްލީ ނާޒިލްއަށް ބަލައިލަމުންނެވެ.

"ވަރަށް އަވަހަށް ދޯ!" ހީލާފައި ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.

ފޯނުން ފޭސްބުކް ހުޅުވައިލި ވަގުތު ފެނުނު ފޮޓޯއެއްގެ ސަބަބުން މިޝްޔާގެ ޠަބީއަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނާ އެ ޚަބަރުގެ ހެޑްލައިން ކިޔައިލިއެވެ. މިޝްޔާއަށް އައި ބަދަލު ނާޒިލްއަށް ފާހަގަކުރެވުމާއެކު، އޭނާ މިޝްޔާގެ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" މާކިން ފޯނު އަތުލަމުން އޭގައި ލިޔެފައިވީ އެއްޗެއް ކިޔައިލަމުން ނައިރާއަށް ދައްކައިލިއެވެ. އޭގައި އޮތީ މަސައްކަތްކުރަމުން ދިޔަ އޮފީހުގައި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހާޝިމް ހައްޔަރުކުރި ވާހަކައެވެ. މާކިން އެ ޚަބަރު ކިޔައިލިއެވެ. އެއަށްފަހު، އޭނާ މިޝްޔާއަށް ފޯނު ދެމުން އެކަމާ ނުވިސްނުމަށް ބުންޏެވެ. ހާޝިމްގެ މައްޗަށް އެ ދައުވާ ސާބިތުވާނަމަ ކިހާ ރަނގަޅުހޭ މާކިންގެ ހިތަށްއެރިއެވެ. މިޝްޔާފަދަ ކިތަށް ކުދިންގެ ދިރިއުޅުން އެގޮތަށް އޭނާ ބަރުބާދު ކޮށްލާފައި ވާނެހެއްޔެވެ؟ ދެރައީ ކުށްކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާތިއެވެ. ދުވަސްކޮޅަކު ބަންދުގައި ބެހެއްޓުމަށްފަހު، ދޫކޮށްލާތީއެވެ.

"އެ ކުއްޖާއަށް އިންސާފުލިބެން އަަހަރެން ބޭނުން. އަހަރެންގެ މާޒީ އަލުން ނިއުޅާކަށް ނެތިން. އަދި އެކަމަށް އޭނާއަށް އަދަބުދޭކަށްވެސް. އެކަމަކު އިތުުރު ކުއްޖަކު އެފަދަ އަނިޔާތަކެއްގައި ހައްޔަރުވާކަށް ބޭނުމެއް ނޫން!" މިޝްޔާ ބުނެލިއެވެ. މާޒީއަށް ފަސްއަޅާ ފޮރުވުމަށްފަހު އަލުން އެ މާޒީ ހާވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއަދު އޭނާއަށް ބޭނުންވާ ހުރިހާ އުފަލެއް ވަނީ ލިބިފައެވެ. ކޮންމެވެސް ދުވަހަކުން ހާޝިމްއަށް ވެސް އޭނާ ކުރި ކުށުގެ ޝަޒާ ލިބޭނެއެެވެ.

ކައިގެން މާކިންއާއި ނައިރާއާ ދެމީހުން ގެއަށް ދާން މިސްރާބު ޖެހިނަމަވެސް، ނާޒިލް ބޭނުންވީ މިޝްޔާއާއެކު އަދި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިޝްޔާއަށް އެ ޚަބަރުން އުނދަގޫވެއްޖެކަން އޭނާއަށް ދެނެގަނެވުނެވެ.

މާކިންއާއެކު ކާރުގައި އިނދެފައި ނައިރާ އޭނާގެ މަންމައާ ބައްދަލުކޮށްލަން ދާން އެދުނެވެ. އެކަމާ މާކިންވެސް ދެކޮޅެއް ނުހަދައެވެ. ދެމީހުން އެކުގައި ޒުބައިދާއާ ބައްދަލުކުރަން ދިޔައެވެ. ނައިރާ ބޭނުންވީ ހާޝިމްގެ ވާހަކަތައް ޒުބައިދާއަށް ކިޔައިދޭށެވެ. އަދި އޭނާއާ ދޭތެރޭ ހާޝިމްގެ ނިޔަތްހުރިގޮތްވެސް މެއެވެ. ޒުބައިދާ ހާޝިމްއާ ވަކިވުމަކީ އޭނާ ބޭނުންވާ ގޮތެވެ. ނަމަވެސް ޒުބައިދާގެ ފަރާތުން އެ ދެމީހުންނަށް ލިބުނީ ހީކުރި ވަރަށްވުރެވެސް ހިތި މަރްޙަބާއެވެ. އެރޭ ޒުބައިދާ ނައިރާއާ ދިމާލަށް މީގެކުރިން ދުވަހަކުވެސް ނުކިޔާ އެތަކެއް އެއްޗެއް ކިޔެެވެ. އޭނާ ނައިރާ ދެކެ އެހާ ރުޅި އަންނަނީ ކީއްވެތޯ ނައިރާ ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބުވެސް ޒުބައިދާ ދިނެވެ. އޭނާ ބުނީ ނައިރާގެ ބައްޕަ ޒަރީރު އޭނާއާ އިނދެގެން ހުރެ އެހެން އަންހެނަކާ ގުޅުން ބާއްވަމުން ދިޔަ ކަމުގައެވެ. ނައިރާއަށް ފަހުމްވީ ދެނެވެ. ޒުބައިދާގެ އެ ނަފްރަތަކީ އޭނަ ޒަރީރުދެކެ ކުރަމުން އައި ނަފްރަތެވެ. އޭނާއަކީ ޒަރީރުގެ ދަރިއެއްކަމުން އެ ނަފްރަތު ޒުބައިދާ އޭނާއަށް ވެސް ކުރަނީއެވެ. ރޮމުން ރޮމުން އެގެއިން ނައިރާއަށް ނުކުންނަން ޖެހުނުއިރު، އޭނާ އުންމީދުކުރީ އަދިވެސް ކޮންމެވެސް ދުވަހަކުން އެ މަންމަގެ ލޯބި އޭނާއަށް ލިބޭނެކަމުގައެވެ. ނައިރާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ މާކިންގެ ފަރާތުންނެވެ. މާކިންގެ ހިތްވަރުގެ ބަސްތަކުން އޭނާގެ ހިތުގައި ގަނޑުފެން އަޅައިލަދިންފަދައެވެ.

***

"އަހަރެމެން މެރީ ކުރާނީ ކޮން އިރަކުން؟ މިހާރު އަހަރެންވެސް ވަރަށް ރަނގަޅެއްނު. ބޭސް ހުއްޓާލިތާވެސް ވީކްއެއް ވީ..." ކާރުގައި އިން މިޝްޔާ ސުވާލުކޮށްލިއެވެ. އޭނާ ބޭސް ހުއްޓައިލި ނަމަވެސް އަދިވެސް ދިޔައީ ތެރަޕީ ނަގަމުންނެވެ.

"ވަރަށް އަވަހަށް... އަހަންނަށް ކުޑަކުޑަ ވަގުތުކޮޅެއް ދީ... އަހަރެން ނުދާނަމޭ މިޝްޔާ ދޫކޮށްލާފައެއް." ނާޒިލް ބުނެލިއެވެ. އެރޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި ގެއަށްއައިރު މިޝްޔާވެސް ހުރީ ހަމަޖެހިފައެވެ. ނިދަން އޮށޯތުމަށްފަހު، ވެސް ދެ މީހުން އެތައް އިރަކު ފޯނުގައި ތިއްބެވެ.

*****

އެއާ ޖެހިގެން އައި ހަފްތާތެރޭގައި، މިޝްޔާ ނާޒިލްއާ ދިމާކުރަން ބުނި ނަމަވެސް ބިޒީ ކަމަށްބުނެ ނާޒިލް މިޝްޔާއާ ދިމާކުރުމަށް އިންކާރުކުރިއެވެ. އެގޮތުގައި ހަފްތާއެއް ފާއިތުވެދިޔަފަހުން ފުރަތަމަ ފަހަރަށް މިޝްޔާ ޝަކުވާކުރިއެވެ. މިޝްޔާ ދެރަވެފައިހުރުމުން ނާޒިލް މާފަށް އެދުމަށްފަހު، މިރޭ ތައްޔާރުވެގެން ހުންނަން ބުނެލިއެވެ. އެރޭ މިޝްޔާ ފެންވަރަން އުޅެނިކޮށް ނައިރާ އައިސް ކޮޓަރިއަށް ވަނެވެ.

"ކޮންތާކަށް ދާން؟"

"ނާޒިލްއާއެކު ބޭރަށް." މިޝްޔާ އަލަމާރީގައި ހުރި ހެދުންތައް ހާވަމުން ބުނެލިއެވެ.

"ރެޑްކުލައިގެ ހެދުމެއް ލާބަލަ! ގަމީހެއް ނޫން މި ބުނީ... ހެދުމެއް." ނައިރާ ބުނެލިއެވެ. އޭނާއަށް މިޝްޔާއަތުގައި އެ ކުލައިގެ ހެދުމެއް ނޯންނަކަން ހަމަ ރަނގަޅަށްވެސް އެނގެއެވެ.

"ނެތޭ..."

"އަހަރެން އަތުގައި އެބައިން ހަމަ ނުލާ އިން އާ ހެދުމެއް. އަހަންނަށް ބާރުވީ އޭތި. އަދި އަމްދުން ދެން ނުލެވޭނެއެއްނު އެޔެއް. ގެނެސްދެންތަ؟" މައުނަވީ ހިނިތުންވުމަކާއެކު ނައިރާ ބުނެލިއެވެ. މިޝްޔާ ބޯ ޖަހައިލުމުން ނައިރާ ގޮސް އެ ހެދުން ހިފައިގެން އައެވެ. އެއީ ރަތްކުލައިގެ ކަކުލާ ހިސާބަށް އަންނަ ވަރުގެ ހެދުމެކެވެ. މޭމަތީގައި އެސްތަކެއް ޖަހާލާފައި ބަނޑާދިމާލުގައި ކަޅުކުލައިން ބަންދެއްލާފައި ވާއިރު ހިތްގައިކެވެ. ފެންވަރައިގެން މިޝްޔާ އެ ހެދުން ލައިގެން އައުމުން އޭނަ ރީތިކޮށްދިނީވެސް ނައިރާއެވެ.

"ޑޭޓަކަށް ދާއިރު ވާނެއޭ ރީތިވާން.." ނައިރާ ބުނެލިއެވެ. ރީތިވެ ނިމިގެން މިޝްޔާ އެރީ ނައިރާ ގެނެސްދިން ކަޅުކުލައިގެ ހީލްއަކަށެވެ. ފަން އިސްތަށިގަނޑުވެސް ކުޑަކޮށް "ކާރލް" ކޮށްލުމުން ހިތްގައިމުގޮތެއް ހުއްޓެވެ. ކޮށްފައިވާ މޭކަޕްވެސް މިޝްޔާއާ ނުހަނު ގުޅެއެވެ. މިިޝްޔާ ނުކުންނަން އުޅެނިކޮށް ނާޒިލްގެ ފޯނެއް އޭނާއަށް އައެވެ. އޭނާ ބުނީ ކުޑަކަމެއްވެގެން ބަލާ ނާދެވޭނެކަމުގައެވެ. މާކިންއާއެކު އައުމަށެވެ. މިޝްޔާއަށް ނާޒިލް ކޮންމެވެސް ކަމެއް ކުރަނީ ކަމުގައި ޝައްކުވިއެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުުބުނެއެވެ.

މިޝްޔާ ދިޔައީ މާކިންއާ އެކުގައެވެ. ހޮޓެލް ކައިރިއަށް މިޝްޔާ ބޭލުމަށްފަހު، މާކިން ނާޒިލްއަށް މެސެޖެއްކޮށްލިއެވެ. އެއާއެކު ނާޒިލް މިޝްޔާއަށް ގުޅިއެވެ. އޭނާ ބުނީ ރެސްޓޯރެންޓްގެ ޓެރެސްއަށް އެރުމަށެވެ. ރެސްޓޯރެންޓަށް ވަނުމަށްފަހު، މިޝްޔާ ލިފްޓުން މައްޗަށް އެރިއިރު ތަނުގައިވަނީ އަނދިރިކަމެވެ. އޭނާ ޓެރެސްގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނެވެ. ވަށައިގެން ހޯދައިލަމުން އޭނާ ނާޒިލްއަށް ގޮވައިލީ ތަން އަނދިރިކަމުންނެވެ. ނާޒިލްގެ އަޑެއް ނީވުމުން ފަސް އެނބުރި ދާން އުޅުނު ވަގުތު އެކި ކުލަކުލައިން މުޅިތަން އަލިވުމާއެކު އޭނާއަށް ފަހަތަށް ބަލައިލެވުނެވެ. ނާޒިލް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި ހުރިއިރު ވަރަށް ހިތްގައިމެވެ. އެހާ އޮފިޝަލްކޮށް ހުރުމުން އެ ފިރިހެންވަންތަކަންވަނީ އިތުރުކޮށްދީފައެވެ. އަރާފައިހުރީ އޮފްކަން ގަދަ ކަޅު ބޫޓަކަށެވެ. އިސްތަށިގަނޑު އޮތީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ތަނަށް ވަށައިގެން ބަލައިލުމާއެކު ތަނުގެ އެއްފަރާތުގައި ހުރި މޭޒު ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އުއްބައްތިތައް ދިއްލާފައިހުރުމުން އެތަން ވެސް ފެެންނަނީ އާދަޔާ ޚިލާފުރީތި ގޮތަަކަށެވެ.

މިޝްޔާ ފެނި ނާޒިލްއަށް ވެސް ހުރެވުނީ ބަސްހުއްޓިފައެވެ. މިރޭ މިޝްޔާ އެހާވެސް ރީއްޗެވެ. އެ ހެދުމާ ފައިވާން ގަތުމަށް އޭނާ އެހީތެރިކަން ހޯދީ ނައިރާގެ ފަރާތުންނެވެ.

މިޝްޔާގެ ނަޒަރު ހުއްޓުނީ ނާޒިލްގެ ފަހަތުގައި ހުރި ބެކްޑްރޮޕްގައި ލިޔެފައިވާ ބަސްތަކަށެވެ. އެއާއެކު މި ހުރިހާ ކަމަކީ ވެސް އެންމެން ޕްލޭން ކޮށްގެން ކުރި ކަމެއްކަން މިޝްޔާއަށް އެނގުނެވެ. އަދި ނާޒިލް އޭނާ އާ ކުޑަކޮށް ދުރުވެލި ސަބަބުވެސް އޭނާއަށް ފަހުމްވިއެވެ. އުފާވެރިކަމުގެ ކަރުނަ މިޝްޔާގެ ދެލޮލުން ނީރާލިއިރު އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހަދާނެ ގޮތެއް ނޭނގި ހުއްޓާ ނާޒިލް މަޑު ހިނގުމެއްގައި އައިސް ޖީބުން ކޮންމެވެސް އެއްޗެއް ނަގަމުން އެއްފައި މައްޗަށް އިށީނދެލިއެވެ. އޭނާ ނެގީ ރަތްކުލައިގެ މަހުމާ ފޮއްޓެކެވެ. އެ ހުޅުވައިލަމުން ނާޒިލް ސުވާލުކޮށްލިއެވެ.

"ވިލް ޔޫ މެރީ މީ؟" އަނގޮޓީގައި ޖަހާފައިވާ ޖަވާހިރުގެ ވިދުން އެ އަލިކަމުގެ ތެރެއިން ފެންނަނީ ހުވަފެނީ ގޮތަކަށެވެ.

"ޔެސް... ޔެސް ޔެސް..." އަތް ދިއްކޮށްލަމުން މިޝްޔާއަށް ބާރަށް ބުނެވުނެވެ. ނާޒިލް މަޑުމަޑުން އަނގޮޓި ނަގާ މިޝްޔާގެ އަތުގައި އަޅުވައިދެމުން އެ އަތަށް ބޮސް ދިނެވެ. އެއަށްފަހު އޭނާ ތެދުވެލިއެވެ. މިޝްޔާ ނާޒިލްގެ ގައިގައި ބައްދައިލިއެވެ. ނާޒިލްވެސް އޭނާގެ ދެއަތުގެ ހިމާޔަތް މިޝްޔާއަށް ދިނެވެ. ދެމީހުންގެ އުންމީދަކީވެސް އުމުރުދުވަހު އެކުގައި ވުމެވެ. ވީއެންމެ އަވަހަށް ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމެވެ.

"އަހަރެން މިޝްޔާދެކެ ވަރަށް ލޯބިވޭ!" ނާޒިލް އެ ހުރިގޮތަށް ހުރެ ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ލޯބިވޭ!" މިޝްޔާ ބުނެލިއެވެ. އޭރު ވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނާޒިލް މިޝްޔާ ދުރުކޮށްލިއެވެ. އަދި އެ ކަރުނަތައް ފުހެދިނެވެ. އޭނާ ވައުދުވީ އުމުރު ދުވަހު މިޝްޔާ އުފަލުގައި ގެންގުޅޭނެކަމަށެވެ. މާޒީގެ ހިޔަނި އެ ދެމީހުންގެ މުސްތަޤުބަލަށް ނޭޅޭނެކަމުގައެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު މިޝްޔާއަށް ކަރުނައިގެ ތެރެއިންވެސް ހިނިތުންވެވުނެވެ. ނާޒިލްގެ އެ އަޅިކުލައިގެ ދެލޮލުން އޭނާއަށް ތެދުވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. އޭނާއަށްޓަކައި ވާ މަތިވެރި ލޯބި އެ ދެލޮލުން ފާޅުވަމުން ދިޔައެވެ. ނާޒިލްއަކީ މިއަދު އޭނާގެ މީހެކެވެ. އާއެކެވެ. ހާޝިިމްގެ އެ އަނިޔާވެރިކަން އޭނާގެ ހިތާ ދުވަހަކު ވަކިނުވިއެއްކަމަކު ނާޒިލްގެ ލޯތްބާ އޯގާތެރިކަމުގެ ސަބަބުން އެ އަސަރުތައް ވަނީ ފަނޑުވެފައެވެ. އެހެން މީހެއްގެ ކުށެއްގެ ޝަޒާ އޭނާ ދުވަހަކުވެސް ނާޒިލް އަކަށް ނުދޭނެއެވެ. ނާޒިލް މަޑުމަޑުން މިޝްޔާގެ ނިތުގައި ބޮސް ދިނުމާއެކު، މިޝްޔާ ދެލޯ މަރައިލިއެވެ.

(ނިމުނީ)

ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށްވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބްރަތްތެރި، ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު