މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިނުދޭ ކަމަށް ސްޓެލްކޯއިން ބުނި ވާހަކަ ސިޓީ ކައުންސިލުން ދޮގުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ސިނަމާލެ ދޭއް ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް އޮންނަ ޕާކިންޒޯނާ ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަންގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިގެން ވެސް އެކަން ހަމަޖައްސައިދީފައިނުވާ ކަމަށެވެ.
އެކުންފުނިން ބުނީ ޓްރާންސްފޯމަރުތައް އަވަހަށް ނުބެހެއްޓިއްޖެނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައް ވެސް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި، ކުރިއަށް އޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތައް ކަމުގައިވާތީއާއި ރޯދަ މަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ އެ ބިންތައް ހަމަޖެހި އެ ޓްރާންސްފޯމަރުތައް ވީ އެންމެ އަވަހަށް ބެހެއްޓުމަށް ބޭނުންވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައް ވެސް އެ ކުންފުނީގައި އެބަ ހުރިކަމަށެވެ.
ސްޓެލްކޯގެ ވާހަކަތަކަށް ރައްދުދެއްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯއިން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ސްޓެލްކޯއިން އެދުނު ހުރިހާ ހުއްދައެއް ދީފައިވާނެ ކަމަށެވެ.

"ސްޓެލްކޯއަށް ދޫކޮށްފައިވާ ބައެއް ތަންތަން ދެބުރިއަށް ވެސް ހަދައިފައި ހުރީ. އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަނެއް ނޫން. ބިންތައް ރަޖިސްޓްރީކުރެވޭނީ އެކަމާ ބެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން." މުއިއްޒު ވިދާޅުވިއެވެ.
އަދި، ސްޓެލްކޯއިން އެދުނު ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯ އެންގި ނަމަވެސް އެ ކުންފުނިންން ބޭނުންވެގެން އުޅެނީ އެ ބިންތައް އެ ކުންފުންޏަށް ރަޖިސްޓްރީކުރަން ކަމަށް މޭޔަރު ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކަމަށް 2021ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލްގައި އެދެމުންދާ ކަމަށާއި، އެގޮތަށް ބިން ހަމަޖައްސައިނުދީފި ނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި، އެ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް ހަމަޖައްސައިދިން ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށް ގެއްލުމެއް އަދި އަސަރެއް ވެސް ނުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.