ވޯލްޑް މެރިޓައިމް ޔުނިވާސިޓީއާއި ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ދެމެދު މެރިޓައިމް ސިނާއަތަށް މީހުން ބިނާކުރުމަށް މަޝްވަރާކޮށްފިއެވެ.
އޮންލައިންކޮށް ކުރިޔަށްގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސް ބޭފުޅުންނެވެ.
ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެ ޔުނިވާސިޓީގެ ރައީސް ޑރ. ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އާއި ނައިބް ރައީސް ޕްރޮފެސާ މާ ޝުއޯ އެވެ.
މި ބައްދަލުވުމުގައި ޑރ. ޑޮމްބިއާ ހެންރީ ވަނީ، ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކުރު މުއްދަތުގެ ކޯސްތައް ހިންގަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމާއެކު ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިއަށްގެންދާ 50އަށް ވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުއްވައި ދެއްވާނޭކަމުގެ ޔަގީންކަން އެ ޔުނިވާސިޓީގެ އިސްވެރިން ވަނީ ދެއްވާފައެވެ.
މީގެ ކުރިން އެ ޔުނިވާސިޓީން ރާއްޖޭގެ 15 މީހަކު ވަނީ ތައުލީމު ހާސިލްކޮށްފައެވެ.
ޑރ. ޑޮމްބިއާ ހެންރީ ވިދާޅުވީ އެ މީހުން ރާއްޖޭގައި ތިބުމާވެސް އެކު އެމީހުންގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެ ކަމަށެވެ. އަދި އެ ޔުނިވާސިޓީގައި މިހާރުވެސް ރާއްޖޭގެ ދެ ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ތިބެގެން، އޮންލައިންކޮށް އެ ޔުނިވާސިޓީގެ ޕޯސްޓް ގްރެޖުއޭޓް ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވޯލްޑް މެރިޓައިމް ޔުނިވާސިޓީން ބުނެއެވެ.
1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން 1983 ވަނަ އަހަރު ވޯލްޑް މެރިޓައިމް ޔުނިވާސިޓީ އުފެއްދީ، ބައެއް ގައުމުތަކުގައި، ޚާއްސަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ގާބިލު، ކަނޑާ ގުޅޭ މަތީ ތައުލީމާއި ތަޖުރިބާކާރުންގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރެެވުމުންނެވެ.
އެ ޔުނިވާސިޓީ ހުންނަނީ ސްވިޑެންގައެވެ.
ރާއްޖޭގައި ގާނޫނީ ދާއިރާއާއި ބަނދަރު ހިންގުމުގެ ދާއިރާއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިންޝުއަރަންސްއާ ގުޅޭ ދާއިރާތަކުގައާއި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި އެ ޔުނިވާސިޓީއިން ތައުލީމު ހާސިލުކޮށްފައިވާ މީހުން ދަނީ ގައުމަށް ޚިދުމަތް ކުރަމުންނެވެ.