ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލު އާންމުކޮށްފި

ތިލަފުށީ ދެވަނަ ފިޔަވަހީގެ މޮޑެލްއެއް -- ސަން ފޮޓޯ/ މުހައްްމަދު ޝާތިއު

ތިލަފުށިން ސިނާއީ ބޭނުމަށް ފިޔަވަހިތަކަށް ބަހާލައިގެން ބީލަމުގެ އުސޫލުން ބިން ވިއްކާނެ ގޮތުގެ ތަފްސީލު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފިއެވެ.

ސިނާއީ މައި މަރުކަޒަށް ތިލަފުށި ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާ މިއީ ފުރަތަމަ ފަހަރެވެ. ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި 'ޒޯން އޭ'ގެ ބިންތަކެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:

  • އަމިއްލަ މީހެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން (ދިވެހިން އަދި ބޭރު މީހުން)
  • ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުން
  • ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރު މީހެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ދޫކުރުން
  • ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ

ތިލަފުށިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާ އަކަށެވެ. އެއީ ޝައުގުވެރިވާ ބިމަށް 'އެކްސްޕްރެޝަން އޮފް އިންޓަރެސްޓް' (އީއޯއައި) ހުށަހަޅައިގެންނާއި، އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކޮށްގެންނެވެ.

އެޗްޑީސީން ބުނީ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ތިލަފުށިން ބިން ވިއްކަން އިއުލާން ކޮށްފައި ވީނަމަވެސް، ފައިސާ ދައްކަން ޖެހޭ އުސޫލު އެޗްޑީސީން އާންމުކޮށްފައެއް ނުވެއެވެ.

ބިމުގެ ދަތިކަމާއި ބިމު ކުލި އުފުލޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ތިލަފުށިން ބައެއް ހިއްކައި، ސިނާއީ މައި މަރުކަޒަކަށް އެ ރަށް ބަދަލުކުރުމުގެ އަމާޒު ހިފާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުރާ ސިނާއީ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމާ އެކު އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް