އަލިފާން ކޮކާލެއްގެ ލޯބި 31

"ހަޔާތަށް އަންނަ ކޮންމެ މުހިއްމު އަދި ހިތުގައި ޚާއްސަ މަގާމެއް ދެވޭނެ މީހަކީ ތިބާއާއި އެކު އަބަދަށްޓަކާ ވާނެ މީހެއްވެސް ނޫނެވެ. ބައެއް މީހުން ހަޔާތަށް އަންނަނީ ލޯބިވާން ދަސްކޮށްދިނުމަށްޓަކައެވެ. ހަމައެފަދައިން ބައެއް މީހުން އަންނަނީ ލޯބި ނުވާން ދަސްކޮށްދިނުމަށެވެ. މީހުން ވަކިވެގެން ދިޔަސް އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ އެ މީހުން ދިން ފިލާވަޅު އަބަދަށް ހަނދާނުގައި ހަރުލާފައި ހުންނާނެތީއެވެ. ދިރިއުޅުމަކީ ލޯތްބާއި ނަފްރަތާއި އެތައް ޖަޒުބާތުން ފުރިފައިވާ ތަފާތު ވާހަކައެކެވެ."

***

"އަދާ. އާރިސްއާއި މީޓްކުރުވާނަން. ހިނގާ..." މިނަލް ކުރުނުކޮށްގެން އެންމެފަހުން އަދާރާ މިނަލްއާއެކު ހިނގައިގަތެވެ. ހަމަލާއެއް އަޔަސް އޭނަ އެކަންޏެއް ނުވާނެއެވެ. ދެއަހަރު ފަހުން އާރިސްއާއި ކުރިމަތިލާން ޖެހޭކަން ހިތަށް އެރުމުން އަދާރާގެ ހިތް ފިނިވެލައިފިއެވެ. އޭނަގެ ހިތްވެސް އެކަމަށް ތައްޔާރެއްނޫނެވެ.ނަމަވެސް ހިތާއި ދެކޮޅަށް ފިޔަވަޅު ކުރިއަށް އަޅަމުންގޮސް އިސް އުފުލައިލެވުނުއިރު ހުރެވުނީ އެކޮޓަރިތެރޭގައެވެ. ދެވަނަ ސިކުންތުކޮޅުގައި މިނަލް ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުމެގެން ދިޔައީ އެދެމީހުން އެކަނިވެލާނެ ފުރުސަތު ދީފައެވެ. އާރިސް އަލަމާރި ހުޅުވާލައިގެން ހުރެ ކޮންމެވެސް އެއްޗެއް ނުފެނިގެން ހާވަން ހުރެފައި އެނބުރި ބަލައިލުމާއެކު އަތުގެ ހަރަކާތް ހުއްޓުނެވެ. އެމޫނުން އިތުރު ޝުއޫރެއް ނުފެނުނަސް ކޮންމެވެސް ވަރަކަށް މޫނަށް ރަތްވިއެވެ. އާރިސް ކަޅިވެސް ޖަހާ ނުލާ ބަލަހައްޓައިގެން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިގެންނެވެ.

"މިނަލް ދޫނުކޮށް ގެނައީ.....އައިމް ސޮރީ..."އަދާރާ މާފަށް އެދުނެވެ.

"އަދިވެސް އަދަރާ މިގޭގައި؟ އަހަރެން ހިޔެއްނުކުރަން. ހީކުރީ....ސަބަބަކީ އަދާރާ ފެމިލީއާއެކު ނޫޅޭތީ......" އާރިސް އަލަމާރި ލައްޕައިލާފައި އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުން އަދާރާގެ ހިތަށް ބިރުވެރިކަން ވަނެވެ. ސްކިޒޮފްރީނިއާ މީހުންނާއި ބެހޭގޮތުން މައުލޫމާތު ހޯދިވަރަކަށް އޭނަގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ފަނޑުވުމުގެ ބަދަލުގައި އިތުރުވުން ނޫންކަމެއް ނުވިއެވެ. ބަންދު ކޮޓަރިއެއްގައި ނަފްސާނީބަލިމީހަކާއިއެކު ހުރުމުން ދިމާވެދާނެ މުސީބާތެއް އެނގެނީއެއް ނޫނެވެ.

"ހެދުނު ޒިކުރުކުރެވުނުބާ...އެހެންވެއްޖެއްޔާ ރައްކާތެރިކަން ލިބޭނެ އިންޝާﷲ."އަދާރާގެ ޟަމީރު ހަނދާންކޮށްލަދިނެވެ.

"އާނ. މި ދެއަހަރުވެސް މިގޭގައި ހުރީ. ނައިސް އެކްސްޕީރިއެންސް. ނައިސް ޓު މީޓް ޔޫ އާރިސް...ދަނީ ..." ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމާއި އުދާސްތައް ކުޑަވިޔަސް އެތަނުން ދިޔުން ބުއްދިވެރި ނޫންހެއްޔެވެ؟

"އިހަށް މަޑުކޮށްލާ. އަހަރެން ގިފްޓެއް ގެނައިން..."

"އޯ....."އަދާރާ ހައިރާންވިއެވެ. އާރިސް އޭނަގެ މަތިން ހަނދާން ނައްތާނުލިއެވެ. އޭނަ ހީކުރީ އަދާރާއާއި އޮތް ގާނޫނީ ގުޅުންވެސް އާރިސް ހަނދާން ނައްތާލައިފި ކަމަށެވެ.

"އިންފެކްޓް ރަގަޅު ގަޑިއަށް އަދާރާ ތިއައީ..ވަން މިނިޓް...ފޮރުވަން ހަދައިގެން ބޭއްވުނުތަނެއްވެސް ހަނދާނެއްނުވި ހެހެ......"އާރިސް ދެވަނަފަހަރަށް އަލަމާރި ހުޅުވާލައިގެން ހެދުންތަކާއި އެއްޗެހި ނަގާ އެނދުމައްޗަށް އަޅަންފެށިއެވެ. އެންމެފަހުން ނިކަން ރީތިކޮށް ޕާރުސަލް ކޮށްފައި އޮތް ހަތަރެސްކަން ފޮށްޓެއް ނެގިއެވެ. އަދާރާ އޭގައި ނުހިފަން ހުރެފައިވެސް އާރިސް ދެރަވެދާނެތީ އަތުލިއެވެ. އެވަގުތު އާރިސްގެ ދެލޯވެސް ހިނިތުންވެލިފަދައެވެ. ހިތްހެޔޮކަމާއި އޯގާތެރިކަން އެކުލެވޭ މޫނެކެވެ. ހުސާމްހާ ފުރިހަމަ ނުވިޔަސް އާރިސްގެ އަޚުލާގުގެ ސަބަބުން ހުސާމްގެ ސްކޯ ދަށްވާނެކަން ޔަގީނެވެ. ބޭރުފުށުގެ ރީތިކަމާއި އެއްވަރަށް އަޚުލާގުވެސް މުހިއްމެވެ.

"ތެންކިއު....ހިޔެއްނުކުރަން މިހާ ދުވަސްވީމަ ހަނދާން ނެތިދާނެކަމަށް..."

"ފަޔާފްލައި މަތިން ހަދާން ނެތޭނީ ކިހިނެއް؟އަހަރެން ބޭސް ކައި ރަގަޅުވާން މަސައްކަތްކުރި އެއް ރީޒަނަކީ................" އާރިސް ބުނަން އުޅުނު އެއްޗެއް ހުއްޓައިލީ ކީއްވެކަމެއް ނޭގުނެވެ. "މިބުނީ އެންމެންވެސް މޮޔައެކޭ ކިޔާތީ....."

އަދާރާ ލަދުގަތެވެ. އޭނަވެސް އާރިސްއާއި ދިމާލަށް ދެރަވާފަދަ ކިތަންމެ ބަސްތައް ބުނެފައިވިއެވެ. ބައެއްފަހަރު ޖިސްމާނީ އަނިޔާތަކަށްވުރެ އެފަދަ އަނިޔާތަކުން ލިބޭ ވޭން ފެންނަން ނެތަސް ބޮޑުވާނެއެވެ.

"ކާކު އެހެން ބުނީ؟ އާރިސް މޮޔައަކާއި ވައްތަރެއްނޫން..."

"މޮޔަ ވައްތަރު ޖަހާ މީހެއް ދެކުނިންތަ؟"

"ނޫން. އެހެނެއްނޫން މިބުނީ......"

"ކޮންމެ އިންސާނަކީވެސް ﷲ ގެ ކްރިއޭޝަނެއް. ކޮންމެ އިންސާނެއް އެމީހާގެ ގޮތުގައި ޔުނީކް. ތަފާތު ވައްތަރުގެ އިންސާނުންނާއި އެމީހުންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތު. ބަލިތައްވެސް ޖައްސަވަނީ އެފަރާތުން. ޖިސްމާނީ ބަލިތަކާއި ނަފްސާނީ ބަލިތައްވެސް ކުރިމަތިވެދާނެ. ކޮންމެ މީހަކަށްވެސް އެފަދަ ދުވަހެއް އަތުވެދާނެ.އެމީހަކަށް އާއިލާއާއި އެކުވެރިންގެ ފަރާތުން ސަޕޯޓާއި ލޯބި ބޭނުންވާނީ. މަލާމާތާއި ދެރަކޮށްލުމެއްނޫން. އަހަރެމެން އިންސާނުންނަށް ނުވިސްނެނީ ކީއްވެތަ؟" އާރިސް ވާހަކަދައްކަމުން ދިޔައީ ވިސްނޭ މީހެއް ފަދައިންނެވެ. އޭނަ ސޯފާގައި އިށީދެ ކުޝަން އުނގުގައި ބާއްވައިގެން ރިމޯޓުން ޓީވީ ހުޅުވައިލިއެވެ. އަޑުމަޑުކަމުން ކިޔާ އެއްޗެއް ނެގުނަސް އާރިސްގެ ބޭނުމަކީ އަދާރާގެ ނުތަނަވަސްކަން ދުރުކޮށްދިނުމެވެ.

"ތިމާމެން ޕާފެކްޓްކަމަށް ދެކުނީމަ ވާގޮތް.."

"އަދާރާއަށް އެނގޭތަ؟ އަހަންނަށް ޖެހިފައިވަނީ ސިކުނޑީގެ ބައްޔެއްކަމަށް ގަބޫލެއްނުކުރެވޭ. ބޮޑަށް ހީވަނީ ސިހުރު ކަންތައްހެން. ސިހުރާއި ޖިންނި ޝައިތޯނުންނަކީ ސައިކޭޓްރިސްޓުން ގަބޫލުކުރާ ކަންތަކެއްނޫން. އެމީހުންނަށް ކިޔަވާދީފައި ހުންނަ އިލްމަކަށް އެމީހުން ކުރިއަށް ގެންދާނީ. މިހާރު ސްނެކް ހެން ދެއިރު ކަލާފުލް ޓެބްލެޓްސްތަކެއް އެބަކަން..ސޯ....ސްޓިލް މަގޭ ވައިފް؟" އާރިސް ދެ ފިކުރެއްގައި އިނދެފައި އަހައިލިއެވެ.

އަދާރާ ބުނާނީ ކީކޭހެއްޔެވެ؟

"ނަމެއްގައި ދޯ....އައިމް ސޮރީ މަޖުބޫރުން މެރީ ކުރަން ޖެހުނީމަ. ކުރީ ދުވަހު ބުނީމެއްނު ސޭމްދެކެއޭ ލޯބިވަނީ.........."އާރިސްގެ ދުލުން އެ ލަފުޒުތައް އަޑު އިވުމުން މިިފަހަރު އަދަރާ ސިހޭގޮތްވިއެވެ. ނުތަނަވަސްވިއެވެ.

"އެއީ މާޒީ. އެހުރިހާ ގުޅުމެއް ކެނޑިއްޖެ."

"އަދާ ބޭނުމިއްޔާ އަހަރެން މިހިރީ ވަރިކޮށްދޭން. ސަބަބަކީ އަންހެންކުއްޖަކަށް އަހަންނާއެކު ދިރިއުޅެން މަޖުބޫރުކުރަން ބޭނުންނުވާތީ. ބޭނުމީ ކޮންގޮތެއް؟"

"ނޫން. އިހަށް ބޭނުމީ މިގޭގައި ހުންނަން..."އަދަރާއަށް ބުނެވުނީ އާރިސްގެ ޖުމްލައިގެ އެއްބައި ނުވެސް ބުނެވުނީސް އަވަސް އަރައިގެން ކަހަލަ ގޮތަކަށެވެ. "މަންމަ އަހަރެން މަރާލާނެ. މަޖުބޫރުވީ އެކަންޏެއްނޫން. އާރިސް ބުނިހެން ހުސާމްގެ ފަރާތުން ރިވެންޖް ނަގަންވެގެން އުޅުނީ. އެކަމަކު ތަގުދީރުގައި ލިޔުއްވާފައިވީ އެހެންގޮތެއް. އެކީގައި ދިރިއުޅުނީމަ ހުސާމްގެ ހަގީގަތް އެނގުނީ. އެހެންވެ ހެއްދެވި ފަރާތަށް ހަމްދުކުރަން. ބޮޑު ހިތާމައަކުން ﷲ ސަލާމަތްކޮށްދެއްވީ. އެހެންވެ ބުނަނީ ކޮންމެ ކަމެއްވެސް ހިނގަނީ އަހަރެމެންނަށް ނޭގިޔަސް އެންމެ ރަގަޅަށޭ. އެހެންވެ މަންމަ ދެރަކޮށްލާފައި ދާކަށް ބޭނުމެއްނޫން. އާރިސްވެސް އަހަންނަށް ފުރުސަތެއްދީ.."

"އޯލްރައިޓ ފަޔާ ފްލައިް.."އާރިސް ލަސްލަހުން އެސްފިޔަތައް ޖަހައިލިއެވެ. އިރުކޮޅަކަށް ދެމީހުންނަށް ނަޒަރު ވަކިކޮށްނުލެވިފައި ތިބެވުނެވެ.

"ކީއްވެ އެނަން ދިނީ؟"

"އަހަންނަށް ސްކިޒޮފްރީނިއާ އެޕިސޯޑްތަކުގައި އަދާރާ ފްލައިހެން ފެންނާތީ..."އާރިސް ހިނިތުންވެލިއެވެ.

"ޔޫ މީން ސިހުރު އެޕިސޯޑްތަކުގައި...."

"ހެހެ. ޔޫ ގޮޓް މީ ދެއަރ..."

ދެމީހުންގެ ދޭތެރޭގައިވި ގަނޑުފެން ކޮންމެވެސް ވަރަކަށް ވިރުނެވެ.

"އެންމެ ރަގަޅު. ދެން ދަނީ.ކްލާސް އެބައޮތް.."އަދާރާ ގަޑިއަށް ބަލައިލިއެވެ."ތެންކްސް ފޯ ދިސް...."ޖަޒާކަﷲ ޚައިރަން.."

"ކޮން ކްލާހެއްތަ؟"

"މަދީނާއިން އޮންލައިންކޮށް އެރަބިކް ލެންގުއޭޖް ކޯސްއެއް ހަދަނީ. އަރަބިބަސް ދަސްކުރަން ނިންމީ ގުރުއާން އަންޑަސްޓޭންޑްވާން ފަސޭހަވާނެތީ......މުސްލިމެއްވިއްޔާ އަރަބިބަސް އެނގެން ޖެހޭނެކަމަށް ގަބޫލުކުރާތީ.."

"އެކަމަކު އެންމެން އުޅެނީ ދަރިން ލައްވާ އިނގިރޭސިން ވާހަކަ ނުދެއްކިގެން ދޯ. ހެހެ. އަރަބި ބަސް ޔުނިވާސަލް ލެންގުއޭޖަށްވާން ޖެހޭ..އަދާރާ ތި ވާހަކަ ބުނީމަ އަހަރެންވެސް ޝައުގުވެރިވެއްޖެ..ތި ކޯހުގެ ލިންކް ފޮނުވާލަދެއްޗޭ..."އާރިސް ފޯނު ނަމްބަރު ދިނެވެ.

އަދާރާ އެކޮޓަރިން ނުކުތްވަގުތު ހުސާމްގޮސް ކޮޓަރިއަށް ވަންތަން ފެނުމުން ހިތް ކޮންމެވެސް ވަރަކަށް އަވަސްވިއެވެ. ދެއަހަރުފަހުންވެސް ހިތް އަދިވެސް ވިންދު ޖަހަނީ އެ ބޭވަފާތެރި މަކަރުވެރިޔާއަށްޓަކާ ހެއްޔެވެ؟

އަރަބި ކްލާސް ނިމުމަށްފަހު ނަމާދުކޮށްލައިގެން އަދާރާ އެނދުމަތީގައި އިށީދެ ހަމަޖެހިލިއެވެ. އާރިސް ދިން ޕާރުސަލް ނަގާފައި ފޮޓޯއެއްނެގިއެވެ. ބަންދުކޮށްފައިވާލެއް ރީތިކަމުން ކަނޑަން ބޭނުންނުވިޔަސް ލިބުނު ހަދިޔާއެއްކަމުން ޝައުގުވެރިވިއެވެ. ވާހަކަފޮތެއް ހެއްޔެވެ؟ ނޫނީ ދީނީ ފޮތެއްބާވައެވެ. ނޫނީ އަލިފާން ކޮކާތަކެއް ދަޅަކަށް އަޅާފައި ބަންދުކޮށްފައި ހަދިޔާކުރީ ނޫންކަމެއްވެސް ނޭގެއެވެ. އެކިގޮތްގޮތަށް ފޮޓޯ ނަގާފައި އޭނަ އެ ޕާރުސަލް ކެނޑިއެވެ. ފޮށީގެ ބޭރުގައި ހުރީ އޮރެންޖްކުލައެކެވެ. އޭނަ މިކުލައިގެ ހެދުންތައް ގިނައިންލާތީ އާރިސްއަށް ފާހަގަކުރެވުނީތާއެވެ. އަލިފާން ކޮކާލޭ ކިޔަނީވެސް އެހެންވީމަ ކަމަށް ވެދާނެއެވެ. ހުޅުވައިލި ފޮށީގެ ތެރޭގައި ހުރި ގަހަނާތަކެވެ. ފިޔާތޮށި ރަނުގައި އޮރެންޖްކުލައިގެ ޖަވާހިރު ޖަހާފައެވެ. ކޮން ޖަވާހިރެއް ކަމެއް ނޫނީ ހިލަކޮޅުކަމެއް ޔަގީން ނުކުރެވުނަސް އަދާރާއަށް އެ ސެޓް ވަރުގެ ރީތި ކަމެއް ދުވަހަކު ދެކެފައި ނުވާކަމުގައި ގަބޫލުކުރަން ޖެހުނެވެ. އަދާރާއަށް ނޭގުނީ އެއީ އޮރެންޖް ނީލަމްތަކާއި ޖަވާހިރުން ހަދާފައިވާ ގަހަނާ ސެޓެއް ކަމެވެ.

"އަލްހަމްދުލިﷲ. ހާދަ ރީއްޗޭ.."އަދާރާ ގެ ނާރިގުކުލަ އަރާ އިނގިއްޔާ އެ އަނގޮޓި ނިކަން ގުޅެއެވެ.

އޭނަ އިނގިލީގެ ފޮޓޯއެއް ނެގިއެވެ. އެންމެނަށް އިޝްތިހާރުކުރަން ސޯޝަލް މީޑިއާއަށް ލާންވީކަން ނޭގެއެވެ.

ދެން އޮތީ އަތުގައި އަޅާ ކެވެލިކޮޅަކާއި ގަޑިއަކާއި ކަރުގައި އަޅާ ފަށާއި ކަންފަތުގައިލާ އެއްޗެއްސާއި ފައިގާ އަޅާ ފަށެވެ. ހުރިހާ އެއްޗެއް އަޅުވާ ނިމިގެން އެނދުމަތީގައި އޮށޯވެލައިގެން އޮތްއިރު އާރިސްއާއިމެދު ވިސްނުނެވެ. އޭނަ މުއްސަދިވީމަ މިފަދަ ކިތަންމެ ހަދިޔާއެއްވެސް ދެވިދާނެއެވެ. އެކަމަކު އަމަލުންވެސް ދައްކުވައިދެނީ ލޯބިވާ ކަމެވެ. އެ ނަޒަރުވެސް ތަފާތެވެ. "ފަޔާފްލައި"ގެ ނަން ދިނީވެސް ޚާއްސަވީމައެވެ. އެހެންނޫނަސް މި ކައިވެނިކުރީ އާރިސް ބޭނުންވެގެންނެވެ.

އޭނަ ބޭނުންނަމަ ކުލަކުލައިގެ އެސްޖަހާފައި ހުރި މަސްނޫއީ ޖަވާހިރު ސެޓްތައް އެޅުނީހެވެ. އެވަރަށް އޭނައަށްވެސް ފައިސާކޮޅެއްލިބިދާނެއެވެ. އާރިސްވެސް މިދިނީ ރީތި ސެޓެކެވެ. އޭގެ އަގުހުރި ވަރު ވަޒަން ނުކުރެވުނަސް އޭނައަށް އެ ހަދިޔާދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އާރިސްގެ ހަނދާނެއްގެ ގޮތުގައި ބާއްވާނީއެވެ. އޭނަ ސެޓް ހުރިގޮތަށް ހަދާފައި އަލަމާރީގެ ވަތްގަނޑެއްގައި ފޮރުވައިފިއެވެ.

***

"ގިފްޓް ކިހިނެއްތަ؟" އާރިސްގެ ވައިބާ މެސެޖެއް ލިބުނީ އަދާރާ ނިދަން އޮތްވައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު