ކަސްޓަމްސްއާއި އޭސީސީއާ ދެމެދު ކޮރަޕްޝަނާ ދެކޮޅުވުމުގެ އެއްބަސްވުމެއް

ކަސްޓަމްސާއި އޭސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސން ފޮޓޯ/ ނާއިލް ހަފީޒް

މޯލްޑިވްސް ކަސްޓަމްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހާތްތެރިވުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމަކީ ކަސްޓަމްސްގެ މުވައްޒަފުންނާއި އެ އިދާރާގެ މަސައްކަތްތައް ކުރުމުގައި ނަޒާހާތްތެރިވުމަށް ބާރު އަޅައި އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު ކަސްޓަމްސްއިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންވި އެއްބަސްވުމެކެވެ.

ކަސްޓަމްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝަމީލެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް ޝަރީފް ވިދާޅުވީ، ދެ އިދާރާގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއްކަމަށެވެ.

"އާދެ، މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަސްޓަމްސް އަދި އޭސީސީ އިތުރަށް ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ޓަކައި ކަސްޓަމްސް ކަހަލަ އެންފޯސްމަންޓް މުއައްސަސާއަކަށް އަދި ކަސްޓަމްސް ކަހަލަ ޓެކްނިކަލް މަސައްކަތްތަކެއް ކުރެވޭ ތަނެއްގައި ވަރަަށް މުހިންމު ކަމެއް ކަންނޭނގެ އޭސީސީ ކަހަލަ ފާރަވެރިކޮށް ތިއްބަވާ ބަޔަކަށް މި މައުލޫމާތު އެނގިފައި އޮތުމަކީ، އިތުރަށް އަޅުގަނޑުމެން އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުގައި ކަސްޓަމްސްގައި އިންޓެގްރިޓީ އެންޑް ޕްރޮފެޝަނަލް ސެކްޝަނެއް އުފައްދައި އެ ސެކްޝަނުން މަސައްކަތްކުރަމުން އަންނަކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ކަސްޓަމްސްގެ ތެރެއިން ކުރެވޭ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްގީއާއި މުޖުތަމައު ބައްޓަން ކުރުމާ ގުޅިފައިވާ މަސައްކަތެއްކަމަށެވެ.

އަދި ކޮންމެ ހާލަތެއްގައި ވެސް ތެދުވެރިކަން އިސްކޮށް ނަޒާހަތްތެރިވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއިން ކޮންމެ ކަމަކަށް ފާރަވެރިވާން ތިބީ އަޅުގަނޑުމެން. އެހެންވީމާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ވަރަށް ވެސް ބުރަ. އަދި އެހާމެ ބޮޑު. އަޅުގަނޑުމެންގެ މުވައްޒަފުންގެ އަދަދު ކަސްޓަމާ އަޅައިބަލާނަމަ ވަރަށް ކުޑަ. އެހެންވީމާ ކަސްޓަމުން އެ ކުރާ މަސައްކަތުގެ އެއް ބައިވެރިއަކީ އަޅުގަނޑުމެން. އަޅުގަނޑުމެން ޖެހޭނެ ކަސްޓަމުން އެ މަސައްކަތްތަކުގެ ކޮރަޕްޝަނާއި ހިރާސީ ކަންތައްތައް ހުއްޓުވައި، ހުއްޓުވޭނެ ގޮތެއް އެ ބޭފުޅުންނަށް ކިޔައިދޭން،" އަބްދުއްސަލާމް ވިދާޅުވިއެވެ.

އޭސީސީއާއި ގިނަ މުއައްސަސާތަކަކާ ދެމެދު އަންނަނީ މިފަދަ އެމްއޯޔޫތަކުގައި ސޮއިކުރަމުންނެވެ.

މީގެ ބޭނުމަކީ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވައި، ތަހުގީގުތަކަށް އެއްބާރުލުން ހޯދުމެވެ.

comment ކޮމެންޓް