ރިސޯޓް ތަރައްގީކުރަން ހުޅުވާލި 15 ތަނުގެ ލިސްޓުން މ. ބޯހުރާ އުނިކޮށް އަލުން އެ ތަންތަން ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަަމް މިނިސްޓްރީން ކުރި އިއުލާނަށް ބަދަލު ގެނައި އެ އިއުލާނުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ލިސްޓްގައި މ. ބޯހުރާ ހިމެނޭތީ އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލުމާ ގުޅިގެންނެވެ. ބޯހުރާއަކީ ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ މަޝްހޫރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ބޯހުރާގައި ރިސޯޓު ހެދުމާ ދެކޮޅަށް މ. މުލީ ރައްޔިތުންނާއި ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އަޑުއުފުލައިފައެވެ.

މިދިޔަ މަހު 25ގައި ނެރުނު ބަޔާނެއްގައި މިނިސްޓްރީން ވަނީ ފަތުރުވެރިކަމަށް ބޯހުރާ ދޫކުރަން ނިންމި ނިންމުން ދިފާއުކޮށްފައެވެ. އެގޮތުން، އެރަށް ކުއްޔަށް ދޫކުރި ނަމަވެސް މަޝްހޫރު ސާފްޕޮއިންޓް 'މަޝްރޫމްސް' އެ ރަށުގެ އިހްތިޞާސްގައި ނުހިމެނޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެކަމަކު، މިހާރު އެ މިނިސްޓްރީން ވަނީ ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓުން ބޯހުރާ އުނިކޮށްފައެވެ.
އަދި، ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު ދިނުމަށް މިމަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމި ބައްދަލުވުން ވެސް މިހާރު ވަނީ މިމަހުގެ ހަތްވަނަ ދުވަހަށް ފަސްކޮށްފައެވެ. އެއީ، މިމަހު ހަވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެންނެވެ.
ގާތްގަޑަކަށް ތިން ހެކްޓަރުގެ މ. ބޯހުރާއަކީ މުލީއާ އެއްފަޅެއްގައި އޮންނަ ރަށެކެވެ. މި ރަށަކީ ދަތުރުގޮސް ހެދުމަށާއި، ރާޅާ އެޅުމަށް ވެސް އެ އަތޮޅުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ.