ކައިވެންޏަށްފަހު ނެހާ ދޫޕިއާ އާއި އަންގަދް ބެދީ އެއް ފިލްމަކުން

ބަތަލާ ނެހާ ދޫޕިއާ އާއި އެކްޓަރު އަނގަދް ބެދީގެ ދެމަފިރިން އެކީގައި ހިމަނައިގެން ފިލްމެއް ގެނެސްދޭން ނިންމައިފިއެވެ.

ހަގީގީ ދިރިއުޅުމުގައި ވެސް ދެމަފިރިން ކަމަށްވާ މި ދެ ތަރިން ކުރިން ވެސް ވަނީ އެކީގައި ފިލްމުތަކުން ފެނިފައެވެ. ފިލްމު "ރަންގީލޭ" އަދި "އުންގްލީ" ފަދަ ފިލްމުތަކުން ދެ ތަރިން އެކީގައި ފެނިގެންދިޔައިރު މިހާރު ގެނެސްދޭން ނިންމާފައިވާ ފިލްމަކީ ކައިވެންޏަށްފަހު ނެހާއާއި އަންގަދް އެކީގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ، ދެ ތަރިން ހިމަނައިގެން އުފައްދާ މިފިލްމަކީ، އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޗެތަން ބަގަތް ލިޔެފައިވާ ކޮމެޑީ ޑްރާމާއެކެވެ. ފިލްމުގައި ދައްކުވައިދޭނީ ކޮވިޑް-19ގެ ލޮކްޑައުން ދުވަސްވަރު ގޭގައި ބަންދުވެގެން ތިބި ޢާއިލާއެއްގެ ދިރިއުޅުމެވެ. ގޭގައި ބަންދުވެ ލޮކްޑައުން ތެރޭގައި ޢާއިލާއެއް ތަޖުރިބާކުރި އުފާވެރި ވަގުތުތަކާއެކު ޢާއިލާގެތެރޭ ހިނގާ ހަމަނުޖެހުންތައް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މިފިލްމު އުފެއްދުމުގެ ޚިޔާލާއެކު އެންމެ ފުރަތަމަވެސް ޚިޔާލަށް ގެނެވުނު ޢާއިލާއަކީ، ނެހާއާއި އަންގަދުގެ ޢާއިލާކަމަށް ޓައިމްސް އޮފް އިންޑިއާގައިވަނީ ބުނެފައެވެ. ނެހާއާއި އަންގަދްގެ ކައިވެނި ކުރެވުނީ 2018ވަނަ އަހަރުއެވެ. ކައިވެންޏަށްފަހު ދެ ތަރިންނަށްވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ ޝޫޓިންގް ކުރިއަށް ދިޔައީ ވަރަށް އުފާވެރި މާޙައުލެއްގައި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވަނީ ބުނެފައެވެ.

އެގޮތުން ނެހާގެ ދެމަފިރިންނާއެކު ދެ ކުދިން ވެސް ފިލްމުގެ ޝޫޓިންގްތަކުގައި ވަނީ ބައިވެރިވެފައެވެ. މިފިލްމާ ބެހޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވާއިރު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ދުވަހެއް އަދި އިޢުލާނު ނުކުރެއެވެ.

ނެހާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްވި ތްރިލާ ފިލްމު "އަ ތާޒްޑޭ"އިންނެވެ. މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ޓައިގާ 3"ގެ ރޯލަކުން އަންގަދް ބެދީ ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

comment ކޮމެންޓް