ކޮރަޕްޝަނާ ހުއްޓުވަން އިމިގްރޭޝަނާއި އޭސީސީއާ ދެމެދު އެއްބަސްވުމެއް

އިމިގްރޭޝަނާއި އެންޓި ކޮރަޕްޝަނާ ދެމެދު އެއްބަސްވުމުހައި ސޮއިކުރުން --

މޯލްޑިވްސް އިމިގްރޭޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިނެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝަމީލެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް ވިދާޅުވީ، އިމިގްރޭޝަންފަދަ މުއައްސަސާއަކަށް އެންމެ މުހިންމީ ނަޒާހާތްތެރިވުންކަމަށެވެ. އަދި އެ ސިފަ ނެތް މީހުންނަކީ މުޖުތަމަޢަށް ބަލައިގަންނަން ދަތި ބައެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއަދު މި ފެށިގެންދިޔަ ކަމަކީ އަޅުގަނޑުމެންގެ އިމިގްރޭޝަންގެ ހަޔާތުގައި، އަދި އަޅުގަނޑުމެން ދެ މުއައްސަސާގެ ހަޔާތުގައި ވެސް ގެތުނު ވަރަށް މުހިންމު ބޮޅެކޭ އަަޅުގަނޑު ދަންނަވާނީ. އެންޓި ކޮރަޕްޝަން އަދި ކޮރަޕްޝަން ހުއްޓުވުމަށް ފައްޓައިގަނެވުނު މަސައްކަތުގައި އަޅުގަނޑުމެންނަށް ކުރެވުނު ވަރަށް ބޮޑު މަސައްކަތެކޭ އަޅުގަނޑު ދަންނަވާނީ،" އަހުމަދު ހުސައިން ވިދާޅުވިއެވެ.

ހަމައެއާއެކު ނޭއްގާނީ އަމަލުތައް ހުއްޓުވަން ކުރާ ކޮންމެ މަސައްކަތަކަށް ވެސް އިމިގްރޭޝަންގެ އެއްބާރުލުން ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހަފްލާގައި އޭސީސީގެ ފަރާތުން ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ އިދާރީ ޚިދުމަތްތަކާއި އެހެނިހެން ކަންކަމުގައި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ މުވައްޒަފެއްގެ ކިބައިގައި ވެސް ނަޒާހާތްތެރިކަން އަށަގަންނުވަން ޖެހޭކަމަށެވެ.

"މި ފަހުމުނާމާ އެކުލަވާލި އިރު އެންމެ މުހިންމު ކަމެއްްގެ ގޮތުގައި އޮތީ އޭސީސީގެ ތަހުގީގަށް މައުލޫމާތު ފޯރުކުރުމުގައި އިމިގްރޭޝަންގެ ޑޭޓާ ބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން އޭސީސީއަށް އެކްސެސް ދެވިގެންދާނެކަމަށް،" ޝިޔާމާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަަސްވުމާ ހަމައަށް އާދެވުނީ ވެސް ދެ އިދާރާގެ މެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް