މާލޭ ސިޓީ ކައުންސިލުގެ ބިންތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ އެ ކައުންސިލުގެ ބިންތަކަށް ކުލީގެ ގޮތުގައި ސްޓެލްކޯއިން ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ކަމަށް ތުހުމަތުކޮށްފައެވެ.
އެގޮތުން ސިޓީ ކައުންސިލުގެ 49 ބިމަކަށް ސްޓެލްކޯއިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޓީ ކައުންސިލަށް ރައްދުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.
"ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ހުރިހާ ފައިސާ އެއް ވާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާފައި. އިތުރަށް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ އެއްވެސް ލާރިއެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ސިޓީ ކައުންސިލުން އެމީހުންގެ ޒިންމާތައް ރަނގަޅަށް އަދާ ނުކުރެވޭއިރު އެހެން މުއަސަސާތަކަށް ވެސް ކުރަނީ ޖެއްސުން ކަމަށެވެ. އަދި އެކަން އެގޮތަށް އެކުރަނީ އޮންނަ ސިޔާސީ ވާދަވެރިކަމެއްގެ ސަބަބުން ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޭޔަރަށް ހީވަނީ މިއީ އަޅުގަނޑާ މުއިއްޒުއާ ދެމެދު ވާ ކަމެކޭ. މިއީ ދެ މުއައްސަސާ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވަނީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާ މުއައްސަސާގެ މަސައްކަތްތަކަށް ހުރަސް އެޅުން ހުއްޓާލާ އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އޭގެ ފަހުން އެ ވާހަކަތަކަށް ރައްދުދެއްވަމުން، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ، ސިޓީ ކައުންސިލަށް ނޭނގި، މަޝްވަރާ ކުރުމެއް ނެތި އެ ކައުންސިލުގެ ބިންތަކަށް ދައްކަން ޖެހޭ ކުއްޔެއް ދެއްކޭނެތޯ ސުވާލު އުފައްދަވައިފައެވެ. އަދި، ސިޓީ ކައުންސިލްގެ ފަރާތުން އެއްވެސް ކަމެއް ކުރުމުގެ ބާރެއް މީރާއަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.