ޑޮލަރު އެކައުންޓްތަކުން ކަނޑައެޅި ޑޮލަރު ނަގާ ލިމިޓު ބީއެމްއެލް އިން އުވާލައިފި

އޮގަސްޓް 27، 2020: ބީއެމްއެލް ޑޮލަރު އޭޓީއެމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ޑޮލަރުގެ ނަގުދު ފައިސާ ނެގުމުގައި ކަނޑައަޅާފައިވާ ލިމިޓު މިއަދުން ފެށިގެން އެ ބޭންކުން އުވާލައިފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓު އުވާލައިފައިވާ ކަމަށެވެ.

ނަމަވެސް، ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ނެގޭނީ 1،600 ޑޮލަރުކަމުގައި އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހ. މެރީން ޑްރީމް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާމުއި ގައި ގާއިމް ކޮށްފައިވާ ޔޫއެސް ޑޮލަރުގެ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޮލަރު ފަސޭހަ ކަމާއެކު ނެގޭނެއެވެ.

މީގެ އިތުރުން، ޑޮލަރު ޕްރައިމަރީ އެކައުންޓްތަކުގެ ގޮތުގައި ހަމަޖައްސައިފައިވާ މީހުންގެ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރުގެ މުއާމަލާތުތައް ކުރެވޭނެއެވެ. އަދި ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމްތަތްތައް ވެސް ލިބޭނެއެވެ.

އޭޓީއެމްތަކާއި އެކައުންޓްތަކުން ޑޮލަރު ނެގޭ ލިމިޓު އުވާލި ނަމަވެސް، ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ހިންގުމަށް ކަނޑައެޅި ލިމިޓަށް އަދި ބަދަލެއް ނުގެނެއެވެ.

އެހެންކަމުން މަހެއްގެ މައްޗަށް ކްރެޑިޓް ކާޑުން އަދިވެސް މުއާމަލާތްތައް ހިންގޭ ލިމިޓަކީ 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ.

ބީއެމްއެލް އިން ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ނެގުމުގައި ލިމިޓު ކުރީ ކޮވިޑްގެ ތެރޭގައެވެ.

comment ކޮމެންޓް