ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަފީފްގެ އިވެންޓެއް ފެށޭ މަހު

ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސައިން --- ފޮޓޯ/ ރެޒޫމޯ މޯލްޑިވްސް

އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސައިންގެ ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އަންނަ މަހުގެ 11ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:00 އަށެވެ. މި އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެއެވެ.

"ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް"ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އަފީފް ތިން ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭގޮތުން ކުރިއަށްގެންދާ އިލްމީ ސެޝަންތަކެކެވެ.

ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި މިސްޓަ މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެއެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ.

މި އިވެންޓާ ގުޅިގެން ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވީ މި އިވެންޓުގައި ބައިވެރިވެވޭނީ 990 ރުފިޔާއެއްގެ ފީއެއް ދައްކައިގެން ކަމަށެވެ.

"މިއީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް. އަހަރެމެން ވިސްނާގޮތާއި ދަސްކުރާގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާއިން ކިޔައިދެއްވާނެ،" އޭނާ ވިދާޅުވިއެވެ.

މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސާވަންޓުންނާއި ޔުނިވާސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ހިޔާރުކޮށްފައިނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެއެވެ. އަދި ކުންފުނިތަކާއި އޮފީސްތަކަށް އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

މި އިވެންޓުގައި ސެޝަންތައް ނަގައިދެއްވާ އަފީފަކީ އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރުގެ ޒިންމާ އަދާކުރައްވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް އަކީ ވެސް އޭނާއެވެ.

އޭނާ ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފައެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރެވެ. އަދި އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މި އިވެންޓް އިންތިޒާމު ކުރާ ރެޒޫމޯ މޯލްޑިވްސް އަކީ މީޑިއާ، ޕަބްލިކް ރިލޭޝަންސް، ކޮމިއުނިކޭޝަންސް އަދި ޕަބްލިޝިން އަށް ހާއްސަކޮށް ކޮންސަލްޓަންސީ އާއި ޓްރެއިނިން ދޭ ކުންފުންޏެކެވެ. މި ކުންފުނީގައި އިސްކޮށް ތިއްބަވަނީ ރާއްޖޭގެ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންތަކެކެވެ.

އަންނަ މަހުގައި ބާއްވާ މި އިވެންޓުގައި މި ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެއެވެ.

comment ކޮމެންޓް