ރާއްޖޭގެ 35 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ހެދިގޮނޑުދޮށް ސަރަހައްދުގައި ޅެންވެރިންގެ ގުންޒަރު ރޭ ބާއްވައިފިއެވެ.
ޅެންވެރިންގެ ގުންޒަރު އިފްތިތާޙުކޮށްދެއްވީ ކުޅަދާނަ ޅެންވެރިޔާ ރަމްލާ ޢަބްދުލްޣަނީއެވެ. ގުންޒަރު ބަލާލެއްވުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން ގިނަ އަދަދެއްގެ ޅެންވެރިންނާއި، އަދަބީ ފަންނުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގެންނެވިއެވެ.
މިފަހަރުގެ ޅެންވެރިންގެ ގުންޒަރު ކުރިއަށް ގެންގޮސްފައި ވަނީ، މީގެ ކުރީ އަހަރުތަކާއި ހިލާފަށް، ލައިވް މިއުޒިކާއެކު ރާއްޖޭގައި ކުރީގައި މިއުޒިކް ޝޯ ދޭ ގޮތަށެވެ. ގުންޒަރަށް ޅެންވެރިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ރެ ބޭއްވި ޅެންވެރިންގެ ގުންޒަރުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
މިފަހަރުގެ ގުންޒަރުގައި ޅެންވެރިންގެ ޅެންތަކަށް މިއުޒިކުން ފުރާނަ އަޅުވައިދިނީ ވީނަސް ބޭންޑެވެ. ވީނަސް ގްރޫޕްގެ ލައިވް މިއުޒިކާއެކު ކުރިއަށްދިޔަ މި ގުންޒަރުގައި ރާއްޖޭގެ އިހުގެ ޅެންތައް ލަވައިގެ ގޮތުގައި ވަނީ އަޑުއިވިގެން ގޮސްފައެވެ.
މީގެ ތެރޭގައި ބޮޑުފެންވަޅުގޭ ސީދީގެ ޅެންތަކާއި ހުސައިން ސަލާހުއްދީނުގެ ޅެންތަކުގެ އިތުރުންވެސް އިތުރު ޅެންވެރިންގެ ޅެންތައް ހިމެނެއެވެ.
މި ގުންޒަރުގައި ޅެންވެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ފުންނާބު އުސް ޅެންވެރިން ކަމަށްވާ، ޢަބްދުﷲ އަފީފް، ހަސަން ޝާކިރު، އާދަމް ހަލީމް އަދުނާން، އާދަމް ނަސީރު އިބްރާހީމް އަދި އީސާ ޝަރީފް ވެސް ބައިވެރިވިއެވެ. މީގެ އިތުރުން ދިވެހި ޅެންވެރިކަމުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ޒުވާން ޅެންވެރިން ވެސް ބައިވެރިވިއެވެ.

ރެ ބޭއްވި ޅެންވެރިންގެ ގުންޒަރުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
ގުންޒަރުގައި ޅެންވެރިން ވަނީ އެ ފަރާތްތަކުގެ ތަފާތު ހުށަހެޅުންތައް ހުށަހަޅައިދީފައެވެ. މީގެ ތެރޭގައި ޅެމާއި، ފަރިއްސާއި ތަމްސީލްތައް ހިމެނެއެވެ.
ގުންޒަރުގައި އަބްދުﷲ އަފީފް އާއި އަބްދުﷲ ޝާކިރު ވަނީ، ސަމާސާ އަދަބުގެ ޑްރާމާއެއް ހުށަހަޅައިދީފައެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޢަބްދުލް ޢަނީ (ތޭރަވާ) ވެސް ވަނީ ލަވަ ހުށަހަޅައިދީފައެވެ.
މިފަހަރުގެ ޅެންވެރިންގެ ގުންޒަރު ތަހްސީސް ކޮށްފައިވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ހާސިލްކުރައްވާފައިވާ ކުޅަދާނަ ޅެންވެރިޔާ ރަމްލާ ޢަބްދުލްޣަނީއަށެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސްވެސް ހާއްސަކޮށްފައިވަނީ ކުޅަދާނަ ޅެންވެރިޔާ ރަމްލާ ޢަބްދުލްޣަނީއަށެވެ.

ރޭގެ ބޭއްވި ޅެންވެރީންގެ ގުންޒަރާ ބެހޭގޮތުން ދިވެހި އެކެޑަމީން ބުނީ، މިފަދަ ގުންޒަރެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ޅެންވެރިން އެއްތަނެއްގައި ތިބެ ގުޅުން ބަދަހި ކުރުން ކަމަށެވެ. މިގޮތުން މިފަހަރުގެ ގުންޒަރު ނިމިގެންދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުނެއެވެ.
ރާއްޖޭގައި ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީމަހުގެ 15 ވަނަ ދުވަހެވެ. ޅެންވެރިންގެ ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބް އަލްއުސްތާޛު އިބްރާހީމް ޝިހާބަށެވެ.
މިފަހަރުގެ ގުންޒަރު ކުރިއަށް ގެންގޮސްފައި ވަނީ، ދިވެހި ބަހުގެ އެކެޑަމީ އާއި، މާލެސިޓީ ކައުންސިލާއި، ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެންނެވެ.