ޗައިނާއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖެއްގެ ހަށިގަނޑު ފެނުމާއެކު ގިނަ ސުވާލުތަކެއް

މިދިޔަ އޮކްޓޯބަރު މަހު ޗައިނާގެ ދެކުނު ޖިއަންގްސީ ޕްރޮވިންސްގެ ބޯޑިން ސްކޫލަކުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 15 އަހަރުގެ ހޫ ޒިންޔޫގެ ހަށިގަނޑު ފެނިއްޖެ -- ފޮޓޯ/ ސީއެންއެން

މިދިޔަ އޮކްޓޯބަރު މަހު ޗައިނާގެ ދެކުނު ޖިއަންގްޝީ ޕްރޮވިންސްގެ ބޯޑިން ސްކޫލަކުން ގެއްލިގެން ހޯދަމުން ދިޔަ، އުމުރުން 15 އަހަރުގެ ހޫ ޝިންޔޫ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޗައިނާގައި ކުޑަކުދިން ގެއްލިގެން ހޯދާ މައްސަލަތައް އާންމު ނަމަވެސް، ހޫ ޝިންޔޫ ގެއްލުނު ހާދިސާއަށް އެގައުމުގެ ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން އޭނާ ގެއްލުނުތާ އެތައް ދުވަހެއް ފަހުންވެސް ސޯޝަލް މީޑިއާގައި މެދުކެނޑުމެއްނެތި ގިނަ ބަޔަކު ދިޔައީ އޭނާ ހޯދުމަށް ގޮވާލަމުންނެވެ.

ހޫ ހޯދުމަށް ފުލުހުން ވަނީ ވަރަށް ގިނަ ސަރަހައްދުތައް ބަލާފައެވެ. މި މަހުގެ ކުރީކޮޅު އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި ޖިއަންގްޝީގެ އެތައް ހާސް މީހުން ވެސް ބައިވެރިވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14ގައި ހޫ ގެއްލުނީ އޭނާ ތައުލީމް ހާސިލް ކުރަމުން ދިޔަ ޖިޔުއާން ހައި ސްކޫލުންނެވެ.

ހޫގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 100 ދުވަސް ފަހުން، އެ ސްކޫލާ ކައިރީ އޮންނަ ވަލުތެރެއިންނެވެ. ހަށިގަނޑު ފެނިފައި ވަނީ ބުރާސްފަތި ދުވަހު އެ ގައުމުގެ އާންމުންގެ މީހަކަށެވެ. ނަމަވެސް ހަށިގަނޑު ފެނުނުކަން ފުލުހުން ހާމަކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.

ހޫގެ ހަށިގަނޑު ފެނުނީ، އޭނާ ގެއްލުނު އިރު ލައިގެން ހުރި ޓީޝާޓާއި ޖެކެޓާއި ޓްރެކްސޫޓުގައި އޮއްވައެވެ. އެއީ ހޫގެ ހަށިގަނޑުކަން ޔަގީން ކުރުމަށް ފުލުހުން ވަނީ އޭނާގެ އާއިލާ އާއި އެމީހުންގެ ވަކީލު އެ ސަރަހައްދަށް ގެންގޮސް، އެ މީހުންނާ ސުވާލުކޮށްފައެވެ.

އޭގެ ފަހުން ފުލުހުން ހެދި ޑީއެންއޭ ޓެސްޓްތަކުން އެއީ ހޫގެ ހަށިގަނޑުކަން ވަނީ ކަށަވަރުވެފައެވެ. އަދި ހަށިގަނޑު ކައިރިން ފެނުނު ވޮއިސް ރެކޯޑަރެއް ތަހުލީލު ކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހޫ ގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހެދި ނަމަވެސް އޭގެ ނަތީޖާ އަދި ލިބިފައި ނުވާކަމަށް ބޭރުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ޗައިނާގެ ނޭޝަނަލް ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫ ފެނުނު ސަރަހައްދަކީ ސްކޫލާ އެންމެ ފަސް މިނިޓު ދުރުގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދާ ސްކޫލާ ދޭތެރޭގައި ހުންނަނީ، އުސްމިނުގައި ގާތްގަނޑަކަށް ދެ މީޓަރު ހުންނަ ފާރެއް ކަމަށް ނެޝަނަލް ރޭޑިއޯއިން ބުނެފައިވެއެވެ.

ތިން މަސް ދުވަސް ވީއިރުވެސް ހޫ ވީތަނެއް ނޭނގި ގެއްލިގެން އުޅުނު މައްސަލައަކީ ޗައިނާގެ ސޯޝަލް މީޑިއާ އެޕް ވީބޯގައި މީހުން އެންމެ ގިނައިން މަޝްވަރާ ކުރި އެއް މައުޟޫއެވެ. އެގޮތުން ބައެއް މީހުން ވަނީ ހޫގެ ގެއްލުމާ، ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލަކާ ގުޅުން އޮތް ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި އެހެން ބައެއް މީހުން ވަނީ އެ ދަރިވަރު ރަހީނު ކުރީ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ހޫ ގެ ހަށިގަނޑު ފެނުމާއެކު ވެސް އެ ހާދިސާއާ ބެހޭ ގޮތުން މީހުންގެ ސުވާލުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ފުލުހުން ގިނަ ސަރަހައްދުތައް ބަލައި ފާސްކުރި އިރުވެސް، ސްކޫލާ އެހާ ކައިރި ސަރަހައްދަކުން ހޫގެ ހަށިގަނޑު ހޯދުމުގައި ނާކާމިޔާބުވީ ކީއްވެގެންތޯ މީހުން ވަނީ ސުވާލު އުފައްދާފައެވެ.

ހަމައެއާއެކު، ވީބޯގައި ބައެއް މީހުން ވަނީ ޗައިނާ ފަދަ ސެކިއުރިޓީ ކެމެރާތަކާއި ހައިޓެކް ސަވައިލެންސްއަށް މަޝްހޫރު ގައުމެއްގައި 15 އަހަރުގެ ކުއްޖަކު ވާނުވާއެއް ނޭނގި ގެއްލުނީ ކީއްވެގެންތޯ ސުވާލުއުފައްދާފައެވެ.

ޖިޔުއާން ހައި ސްކޫލުގެ ސެކިއުރިޓީ ކެމެރާ ފޫޓޭޖުން ހޫ އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު، އޭނާގެ ޑޯމިޓަރީގެ ހޯލުން ހިނގާފައި ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ހޫ ގެއްލުނީ ޑޯމިޓަރީ އާއި ޓީޗިން ބިލްޑިންގާ ދެމެދުގެ ތަނަކުން، ސެކިއުރިޓީ ކެމެރާތަކަށް ނުފެންނަ ސަރަހައްދަކުން ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ހޫގެ އާއިލާއަށް ހޫ ގެއްލުނުކަން ސްކޫލުން އަންގާފައިވަނީ އޭގެ ހަ ގަޑިއިރު ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހޫ އޭނާގެ ސްމާޓް ގަޑިއާއި ފައިސާ ޑޯމްގައި ބަހައްޓާފައި ދިޔައިރު، އޭނާގެ އަތުގައި އޮތީ ހަމައެކަނި ޑިޖިޓަލް ވޮއިސް ރެކޯޑަރަކާއި ކެމްޕަހުގައި ކެއުމަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ސްކޫލް ކާޑެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ހޫ ގެއްލުމާ ބެހޭ ގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ހޫ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަން ސާފުކޮށްދީފައެވެ. އަދި ހޫ ސްކޫލްގެ ކެމްޕަސް ދޫކޮށް ދިޔައީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ނޮންޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ ޒޮންގްމިން ސޯޝަލް އެސިސްޓެންސް އިންސްޓިޓިއުޓުން ބުނާ ގޮތުގައި 2020 ވަނަ އަހަރު ޗައިނާގައި މިލިއަނެއްހާ މީހުން ގެއްލިފައިވެއެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2،739 މީހުން ގެއްލިފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުނެއެވެ.

comment ކޮމެންޓް