ބުނެދޭން ނޭނގުނަސް... 19

މިޒްޔަލް އިނީ އާސިފުގެ މޫނަށް ވެރިވާ ކުލަވަރުތަކަށް ސަމާލުވެގެންނެވެ. އޭނާ ހުރިހާ ވާހަކައެއް އެހާ ފާޅުކަންބޮޑު ގޮތެއްގައި ދެއްކީވެސް ހިތުގެ ޝައްކުތައް ޔަގީންކުރާށެވެ. ހާސްވެގެން ބިންޔާގެ ނިތްކުރިމަތިން ދާ ހިއްލާލިއިރު، އާސިފުގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. މިޒްޔަލްގެ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ބިންޔާއަށް އަނިޔާ ކުރީ އާސިފެވެ. އެކަމަކު އެއީ ބިންޔާގެ ކާކު ހެއްޔެވެ؟ ބިންޔާއަށް އަނިޔާކުރީ ކޮން ހައްގެއް ލިބިގެން ހެއްޔެވެ؟ މިޒްޔަލްގެ އަތް މުށްކެވުނެވެ. އޭނާއަށް ބިންޔާގެ އަތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ.

*********

"ދަނީތޯ؟..." އާސިފް ތެދުވުމުން، މިޒްޔަލް އަހައިލިއެވެ.

އާސިފުގެ ނަޒަރު ހުއްޓިފައިވީ މިޒްޔަލާއި ބިންޔާގެ ގުޅި ލާމެހިފައިވާ އަތަށެވެ. ނުރުހުމުގެ އަސަރު ނުދައްކަން އުޅުނަސް، އާސިފުގެ މޫނުން އެކަން ސިއްރެއް ނުވެއެވެ. އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް އާސިފު ބޭނުމެއް ނުވިއެވެ. ބިންޔާއެކޭ އެއްވަރަށް މިޒްޔަލް ފެނުމުންވެސް އާސިފުގެ ލޭ ވަނީ ހޫނުވެފައެވެ.

"އާނ... ދެންމެ މި ހަނދާންވީ ކަމެއްގެ މަތިން... އަދި ފަހުން ބައްދަލުކުރާނަން..." އާސިފު ބަހަނާއެއް ދައްކާފައި ނުކުމެގެން ދިޔައެވެ.

އާސިފު ދިޔުމުންވެސް ބިންޔާ ހުރީ ހިމޭންވެފައެވެ. މިޒްޔަލަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ކައި ނިންމާފައި ގެއަށް ދިޔައިރު ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. އަނގޮޓީގެ މަތިން މިޒްޔަލް ހަނދާންވީ، ގެއަށް ދިޔަ ފަހުންނެވެ. ވަތްގަނޑު ހުޅުވައިލާފައި މިޒްޔަލް ނެގީ ތަސްވީރެކެވެ. އެއީ މިޒްޔަލްގެ މަންމަގެ ތަސްވީރެކެވެ. އެ ތަސްވީރުގައި އޭނާގެ މަންމަ އަޅައިގެން ހުރީ، ބިންޔާގެ އަތުގައި އޮތް ކަހަލަ އަނގޮޓިއެކެވެ.

*********

ބަދިގޭގެ ކަންތަކާއި މިޒްޔަލް ހަވާލުވި ފަހުން، ބިންޔާއަށް ހަމަނޭވާ ލާނެ ފުރުސަތެއް ނުދެއެވެ. އެހެން މީހުން ތިބޭ އިރުވެސް ގިނަ ކަންކަން ކުރުވަނީ ބިންޔާ ލައްވައެވެ. ތުންދަމައިގެން ހުރެވެސް ބިންޔާ އެކަމެއް ކޮށް ނިންމާތީ، މިޒްޔަލް ހުންނަނީ ހިނިއައިސްފައެވެ. ބިންޔާއަށް ހީވީ މިޒްޔަލް ކޮންމެވެސް ކަމެއްގެ ބަދަލެއް އޭނާގެ ކިބައިން ހިފަނީ ހެންނެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމޭއިރު ބިންޔާ ހުންނަނީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. މަސައްކަތް ނިމުމުން، މިޒްޔަލް ހީވަނީ ތަފާތު މީހެއް ހެންނެވެ. ކޮންމެ ރެއަކު ބިންޔާ ގެއަށް ލައިދެއެވެ. މިޒްޔަލަށް ގެއަށް ދެވުމުން، އެކަން މެސެޖަކުން އަންގައެވެ.

އާދައިގެ މަތިން ބިންޔާ މަސައްކަތަށް ދިޔައިރު، މިޒްޔަލް ހުރީ، ދޮރުމަތީގައެވެ. ކޮންމެ ދުވަހަކު ބިންޔާ އަންނަންދެން މިޒްޔަލް ދޮރުމަތީގައި ހުރެއެވެ.

"މިއަދު ކޮން މަސައްކަތްގަނޑެއް ޖައްސާހިތުން ތިހުރީ؟..." ބިންޔާ ހުރީ މޫނު ކުނިކޮށްލައިގެންނެވެ.

"މިއަދު އޮތީ ވަރަށް ތަފާތު ކަމެއް..." މިޒްޔަލް ހުރީ ހިނިއައިސްފައެވެ.

ދެމީހުން އެތެރެއަށް ވަދެގެންދިޔަ މަންޒަރު ބަލަން މީރާ ހުއްޓެވެ. މިޒްޔަލް ބިންޔާ އާއި އެކުގައި އުޅޭތީ، މީރާ ބޭނުންވާ ކަހަލަ ފުރުސަތެއް ފަހިވާގޮތެއް ނުވިއެވެ. މިޒްޔަލާއި ގުޅުން ބަދަހިކުރަން ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ.

"މިހާ އުނދަގޫ ކަމެއް އަދި ހަޔާތުގަވެސް ނުދެކެން..." މީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެނީވޭސް، އިންޓްރެސްޓިންގް..."

********

ރެސްޓޯރެންޓްގެ މުހިއްމު ދަތުރެއްގައި މިޒްޔަލް ތޮއްޑޫއަށް ދާންޖެހޭކަން އެންގީ ހުރިހާ މުވައްޒަފުންގެ ހާޒިރުގައެވެ. އެ ދަތުރުގައި މިޒްޔަލާއިއެކު ބައިވެރިވާނީ ބިންޔާކަމުގައި ބުނުމުން، އެންމެންނަށްވެސް ހައިރާންކަމެއް ލިބުނެވެ. ވަކީން ހާއްސަކޮށް އާރިފަށެވެ. އެހެން މީހުންގެ ކުރިމަތީގައި ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، މިޒްޔަލް ބިންޔާއަށް ހާއްސަގޮތެއް ބަހައްޓާކަން އާރިފަށް އެނގެއެވެ.

"އަހަރެން ބޭނުމެއް ނޫން ދާކަށް..." އެންމެން މަސައްކަތްތަކުގައި ޝާމިލުވުމުން ބިންޔާ މިޒްޔަލްގެ ކައިރިއަށް ޖެހިލިއެވެ.

"ބޮސް އެންގީމަ ނުގޮހެއް ނުވާނެ..." މިޒްޔަލް ފަހު ބަސް އިއްވިއެވެ.

ބިންޔާ ހަނދާން ހުންނަން ފެށީއްސުރެ ދުވަހަކުވެސް ކަނޑުމައްޗަކަށް ނާރައެވެ. ކަނޑުދެކެ އޭނާ ބިރުގަނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ލޯބިވާ ބައްޕަ ދުނިޔެއާއި ވަކިވެގެން ދިޔައީ ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގެ ސަބަބުންނެވެ. އެ ދުވަސް ބިންޔާގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ދާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަގެ އެންމެ ފަހުގެ ނޭވާ ދޫކުރީ ބިންޔާގެ ކުރިމަތީގައެވެ. އެ ހިތްދަތި ވަގުތުކޮޅުގެ ތާޒާ ހަނދާން ދެންމެ ވީ ކަމެއްހެން ބިންޔާގެ ހިތުގައި ހަރުލާފައި ހުރެއެވެ.

"ކޮންގްރާ..." އާރިފްގެ އަޑު އިވުމުން ބިންޔާ ސިހުނެވެ. "ކޮން ހިޔާލެއްގަ؟... ކަމެއް ގޯސްވީތަ؟..."

"ނޫން..." ބިންޔާ ބޯ ހޫރައިލިއެވެ.

"އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟... ބޮޑުމީހާ ބިންޔާދެކެ ލައިކްވޭ..." އާރިފް ދެން ބުނެލި އެއްޗަކުން ބިންޔާގެ ދެލޯ ބޮޑުވިއެވެ. "އެހެން މީހުންގެ ކުރިމަތީ އެކަން ނުދައްކަން އޭނަ ބިންޔާ ލައްވާ ހުރިހާ ކަމެއް ކުރުވަނީ... ހިތް އޮތީ މަޑު ކަފަކޮޅެއްހެން..."

"ކޮންކަހަލަ ސަމާސާއެއް..." ބިންޔާ ގަދަކަމުން ހީގަތެވެ.

ބިންޔާގެ ސިއްރު ނަޒަރު ތަންކޮޅެއް ދުރުގައި ހުރި މިޒްޔަލަށް ހުއްޓުނެވެ. އުނދުން ކައިރީގައި ހުރިއިރު، މިޒްޔަލް ލައިގެން ހުރި ގަމީހުގެ އަތުކުރި އޮތީ އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައެވެ. ދޭތެރެއަކުން ކައިރީގައި ތިބި މީހުންނާއި ވާހަކަ ދައްކާއިރު، އެ ގެންނަ ހަރަކާތްތައްވެސް ހިތްގައިމެވެ. އޭނާގެ ކޮންމެ އަމަލެއްވެސް ނުހަނު ފިރިހެންވަންތައެވެ. ބިންޔާ ބަލަން ހުއްޓައި، މިޒްޔަލް ބަލައިލި ތަން ފެނި، އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ތީ ހީވާގޮތެއް..." ބިންޔާ އަނެއްކާވެސް ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ. "އަހަރެންމީ ކުޑަކުއްޖެކޭ އޭނަ ބުނީ... ކުޑަ ފިޔޮއްގަނޑެއްދެކެ ލައިކްވާނީ ކާކު..."

"އެންމެ ގިނަ މީހުން ލޯބިވާނީ ކުޑަކުދިންދެކެ..." އާރިފްވެސް ހިނިގަނޑެއް ޖަހައިލިއެވެ.

ބިންޔާ ހީހީފައި އާރިފާއި ވާހަކަ ދައްކާ ތަން ފެނުމުން، މިޒްޔަލްގެ ހިތަށް އުނދަގޫވިއެވެ. އޭނާ ބިންޔާއަށް ގޮވާފައި މަސައްކަތެއް ހަވާލުކުރިއެވެ. އާރިފު ފޮނުވައިލީ ބޭރުތެރޭގެ މަސައްކަތަށެވެ. އާރިފަށް އެއްޗެއް ވިސްނުނު ފަދައަކުން ދެކޮނޑު އަރުވައިލިއެވެ. އޭނާ ފާޑަކަށް ހިނިއައިސްފައި ހުރެ، ބަދިގެއިން ނުކުންނަން ދިޔައެވެ.

ދޮރާއި ހަމައަށް ދިޔަ ތަނާ، ލިބުނު ސިހުމަކުން އާރިފްގެ އަތުގައި އޮތް ކޮތަޅު އަތުން ދޫނުވީ ކިރިޔާއެވެ. ކުރިއަށް ނެގި ފިޔަވަޅުވެސް ފަހަތަށް އަޅައިލެވުނެވެ. ދޮރުން އެތެރެއަށް ބޯދިއްކޮށްގެން އޮތީ މުސްކުޅިފުރައިގެ އަންހެނެކެވެ. ފެންނަން އިނީ ހަމައެކަނި އެ މީހެއްގެ މޫނުން ކުޑަ ތަންކޮޅެކެވެ. އެމީހަކު އާރިފަށް ދެލޯ އަޅައިގެން ބަލަމުން ދިޔައެވެ. ކުއްލިއަކަށް ފެނުނުގޮތުން އާސިފަށް ސިހުން ލިބުނީއެވެ.

"ދަދަދަ ދައްތާ..." އާރިފަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

އާރިފް ބިންޔާއާއި މާ ގާތްކޮށް ވާހަކަ ދެއްކި ތަން ފެނުމުން، ސަރަފިއްޔާ ހުރީ ނުރުހިފައެވެ. އާރިފަށް ލޯ އަޅައިލާފައި އޭނާ ގޮސް މޭޒެއްގެ ކައިރީގައި އިށީނެވެ.

"ދައްތާ، ކޯއްޗެއް ގެނެސްދޭންވީ؟..." ސަރަފިއްޔާގެ ކައިރިއަށް ގޮސް އާރިފް ސުވާލުކުރިއެވެ.

"ތިމީހުން އަތުން އެކައްޗެއްވެސް ބޭނުމެއް ނޫން... މިތާ އުޅޭ އަންހެން ކުއްޖާއަށް ގޮވާދީ..." ސަރަފިއްޔާ އެދުނެވެ. އޭރުވެސް އޭނާ އިނީ އާރިފަށް ނުބަލަން އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ވިއާޑް..." އާރިފަށް ހިތާއިހިތުން ބުނެވުނެވެ.

ބިންޔާ ފެނުމުން ސަރަފިއްޔާގެ މުޅި ދުވަސް އުޖާލާވިއެވެ. ކައިރީގައި އިށީނުމަށް އެދުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި އާރިފް ހުރީ ވާނުވާ ނޭނގިފައެވެ. ސަރަފިއްޔާއަކީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ.

"މާދަމާ އެއީ މާމަގެ މިޒްޔަލްގެ އުފަންދުވަސް..." ސަރަފިއްޔާ ބުނެލިއެވެ. "މާމަ ބޭނުންވަނީ ޕާޓީ ކެލެބުރޭޓުގެ ކަންތަކުގަ ބިންޔާ މާމައަށް އެހީވާން..."

ސަރަފިއްޔާ ވާހަކަ ދެއްކި ގޮތުން ބިންޔާގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ ސަރަފިއްޔާއަށް ގޯސްކޮށް ކިޔުނު ބަސް ރަނގަޅުކޮށްލަދިނެވެ.

"ސީ ފޯ ކެޓްއެއްނު ކިޔަނީ... ދެން ކީއްވެ ސީ ފޯ ކެލެބުރޭޓު ނުކިޔެންވީ..." ސަރަފިއްޔާ ރަކިނުވާން ހީގަތެވެ.

"އޯކޭ، ކޮން ކަމެއް ކޮށްދޭންވީ؟..." ހިނިގަނޑު ހިންދައިލަން މަސައްކަތް ކުރަމުން ބިންޔާ ބުނެލިއެވެ.

"މާމައާ އެކީ ޝޮޕިންއަށް ހިނގާބަލަ..." ސަރަފިއްޔާ އެދުނެވެ.

"މިގަޑީ؟..." ބިންޔާއަށް ބަލައިލެވުނީ ގަޑިއަށެވެ.

"މާމަ ބޭނުންވެއްޖެއްޔާ މަސައްކަތު ގަޑީގަވެސް މިތާ ކޮންމެ މީހެއްވެސް ގެންދެވޭނެ..." ސަރަފިއްޔާ ބުނެލިއެވެ.

ބިންޔާއަށް ޖެހުނީ ވިސްނައިލާށެވެ. ސަރަފިއްޔާގެ ހުށަހެޅުމަކަށް ދެކޮޅު ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު މަސައްކަތު ވަގުތުވެސް އޭނާއަށް މުހިއްމެވެ. ދެކަންތައްވެސް ދޫކޮށްލެވޭކަށް ނެތެވެ.

"އެންމެ ރަނގަޅު މާމައާއެކީ ދިޔަސް... މަސައްކަތާ ދޭތެރޭ ނުވިސްނާ..." ޒަޔާންގެ އަޑަށް ސަރަފިއްޔާއާއި އާއި ބިންޔާ ދިޔައީ ސިއްސައިގެންނެވެ.

ސަރަފިއްޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއިރު، ބިންޔާ ކޮޅަށް ތެދުވެފައި ޒަޔާނަށް އިހުތިރާމް އަދާކުރިއެވެ. ޒަޔާން ބިންޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އޭނާގެ މާމައަށް ބަލައިލިއެވެ. މާމަގެ މޫނުން ނުރުހުން ނޫން އެއްޗެއް އޭނާއަކަށް ނުފެނުނެވެ. ރާއްޖެއިން ބޭރުގައި އެތައް ދުވަހަކު އުޅެފައި އެނބުރި އައުމުން، ހާލު ބަލައިލުންވެސް މުހިއްމެއް ނުވިއެވެ. ދެރަވި ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ޒަޔާން އިސްޖަހައިލިއެވެ.

"ކޮން ފިހާރައަކަށް ދަނީ؟... ކާރުގަ ގެންގޮސްދެންތަ؟..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޒަޔާން ސުވާލުކުރިއެވެ.

ޒަޔާން ހީކުރިގޮތާއި ހިލާފަށް ސަރަފިއްޔާ ދެކޮޅެއް ނުހެދިއެވެ. ބިންޔާއަށް ބަލައިލާފައި ފާޑަކަށް ބޯ ޖަހައިލިއެވެ. ދެފިކުރެއްގައި ހުރެފައި ބޯ ޖަހައިލާ ފަދައިންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން، ޒަޔާނަށް ބިންޔާއާއި ދިމާއަށް ބަލައިލެވުނީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.

ފިހާރަތަކަށް ވަދެފައި ސަރަފިއްޔާ އުޅެން ފެށި ގޮތަކުން ބިންޔާ ހުރީ މަޖާވެފައެވެ. ފެންނަ ހުރިހާ އެއްޗެއް މިޒްޔަލްއަށް ގަނެދޭން އުޅޭގޮތަކުންނެވެ. ކޮންމެ އެއްޗެއް ގަތުމުގެ ކުރިން ބިންޔާއަށް ދައްކައެވެ. ބިންޔާއަށް ކަމުނުގޮސްފިނަމަ އެއެއްޗެއް ނުގަނެއެވެ. ބިންޔާއާއިއެކު އުޅޭއިރު، މާމަގެ މޫނު އުޖާލާވެފައިވާވަރު ފެނި ޒަޔާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ބިންޔާއަކީ ހާއްސަ ކުއްޖެކެވެ. އެންމެންގެ ހިތަށް އުފާވެރިކަން ގެންނަން އެކުއްޖާއަށް ލިބިގެންވަނީ ކޮންކަހަލަ ހާއްސަ ސިފައެއް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް ޒަޔާނުގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު