އުމްރާއަށް ދާ މީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އުމްރާ ގްރޫޕްތަކުގެ މީހުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތަކާއި، ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަންކަމަށް ބައްލަވައި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ވީހާވެސް ބޮޑަށް އަޅާލުމާއި، ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަމުގައިވެސް ފަރުވާތެރިވުމަށާއި، ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުން ފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އުމްރާ ގްރޫޕްތަކުގެ މީހުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ހުރި ދަތިތައް މިނިސްޓަރާ ހިއްސާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ދިމާވާ ކަންކަމާއި، ޢުމްރާއަށް ދާ މީހުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި އެކަންކަމަށް ހައްލު ލިބޭނެކަމަށެވެ.

މިނިސްޓަރު ވެސް ވަނީ އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އުމްރާ ގްރޫޕްތަކަށް ދެއްވާފައެވެ.

comment ކޮމެންޓް