އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، ޖޯކޮވިޗް ތާރީޚުގެ ތެރެއަށް

ޖޯކޮވިޗް، އޮސްޓްރޭލިއަން އޯޕަން ތަށި އުފުލާލަނީ--- ފޮޓޯ/ ރޮއިޓާސް

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ސާބިއާގެ ނޯވަކް ޖޯކޮވިޗް ހޯދައިފިއެވެ.

އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ކުރިއަށްދިޔަ ފައިނަލް މެޗް ޖޯކޮވިޗް ކާމިޔާބުކުރީ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕަސް އާ ދެކޮޅަށް ކުޅުނުމެޗް ސިދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު ގެންދިޔަނަމަވެސް، ފަހު ދެސެޓުގައި ސިޓްސިޕަސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ފައިނަލް މެޗަށް ޖޯކޮވިޗް ނިކުތްއިރު، އޭނާ މުޅިން ފިޓެއް ނޫނެވެ. ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އަދި މުޅިން ރަނގަޅު ނުވާތީވެ، ސެމީފައިނަލް މެޗާއި ހަމަޔަށްވެސް މާގިނަ ފަރިތަކުރުންތަކެއް ނުބާއްވައެވެ.

ނަމަވެސް ފަސް ގަޑިއިރަށް ދެމިގެންދިޔަ ފައިނަލް މެޗަށް ބަލާއިރު، ޖޯކޮވިޗުގެ ކުޅުމުން އޭނާއަށް ލިބިފައިވާ އަނިޔާގެ އަސަރު މާބޮޑަށް ނުފެނެއެވެ.

ފަހުސެޓް ކާމިޔާބުކުރުމަށްފަހު ޖޯކޮވިޗް--- ފޮޓޯ/ ރޮއިޓާސް

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ، މިއީ އޭނާގެ ޓެނިހުގެ ކެރިއަރުގައިވެސް ލިބުނު އެންމެ މުހިންމު ކާމިޔާބީ ކަމަށެވެ.

"މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ވަރަށް ޚާއްސަ. މިދިޔަ އަހަރު ކަންތައް ދިމާވިގޮތާއި، މިފަހަރުގެ މުބާރާތުގައި ވާދަކޮށް މިހާހިސާބަށް މިއައީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު. އެކަން ތި އެންމެނަށްވެސް އެނގޭނެ،" ޖޯކޮވިޗް ބުންޏެވެ.

މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުމުން ޖޯކޮވިޗް ވެފައިވަނީ މި މުބާރާތް 10 ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން މި މުބާރާތުގެ ކާމިޔާބީއާއެކު ޖޯކޮވިޗް ވަނީ ޓެނިހުގެ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެކުޅުންތެރިން ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.

އަނެއްކޮޅުން މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތް ޖޯކޮވިޗް ކާމިޔާބުކޮށްފައިމިވަނީ، ކޮވިޑް ވެކްސިން ނުޖަހައި މިދިޔަ އަހަރު އޮސްޓްރޭލިއާއަށް އެތެރެވާން އުޅެނިކޮށް ޑީޕޯޓްކޮށްފައި ވަނިކޮށެވެ. އެ ކަންތައްގަނޑުގައި މިދިޔަ އަހަރު ޖޯކޮވިޗަށް ވަނީ އޮސްޓްރޭލިއަން އޯޕަން ގެއްލިފައެވެ.

comment ކޮމެންޓް