ގިނަ އަދަދެއްގެ ފައިސާއާއެކު ރާއްޖެއިން ބޭރަށް ފިލި މީހަކު އަތުލައިގެންފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އަދަދެއްގެ ފައިސާއާއެކު ރާއްޖެއިން ބޭރަށް ފިލި މީހަކު އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބަންދުކޮށްފައި ވަނީ މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ތުހުމަތުވާ މއ. ފީރޯޒްވާދީ / ކ. މާލެ މުހައްމަދު އިހްސާން، 33 އެވެ. އޭނާ އަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވެއެވެ.

އޭނާގެ މައްޗަށް ކުރަނީ މަކަރާއި ޙީލަތުން ފައިސާ ހޯދައި، ރާއްޖެއިން ބޭރަށް އޭނާ ފުރި ކަމުގެ ތުހުމަތެވެ. އެގޮތުން ތަހުގީގުގެ ބޭނުމަށް ކުރި މި ބަންދު އަމުރުގައި މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިހްސާން ތައިލެންޑަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅީ ދެ ސީސީޓީވީ ފޫޓޭޖެކެވެ. އޭގެ ސްނެޕްޝޮޓްތަކުން އޭނާ ދަބަހެއް ހިފައިގެން ދާ މަންޒަރާއި ތައިލެންޑަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުންނަ މަންޒަރު ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައި ނުވެއެވެ. އެހެންކަމުން މި މައްސަލައިގައި ތުހުމަތު ކުރެވެނީ ކިހާ ފައިސާއަކާ ގުޅުވައިގެން ކަމެއް، އަދި އެއީ ކިހިނެއް ހޯދި ފައިސާއެއް ކަމެއް އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް