ބުނެދޭން ނޭނގުނަސް... 18

މިޒްޔަލް ބިންޔާގެ އަތްތިލައިގައި ހިފައިގެން މަގު ހުރަސްކުރުމަށް ހިނގައިގަތެވެ. މަގުގެ ދެކޮޅު ބަލަމުންނެވެ. އެއާއި ހިލާފަށް ބިންޔާއަށް ބެލުނީ މިޒްޔަލްގެ މޫނަށެވެ. ކުއްލިއަކަށް މިޒްޔަލަށް އެވަރުގެ ހިތްވަރެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ މިޒްޔަލް ހުއްޓުވަން ބިންޔާގެ ހިތް ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟

********

މަގު ހުރަސްކޮށްފައި މިޒްޔަލް ބިންޔާގެ އަތުން ދޫކޮށްލިއެވެ. ދެމީހުން އެކުގައި ހިނގަމުން ދިޔައިރު ހީވަނީ ދެ ލޯބިވެރިން ހެންނެވެ.

"ސޮރީ، މާމަ...." މިޒްޔަލް މައާފަށް އެދުނެވެ.

"ނޫން، އެއީ މާފަށް އެދޭވަރުގެ ކަމެއް ނޫން..." ބިންޔާ އަވަސް އަވަހަށް ބުނެލިއެވެ.

މިޒްޔަލް ހިނިތުންވެލިއެވެ. އޭނާގެ ކައިރީގައި މިއަދު ހުރީ ކުރީގެ ބިންޔާއެއް ނޫނެވެ. އޭގެ ކުރިން ބިންޔާއަކީ ރުންކުރު ކުއްޖެކެވެ. މިޒްޔަލް ދައްކާ ވާހަކަ އަޑު ނާހާ ތަނުގައި ރީތިކޮށް އަނގައިންވެސް ނުބުނެއެވެ. ބިންޔާ ރީތިކޮށް ވާހަކަ ދައްކާތީ މިޒްޔަލްއަށް ހަމަޖެހުމެއް ލިބުނެވެ.

ބިންޔާގެ ގެ ހުންނަ މަގަށް ގޮސްފައި މިޒްޔަލް ހިނގުން މަޑުކޮށްލިއެވެ. އެހާ އަވަހަށް ބިންޔާ ގެއަށް ފޮނުވާލާކަށް އޭނާގެ ހިތެއް ނުރުހުނެވެ. އެކަމަކު، ބިންޔާ ހިފެހެއްޓޭނީ ކިހިނެއް ހެއްޔެވެ؟ ރެސްޓޯރެންޓަކަށް ގެންގޮސް ކެއުމެއް ދޭން މިޒްޔަލްގެ ހިތަށް އެރިއެވެ. އެކަމަކު އެކަމަށް ބިންޔާ ރުހޭނެ ހެއްޔެވެ؟

"ވަރަށް މީރު ކާއެއްޗެއްގެ ވަހެއް ދުވާތަ؟..." މިޒްޔަލް ވާހަކަ ފެށީ ދުރުދުރުންނެވެ.

"އޭނ؟... ކާއެއްޗެއް؟..." ދެތިން ފަހަރަކު ނޭފަތް އެތެރެއަށް ދަމާލުމުންވެސް ބިންޔާއަށް އެއްވެސް ވަހެއް ނުދުވިއެވެ. "މިތާ ކައިރީ ހުރޭތަ ރެސްޓޯރެންޓެއް؟..."

"އާނ... އެދިމާލުގަ ހުންނާނެ ވަރަށް މީރު ޕިއްޒާ ހަދާ ރެސްޓޯރެންޓެއް... އޭގެ ވަސް ކަންނޭނގެ އެ ދުވަނީ...." ބިންޔާގެ ގެ ހުންނަ މަގު ނޫން އަނެއް މަގަށް އިޝާރާތް ކުރަމުން މިޒްޔަލް ބުނެލިއެވެ. "ހިނގާ ރަހަބަލަން..."

"ޕިއްޒާ އެއީ ވަރަށް ނުބައި އެއްޗެއް..." ބިންޔާ ނުދާންވެގެން ބަހަނާ ދެއްކިއެވެ.

"ބާގާ، ސަބްމެރިން، ކޮއްތު ރޮށި، ފްރައިޑް ރައިސް، ނޫޑްލްސް ވެސް ވަރަށް މީރުވާނެ އެތާ..." މިޒްޔަލް ލިސްޓް ކިޔައިލީ ބިންޔާއަށް އިތުރު ބަހަނާއެއް ދައްކާނެ ފުރުސަތެއް ނުދިނުމުގެ ގޮތުންނެވެ.

ދެކޮޅު ހަދަން ބިންޔާ އަނގަ ހުޅުވައިލިއެވެ. އެވަގުތު އޭނާގެ ގެ ކައިރީގައި ތިބި ބަޔަކު ފެނި، މިޒްޔަލްގެ ހުށަހެޅުމަށް އެއްބަސްވާން މަޖުބޫރުވިއެވެ. މިޒްޔަލް ހީކުރީ އޭނަގެ ލިސްޓު ބިންޔާއަށް ކަމުދިޔައީ ކަމަށެވެ. އޭނާ ހުރީ ބިންޔާ އެހާ ފަސޭހައިން އެއްބަސްވެދާނެ ކަމަށް ކުޑަކޮށްވެސް ތައްޔާރުވެގެނެއް ނޫނެވެ.

"މިހިސާބުގަ ރެސްޓޯރެންޓެއް ހުރޭތަ؟..." ދާން ހިނގައިގަނެފައި، ބިންޔާ ސުވާލުކުރިއެވެ.

"އާނ... ވަރަށް ގިނައިން ދަމޭ އެތަނަށް..." މިޒްޔަލް އަވަސްއަވަހަށް ބުނެލިއެވެ. "ބިންޔާ ގޮވައިގެން ދިޔާމަ، އެމީހުންގެ ސީކްރެޓް ރެސިޕީވެސް އެނގިދާނެއެއްނު..."

މިޒްޔަލް ބޯ ކަހައިލާފައި ކުރިއަށް ހިނގައިގަތެވެ. ހަގީގަތަކީ، އެހިސާބުގައި ރެސްޓޯރެންޓެއް ހުންނަކަން އޭނާއަށް ނޭނގޭ ކަމެވެ. ބިންޔާ ހުއްޓުވަން އޭނާއަށް އިތުރު ގޮތެއް ނެތުނީއެވެ. މިޒްޔަލް އަވަހަށް ބިންޔާއަށް ނޭނގޭނޭހެން ސިއްރުން ފޯނުން އެ ހިސާބުގެ މައުލޫމާތު ހޯދަން ފެށިއެވެ. އެއިން ހިސާބަކުންވެސް ރެސްޓޯރެންޓެއް ހުރި ކަމަކަށް ނުދެއްކިއެވެ. ކުރިއަށް ހިނގަމުންދިޔަ ވަރަކަށް މިޒްޔަލްގެ ނިތްކުރިމަތިން ދާ ހިއްލަން ފެށިއެވެ. ހިނގާހިނގާ ދެފައިން ވާގިދާވަރުވީއިރުވެސް ރެސްޓޯރެންޓެއް ނުފެނުނެވެ. ދެވޭ ނުދެވޭއެއް ނޭނގި މިޒްޔަލްއަށް މަގުވެސް އޮޅުނެވެ. އެވަރުންވެސް ހުއްޓޭކަށް ނުކެރުނެވެ. އޭނާ އެންމެފަހުން، ޝިމާޢުއަށް ގުޅިއެވެ.

"ފޯނު ބަލާބަލަ..." ބިންޔާއަށް ނީވޭ ވަރަށް ސިއްރުން މިޒްޔަލް ބުނެލިއެވެ.

"އަނެއްކާ ކޮން ކަންތައްގަނޑެއް ލައްވާލީ؟..." ޝިމާޢު ޖަހައިލީ ހިނިގަނޑެކެވެ.

ބިންޔާ ބަލައިލުމުން، މިޒްޔަލް ގަދަކަމުން ހީލިއެވެ. އަދި އަތުގެ އިޝާރާތުން ދާންވީ މިސްރާބު ދައްކައިލީ، ވަރަށް އެނގިގެން ދައްކައިލާ ފަދައިންނެވެ.

މިޒްޔަލް ވެގެން އުޅޭގޮތް ޝިމާއުއަށް އެންގީ މެސެޖަކުންނެވެ. އެއަށްފަހު އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެކަން މަޖާކަމަކަށްވެގެން ޝިމާޢު ފެށީ ހޭށެވެ. ހީހީފައި ދާންވީ މިސްރާބު ކިޔައިދިނެވެ. މިޒްޔަލް ހުރީ ނުރުހިފައެވެ.

މަގަށް ނުކުމެވުމާއިއެކު، މިޒްޔަލަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ޝިމާއު ބުނި މަންޒިލަށް އާދެވުނުކަން އެނގުނު ނަމަވެސް، ކުރިމަތީގައި ހުރި އިމާރާތަށް ބެލުމުގެ ބަދަލުގައި، ފޯނުން ނަޒަރު ވަކިކޮށް އޭނާ ބަލައިލީ، ކައިރީގައި ހުރި ބިންޔާއަށެވެ.

"މިއާދެވުނީ..." އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި އިމާރާތް ދައްކާލަމުން، މިޒްޔަލް ބުނެލިއެވެ.

ދެމީހުންވެސް ތިބީ ހޫނުވެގެން ދާހިއްލާ ފޯވެފައެވެ. ކުރިމަތީގައި ހުރި އިމާރާތް ފެނުމުން، މިޒްޔަލް ދިޔައީ ސިއްސައިގެންނެވެ. ތަން ހުރީ މިޒްޔަލް ސިފަކޮށްދިން ގޮތަކަށް ނޫނެވެ. ކުޑަ ވަރެއްގެ ހަޓެކޭ އެތަނެކޭ އެއްފަދައެވެ. އުމުރުން ދުވަސްވީ މީހުން ސައްލާކުރަން އައިސް ތިބޭ މަންޒިލެކޭ އެތަނެކޭ ތަފާތެއް ނެތެވެ. ބޭރުން ހާމައަށް ތަން ފެންނަން އޮތްއިރު، ތަނުގައި ތިބީ މުޅީންވެސް ދުވަސްވީ ފިރިހެނުންނެވެ.

ގަތްލަދުން މިޒްޔަލް އެނބުރުނީ އަނެއް ފަރާތަށެވެ. ޝިމާއުދެކެ އައި ރުޅީގައި ހުރިހާ ވަރެއް ބޭލީ ފޯނަށެވެ. ބިންޔާގެ ހިނިގަނޑު ފަޅައިގެންދާން އުޅުނެވެ. މަކަރު ހެދޭ ވަރަށްވުރެ މިޒްޔަލް މާ މައުސޫމޭ އޭނާގެ ހިތަށް އެރިއެވެ. މިޒްޔަލް އުޅޭގޮތުން ބިންޔާއަށް އޭނާދެކެ ރުޅިއެއް ނާދެވެއެވެ. އެއިން ހިސާބެއްގައި ރެސްޓޯރެންޓެއް ނުހުންނާނެކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. އެކަން އެނގޭއިރުވެސް އޭނާ މިޒްޔަލާއިއެކު ދިޔައީ ކީއްވެކަމެއް ހުދު ބިންޔާއަކަށް ނޭނގުނެވެ.

"މިހިސާބުގަ އިންނާނެ އެހެން ތަނެއް..." ބިންޔާ ބުނެލިއެވެ.

ބިންޔާ ހިނގައިގަތުމުން، ފަހަތުން މިޒްޔަލް ދިޔައެވެ. އަމިއްލަ މީހާގެ މޮޔަކަން ބިންޔާގެ ކުރިމަތީގައި ހާމަވުމުން މިޒްޔަލް ހުރީ ލަދުގަނެފައެވެ. ބިންޔާ އާއި އެއްވަރު ކުރާކަށްވެސް ނުކެރުނެވެ.

ބިންޔާ ގޮސް ވަނީ އާދައިގެ ފެންވަރަކަށް ހަދާފައިވާ ރެސްޓޯރެންޓަކަށެވެ. ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ އެ ރެސްޓޯރެންޓަށް ވަނުމާއިއެކު ދުވި މީރުވަހުން މިޒްޔަލްގެ ކުޅު ދިޔާވިއެވެ. ކައްކަނީ ކޮން އެއްޗެއްތޯ ސުވާލުކޮށްގެން އެ އެއްޗަކަށް އޯޑަރުކުރިއެވެ.

"މީ އަހަރެންގެ ވަރަށް ފޭވަރިޓް ތަނެއް..." ހިޔާލަކަށް ގެއްލިފައި އިނދެ ބިންޔާ ބުނެލިއެވެ.

އެ ރެސްޓޯރެންޓްގެ ހުރިހާ ހަނދާނެއް ގުޅިފައި ވަނީ ބިންޔާގެ ބައްޕަ އަށެވެ. ބިންޔާގެ ހިތުން ފޮހެނުލެވޭނެ އުފާވެރި އެތައް ހަނދާނެކެވެ.

ވޭޓަރު ގެނައި ތަށިތައް އަތުރައިލުމަށް ބިންޔާ އަތް އުފުލައިލިއެވެ. އެވަގުތު ބިންޔާ އަތުގައި އަޅާފައިވާ އަނގޮޓި ފެނި، މިޒްޔަލްގެ ދެލޯ ބޮޑުވިއެވެ. ކުއްލިއަކަށް އޭނާއަށް ބިންޔާގެ އަތުގައި ހިފަހައްޓައިލެވުނެވެ.

"މި ރިންގް..." މިޒްޔަލްއަށް ބުނެވުނީ އެހެންނެވެ.

ބިންޔާގެ ފޯނު ރިންގުވާން ފެށިއެވެ. އިސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު ބިންޔާ ފުންމައިގެން ތެދުވިއެވެ. މިޒްޔަލްގެ މޫނަށް ބަލައިލުމަށްފަހު، އޭނާ ހިނގައިގަތީ ދުރަށެވެ.

"ކޮންތާކު؟..." އިވުނީ އާސިފުގެ އަޑެވެ.

"ނިދަން މިއޮތީ..." ބިންޔާ ދޮގެއް ހެދިއެވެ.

"މިހާރު އަހަންނަށް ދޮގުވެސް ހަދަން ފެށީތަ؟..." އާސިފުގެ އަޑު އައީ ބިންޔާގެ ކަންފަތް ކައިރިންނެވެ. "ފޯނު ލިބުނީމަ ހުރިހާ ބާރެއް ލިބުނީހެން ހީވީތަ؟..."

ބިންޔާ ސިހިފައި ކުއްލިއަކަށް ފޯނު ކަނޑައިލިއެވެ. އޭނާ ފަސްއެނބުރި ބަލައިލިއިރު، އާސިފު ހުރީ ކައިރީގައެވެ. ބިރުންގޮސް ބިންޔާގެ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ.

"ރީތި ގޮތުގަ އަހަރެންގެ ފޯނު ދޭނީތަ؟... ނޫނީ ގަދަކަމުން އަތުލަންވީތަ؟..." އާސިފު ނުރައްކާތެރި ގޮތަކަށް ބިންޔާ އާއި ކައިރިވެލަމުން، ސުވާލުކުރިއެވެ.

"ކޮން ފޯނެއް؟..." ބިންޔާ ނޭނގޭކަމަށް ހެދިއެވެ.

"އޯކޭ..." އާސިފު ވަރަށް ފަސޭހައިން ދުރަށް ޖެހުނެވެ.

އޭނާ ގޮސް މިޒްޔަލްގެ ކައިރީގައި އިށީންތަން ފެނުމުން ބިންޔާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އާސިފު އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ މިޒްޔަލްގެ ކިބައިން ބަދަލު ހިފަން ހެއްޔެވެ؟ ކަމާއި ނުވެސް ގުޅޭ މީހުން މައްސަލަތަކުގެ ތެރެއަށް ވެއްދުމަކީ ބިންޔާ އެންމެ ފޫހިވާ އެއް ސިފައެވެ.

"ތީ މިޒްޔަލްތަ؟... ގޯލްޑަން ހިޔާ ރެސްޓޯރެންޓް..." އާސިފު ސުވާލުކުރިއެވެ.

މިޒްޔަލް އިނީ ފާޑަކަށް އާސިފާ ދިމާއަށް ބަލަހައްޓައިގެންނެވެ. އާސިފަށް ނޭނގުނަސް، އޭނާއަށް އާސިފު އެނގެއެވެ. އޭނަގެ މަންމަގެ މައުލޫމާތު އާސިފަށް އެނގޭނެކަން މިޒްޔަލްއަށް ޔަގީންވެއެވެ.

ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް މިޒްޔަލްގެ ކައިރީގައި ދާން އެދުނެވެ. އާސިފަކީ ނުރައްކާތެރި މީހެކެވެ. މީހަކަށް ކޮންމެފަދަ ކަމެއް ކުރާކަށްވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ބިންޔާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ.

"މީ ގާލްފްރެންޑްތަ؟..." ހެވިފައި ސުވާލުކުރި ނަމަވެސް، އާސިފުގެ ނުރައްކާތެރި ދެލޯ ބިންޔާއަށް އަމާޒުކޮށްލީ ބިރުގަންނުވައިލާ ފަދައިންނެވެ.

"ހޫމްމް..." އެއްޗެއް ވިސްނުނު ފަދައިން މިޒްޔަލް އެއްބަސްވިއެވެ.

ބިންޔާގެ ދެލޯ ބޮޑުވިއިރު، އާސިފުގެ ދެބުމަ ގޮށްޖެހުނެވެ. ފަލަމަސްގަނޑުގެ މަތީގައި ބާއްވާލާފައި އޮތް އޭނާގެ ދެއަތް އޮތީ މުށްކެވިފައެވެ. އެ މަންޒަރު ފެނުނީ ބިންޔާ އަށެވެ. ބިންޔާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ދެފައި ތުރުތުރު އަޅައިގަތެވެ. އާސިފުދެކެ ބިރު ނުގަންނަން އުޅުނަސް، އޭނާއަށް އެކަމެއް ނުވެއެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ.

"ހާދަ ނަސީބު ރަނގަޅޭ..." ދެމާނަ އެކުލެވޭ ރާގަކަށް އާސިފު ބުނެލިއެވެ.

"އާނ... އަހަރެންވެސް ހިތަށް އަރާ އަހަރެން ހާދަ ނަސީބު ރަނގަޅޭ... ދޯ ލޯބީ؟..." ބިންޔާގެ އަތްތިލައިގައި ހިފައިލަމުން މިޒްޔަލް ވަރަށް ލޯބިން ބުނެލިއެވެ. "ބައެއް މީހުންނަށް މިކަހަލަ ކުދިން ލިބުނީމަވެސް ގެންގުޅޭކަށް ނޭނގޭ... އެކަހަލަ މީހުން ބަލާނީ އަނިޔާއެއް ކޮށްލެވޭތޯ..."

މިޒްޔަލް އިނީ އާސިފުގެ މޫނަށް ވެރިވާ ކުލަވަރުތަކަށް ސަމާލުވެގެންނެވެ. އޭނާ ހުރިހާ ވާހަކައެއް އެހާ ފާޅުކަންބޮޑު ގޮތެއްގައި ދެއްކީވެސް ހިތުގެ ޝައްކުތައް ޔަގީންކުރާށެވެ. ހާސްވެގެން ބިންޔާގެ ނިތްކުރިމަތިން ދާ ހިއްލާލިއިރު، އާސިފުގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. މިޒްޔަލްގެ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ބިންޔާއަށް އަނިޔާ ކުރީ އާސިފެވެ. އެކަމަކު އެއީ ބިންޔާގެ ކާކު ހެއްޔެވެ؟ ބިންޔާއަށް އަނިޔާކުރީ ކޮން ހައްގެއް ލިބިގެން ހެއްޔެވެ؟ މިޒްޔަލްގެ އަތް މުށްކެވުނެވެ. އޭނާއަށް ބިންޔާގެ އަތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު