އެމްއެންޕީގެ ވެރިކަމެއްގައި ސްޓޫޑެންޓް ލޯނު މަޢާފުކޮށްދޭން ނާޒިމް ވައުދުވެއްޖެ

ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ---

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ސްޓޫޑެންޓް ލޯނުން ކިޔަވައިގެން ރާއްޖޭގައި ޚިދުމަތްކުރާ ކޮންމެ މީހަކަށް އެ ލޯނު މައާފުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކުދިންނަށް ކިޔަވައިދިނުމަކީ ސަރުކާރަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.

އެ ކުދިންނަށް ކިޔަވައި ދެނީ ވެސް ރާއްޖެއަށް ލިބޭ އާމްދަނީން ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެހެންކަމުން ލޯނު ނަގައިގެން އެ ކުދިން ކިޔަވަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރާއްޖެއަށް ލިބޭ އާއްމަދީގެ ތެރެއިން ކުދިންނަށް މި ކިޔަވައިދެނީ. ކިޔަވައިދޭން ޖެހޭނީ. އެމީހުންނަށް އެ ލޯނު ދައްކާކަށް ނުޖެހޭނެ. އެމްޕީގެ ވެރިކަމެއްގައި ކިޔަވައިނިމިގެން ރާއްޖޭގައި ޚިދުމަތްކުރާ ކޮންމެ މީހަކަށް އެ ލޯނު މާފުކޮށްދޭނަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭންކުން ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓު ކުޑަކުރުމާ ބެހޭ ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި އެއަށް ފަހު އެމްއެންޕީގެ ވެރިކަމެއްގައި ދެވޭ ލޯނަކީ 4.5 ޕަސެންޓަށްވުރެ އިންޓްރެސްޓް ރޭޓް ދަށްކޮށް ދެވޭ ލޯނަކަށް ހަދައިދޭނެ ކަމަށެވެ.

"އެމްއެންޕީގެ ވެރިކަމެއްގައި ލޯނު ނުދެއްކިފައި ތިބި ކޮންމެ މީހަކަށް ބޭންކު ތެރެއިން އެ ލޯނު ރީސްޓްރަކްޗާ ކޮށްދޭނަން،" ނާޒިމް ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވެރިކަމަށް އަންނާނީ މުއްސަނދިންނާއި ފަގީރުން ތަފާތު ނުކުރަންކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެގޮތުން އެ ޕާޓީގެ ވެރިކަމެއްގައި އާއްމުކޮށް ޑޮލަރު ގަންނަން ލިބޭ އަގު 15.42އަށް ތިރި ކުރާނެ ކަމަށެވެ.

comment ކޮމެންޓް