ޗައިނާގެ އިންޖިނިއަރަކު އެމެރިކާގައި ޖާސޫސު ކުރުމުން އަށް އަހަރުގެ ޖަލު ހުކުމެއް

އެމެރިކާގެ އިންޖިނިއަރުންނާއި ސައިންސްވެރިންގެ މައުލޫމާތު އެއްކޮށްގެން ޗައިނާ ސަރުކާރަށް ޖާސޫސް ކުރި ކަމަށް ބުނެ، ޝިކާގޯގެ ކުރީގެ އިންޖިނިއަރިން ގްރެޖުއޭޓް ދަރިވަރަކު، އަށް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި -- ފޮޓޯ/ ގެޓީ އިމޭޖަސް

އެމެރިކާގެ އިންޖިނިއަރުންނާއި ސައިންސްވެރިންގެ މައުލޫމާތު އެއްކޮށްގެން ޗައިނާ ސަރުކާރަށް ޖާސޫސް ކުރި ކަމަށް ބުނެ، އެމެރިކާއިން އިންޖިނިއަރިން ކިޔެވި މީހަކު، އަށް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރު، އެމެރިކާގެ އިލިނޯއި އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި އިލެކްޓްރިކަލް އިންޖިނިއަރިން ކިޔަވަން އައި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖީ ޗައޮކުންގެ މައްޗަށެވެ.

މިހާރު އުމުރުން 31 އަހަރުގެ ޖީ ހައްޔަރުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާއަށް އައިސް އެމެރިކާ ސިފައިންގެ ރިޒާވްގައި ވެސް ރަޖިސްޓްރީވި ފަހުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗައޮކުންގެ މައްޗަށް ވަނީ، ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް)ގެ އޭޖެންޓެއްގެ ގޮތުގައި ގަވާއިދާ ޚިލާފަށް އަމަލުކޮށް، އެމެރިކާ ސިފައިންނަށް ދޮގު ބަޔާނެއް ދިނުމުގެ ކުށް ސާބިތުވެފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޗައިނާއިން ޖީ އާ ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖާސޫސުންގެ ގޮތުގައި ބޭނުން ކުރެވިދާނެ މީހުންގެ މައުލޫމާތު އިންޓެލިޖެންސް އޮފިސަރަކަށް ފޯރުކޮށްދިނުމަށެވެ.

ޖީ ހިއްސާކުރި މައުލޫމާތުގެ ތެރޭގައި، އެމެރިކާގައި އިންޖިނިއަރުންނާއި ސައިންސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޗައިނާގެ ރައްޔިތުން ހިމެނޭއިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ އެމެރިކާގެ ޑިފެންސް ކޮންޓްރެކްޓަރުންނަށް މަސައްކަތްކޮށްދޭ މީހުންނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވާ ގޮތުން، ޖީގެ ޖާސޫސުކުރަން ފޮނުވީ ޗައިނާގެ ޖާސޫސް ކުރާ އިދާރާއަކުންނެވެ. އަދި އެއީ އެމެރިކާގެ ކުންފުނިތަކުން ތަރައްގީ ކުރަމުން އަންނަ ޒަމާނީ އެއަރޮސްޕޭސް އަދި ސެޓެލައިޓް ޓެކްނޮލޮޖީތައް ހޯދުމަށް ކުރި ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ކިޔެވުން ނިމުނުތާ އަހަރެއް ފަހުން 2016 ވަނަ އަހަރު ޖީ އެމެރިކާ ސިފައިންގެ ރިޒާވްގައި ރަޖިސްޓްރީ ކުރީ، ޚާއްސަ ހުނަރުތައް ހުންނަ ބޭރުގެ ރައްޔިތުންނަށް އަސްކަރީ ރިޒާވްގައި ބައިވެރިވުމަށް ފުރުސަތުދޭ ޕްރޮގްރާމެއްގެ ދަށުންނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅި އެޕްލިކޭޝަންގައި ޖީ ވަނީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބޭރުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ބާއްވާފައި ނުވާ ކަމަށް ބުނެފައެވެ. އަދި އޭނާއާ ޗައިނާގެ ޖާސޫސީ އޮފިސަރުންތަކަކާ ގުޅުން އޮތް ނަމަވެސް އޭނާ އެކަން ހާމަނުކުރާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެއެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ޖީ ރާވާފައި އޮތީ އެމެރިކާގެ ރަށްވެހިކަން ހޯދުމަށް ފަހު، ސީއައިއޭ، އެފްބީއައި ނުވަތަ ނާސާ ފަދަ އިދާރާއެއްގައި މަސައްކަތްކޮށް، އެމެރިކާގެ ސައިންޓިފިކް ދިރާސާތައް ފަދަ މައުލޫމާތު ވަގަށް ނެގުމަށެވެ.

comment ކޮމެންޓް