ހިޔާ ފްލެޓަކުން އެއްލި ފެންކޮތަޅަކުން ޖެހި މާބަނޑު މީހަކަށް އަނިޔާވެއްޖެ

ހިޔާ ޓަވަރު

ހިޔާ 15 ވަނަ ޓަވަރުގެ އެޕާޓުމަންޓަކުން އެއްލި ފެންކޮތަޅަކުން ޖެހި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ، ހިޔާ ޓަވަރުގައި ގާއިމްކުރި ހުޅުމާލެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު އެ ސަރަހައްދުގައި ކުރިއަށްދަނިކޮށެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓަވަރުން އެއްލި ފެން ކޮތަޅު ފަޅައިގެން ގޮސްފައި--- ފޮޓޯ/ސޯޝަލް މީޑިއާ

އެ ހާދިސާގައި އަނިޔާވީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކަށެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ، ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ކުރާ މުޖުތަމައާ ބީރައްޓެހި މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމީ އެ ކުންފުނިން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ފެންކޮތަޅު އެއްލި އެއްލުން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަން ފާހަގަކުރަމުން އެޗްޑީސީން ބުނީ، މިކަމާ ގުޅިގެން އަޅަންޖެހުނު ފިޔަވަޅެއް އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނޭ ކަމަށެވެ.

ހިޔާ ޓަވަރަކުން އެއްލި ފެންކޮތަޅު ފަޅައިގެން ގޮސްފައި-- ފޮޓޯ/ސޯޝަލް މީޑިއާ

މަންޒަރުދުށް މީހަކު "ސަން"އާ ވާހަކަދައްކަމުން ބުނީ، ފެންކޮތަޅު އެއްލީ ކޮން އެޕާޓްމަންޓަކުންކަން އެވަގުތު އެތަނުގައި ތިބި މީހުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. މިގޮތުން ފެންކޮތަޅު އުކި މީހާ އެކަންކުރި ގޮތަށް ބަލާއިރު، ފެންކޮތަޅު އުކާފައިވަނީ، ސިއްރުން ނޫންކަމަށްވެސް ސަންއަށް މައުލޫމާތުދިން މީހާ ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުގެ އެޕާޓްމެންޓުތަކުން މަގުމައްޗަށް އެއްޗެހި އުކުމަކީ ވަރަށް އާއްމުކަމެކެވެ. ހިޔާ ޓަވަރުގެ އެކި އެޕާޓްމަންޓުތަކުން ކޮންމެ ދުވަހަކުވެސް މަގުމައްޗަށް އެކި އެއްޗެހި އުކާފައި ހުރެއެވެ. ނަމަވެސް އެއްވެފައި ތިބި މީހުންނަށް އަމާޒުކޮށް މިއީ މިގޮތަށް އެއްޗެހި އުކި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް