ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް ފައިނަލުގެ ޖާގައެއް ރިބަކީނާ ހޯދައިފި

ރިބަކީނާ މިއަދު އަޒަރެންކާ އާ ދެކޮޅަށް ކުޅެނީ-- ފޮޓޯ/ގެޓީ

ތަޖުރިބާކާރު ކުޅުންތެރިޔާ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް، އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓުގެ ފައިނަލުގެ އެންމެ ފަހު ޖާގަ ކަޒަކްސްތާނުގެ އެލީނާ ރިބަކީނާ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް 23 އަހަރުގެ ރިބަކީނާ ހޯދާފައިމިވަނީ، ސެމީފައިނަލުގައި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ބެލަރޫސްގެ އަޒަރެންކާއާ ދެކޮޅަށް ކުޅުނު މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ރިބަކީނާ ގެންދިޔައީ، ހަތެއް ހައެއްގެ ނަތީޖާއަކުންނެވެ. ދިހަ އަހަރުވަންދެން އަޒަރެންކާ ތައްޓެއް ހޯދުމަށް ކުރަމުންއައި އުއްމީދުތައް ގެއްލުނީ، މެޗުގެ ދެވަނަ ސެޓް ހައެއް ތިނެއްގެ ނަތީޖާއަކުން ރިބަކީނާ ގެންދިއުމުންނެވެ.

އަޒަރެންކާ ވަނީ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ އަޒަރެންކާގެ އެންމެ ރަން ދުވަސްވަރު، 2012 އަދި 2013 ވަނަ އަހަރެވެ.

އަރީނާ ސަބަލެންކާ-- ފޮޓޯ/ގެޓީ

މެޗަށްފަހު ކުރިއަށްއޮތް ފައިނަލްމެޗާ ބެހޭގޮތުން ވާހަކަދައްކަމުން ރިބަކީނާ ބުނީ، އަރީނާ ސަބަލެންކާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއަން ގްރޭންޑް ސްލޭމް ޑަބަލްސް މުބާރާތެއް ކާމިޔާބުކޮށްފައިކަމަށެވެ. އެހެންކަމުން މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާގެ ތަޖުރިބާ އޭނާއަށްވުރެ މާބޮޑަށްވެސް ހުންނާނޭކަމަށް ރިބަކީނާ ބުންޏެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސިންގަލް ގްރޭންޑް ސްލޭމް ހޯދުމުގެ ފުރުސަތު ރިބަކީނާއަށް އޮތްއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކޮށްފައެވެ. އެ މުބާރާތް ރިބަކީނާ ކާމިޔާބުކޮށްފައިވަނީ، ފައިނަލުގައި ތުރުކީގެ އޮންސް ޖަބީ އާ ވާދަކޮށްގެންނެވެ.

comment ކޮމެންޓް