އަފްޣާން އަންހެނުން އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުގައި ބައިވެރިކުރުމަށް އުސޫލުތަކެއް

އަފްޣާނިސްތާނުގައި ފާއިތުވީ ދިހަ އަހަރު ދުވަހުގެ ތެރޭގައި އައި އެންމެ ފިނި މޫސުން ތަހައްމަލް ކުރަމުންދާ މީހުން -- ފޮޓޯ/ ގެޓީ އިމޭޖަސް

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުގެ މަސައްކަތުގައި އަންހެނުން ބައިވެރިވުމާ ގުޅޭ ގޮތުން އުސޫލްތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ތާލިބާން މިނިސްޓަރުންނާ ހަވާލާދީ، އދ. އިން ބުނެފިއެވެ.

އދ.ގެ އަންޑަ ސެކްރެޓަރީ-ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އޮޕްރޭޝަންސް މާޓިން ގްރިފިތްސް, އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތާލިބާންގެ އިސް އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ވިދާޅުވީ އެ ގައުމުގެ ވަޒީރުންގެ ފަރާތުން އުންމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ. އެ މަޝްވަރާތައް ބޭއްވީ، އަފްޣާން އަންހެނުން އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުގައި މަސައްކަތްކުރުން މަނާކޮށް ތާލިބާނުން މިދިޔަ މަހު ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރާ ގުޅިގެން، އެހީ ފޯރުކޮށްދޭ ވަރަށް ގިނަ ޖަމިއްޔާތަކުން ވަނީ އެމީހުންގެ އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ.

ގްރިފިތްސް ވިދާޅުވީ ތާލިބާނުން އެ އަމުރަށް ބަދަލު ނުގެނައި ނަމަވެސް، އަންހެނުންނަށް ޖަމުއިއްޔާތަކުގައި ބައިވެރިވާން ފުރުސަތު ދޭނެކަމުގެ އުންމީދު އާވެފައިވާ ކަމަށެވެ.

"އިންސާނީ އެހީ ފޯރުކޮށްދޭ ހުރިހާ އޮޕަރޭޝަންތަކުން ވެސް ފާހަގަކުރެވެނީ އަންހެނުންނާއި އަންހެން ކުދިންނަށްކަން އެންމެ ބޮޑަށް ނުރައްކާ އޮންނަނީ ލިބެނީ. އަންހެނުން މި އޮޕަރޭޝަންތަކުގައި މަސައްކަތް ނުކުރާ ނަމަ، އަހަރެމެން އެބަޔެއްގެ އަޑު އަހަން ޖެހޭ އަންހެނުންނާއި އަންހެން ކުދިންނާ ހަމައަށް ވާސިލުނުވޭ،" ގްރިފިތްސް ވިދާޅުވިއެވެ.

ތާލީބާނުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ގްރިފިތްސް ވިދާޅުވީ، 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައި ފަހުން އެ ގައުމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ސަރަހައްދުތަކަށް ދިޔުން ފަސޭހަވެއްޖެ ކަމަށެވެ.

އެގޮތުން ކުރިން ތާލިބާނުންގެ ހަމަލާތަކުގެ ނުރައްކަލަށް ނުވަތަ އެމެރިކާ ސިފައިންގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ނުދޭވެ ސަރަހައްދުތަކަށް މިހާރު ވަދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ.ގެ އަންޑަ ސެކްރެޓަރީ-ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އޮޕްރޭޝަންސް މާޓިން ގްރިފިތްސް -- ފޮޓޯ/ ގެޓީ އިމޭޖަސް

އަފްޣާނިސްތާނުގެ އެކްޓިން މިނިސްޓާ އޮފް ފޮރިން އެފެއާޒް އަމީރު ޚާން މުއްތާގީ ވަނީ، ތާލިބާނުންގެ ވެރިކަމާ ބެހޭ "ޝަކުވާތަކާއި އުނިކަންތަކުގެ ބަދަލުގައި ކާމިޔާބީތަކާއި ހުޅުވައިދީފައިވާ ފުރުސަތުތައް" ހިއްސާކުރުމަށް ގްރިފިތްސްއަށް އިލްތިމާސް ކުރައްވާފައެވެ.

އަފްޣާނިސްތާނުގައި އެހީ ފޯރުކޮށްދިނުމުގައި އެގައުމުގެ އަންހެނުން މުހިންމު ދައުރެއް އަދާކުރާއިރު، ތާލިބާންގެ އަމުރުގެ ސަބަބުން އެގައުމުގައި ހިންގާ ޖަމިއްޔާތަކުގެ އޮޕަރޭޝަންތަކަށް ހުރަސް އެޅެމުންދާތީ އެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގްރިފިތްސް ވިދާޅުވި ގޮތުގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ހަރަކާތެއް ކުރިއަށް ދަނީ އަފްޣާނިސްތާނުގައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރު އެ ގައުމުގެ އޭޖެންސީތަކުން މަސައްކަތް ކުރާނީ 28 މިލިއަން މީހުން ނުވަތަ އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އެހީ ފޯރުކޮށްދިނުމަށެވެ.

މިއަހަރު އަފްޣާނިސްތާނުން ތަޖުރިބާ ކުރަމުންދަނީ ފާއިތުވީ ދިހަ އަހަރުގެ ތެރޭގައި އެގައުމަށް އެންމެ ބޮޑަށް ފިނިވި ފިނި މޫސުމެވެ. އެގޮތުން ފިނި ބޮޑުވުމުގެ ސަބަބުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެގައުމުގެ 126އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

comment ކޮމެންޓް