ތައިލެންގެ ބެންކޮކްގައި އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ބާއްވާ ބެންކޮކް އިންޓަނޭޝަނަލް ފިލްމް ފެސަޓިވަލްގައި ރާއްޖޭން ބައިވެރިވާން ނިންމައިފިއެވެ.
މި ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވާނީ އެކްޓަރު އަދި ޕްރޮޑިއުސާ، ޑައިރެކްޓާ އަހުމަދު ނިމާލާއި މޯލްޑިވްސް ސޮސައިޓި ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)ގެ ޗެއާމަން، އެކްޓާ، މުހައްމަދު ރަޝީދު (ދަރާ)އެވެ.
ރަޝީދު މި ފެސްޓިވަލްގައި ބައިވެރިވަނީ ފެސްޓިވަލް އޯގަނައިޒް ކުރާ ފަރާތުން ދެއްވި ޙާއްސަ އިންވިޓޭޝަނެއްގައެވެ. ނިމާލް މި ފެސްޓިވަލްގައި ބައިވެރިވަނީ، އެމްއެސްޕީއޭއަށް ލިބުނު ފުރުސެއްގައެވެ.
ރާއްޖޭގެ ފަރާތުން މިފެސްޓިވްލްގައި ޝޯކޭސް ކުރާނީ ޑައިރެކްޓަރު ރަވީ ފާރޫޤް ލިޔެ ޑައިރެކްޓް ކޮށް ރާއްޖެ ޓީވީއިން ޕްރޮޑިއުސް ކޮށްފައިވާ ކުރު ފިލްމް "ހަޔާތް"އެވެ. މި ފިލްމަކީ 2022 ވަނަ އަހަރު ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށް އެވޯޑް ލިބިފައިވާ ފިލްމެކެވެ.
ފިލްމް ފެސްޓިވަލްގެ އިތުރުން ފެސްޓިވަލްއާއި ގުޅިގެން ބާއްވާ ސްޕެޝަލް އެވޯޑް ސެރެމަނީގަވެސް ނިމާލާއި ރަޝީދު ބައިވެރިވާނެއެވެ. މި އެވޯޑް ސެރެމަނީގައި ހާއްސަ ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެއީ އިންޓަނޭޝަނަލް އެޗީވާސް އެވޯޑްގެ ނަމުގައި ހިމަނާފައިވާ ކެޓަގަރީއެކެވެ.
މި ފެސްޓިވަލްއަށް އެމްއެސްޕީއޭއަށް ފުރުސަތު ލިބިފައިވަނީ އެމްއެސްޕީއޭގެ ފަރާތުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ސަބަބުންނެވެ. އެ ސޮސައިޓީން ބުނިގޮތުގައި މި ފެސްޓިވަލް އޯގަނައިޒް ކުރާ ފަރާތާއެކު ރާއްޖޭގައި މިފަދަ ފިލްމް ފެސްޓިވަލްތައް ބޭއްވުމަށް މަޝްވަރާ ކުރާނެއެވެ. އަދި ރާއްޖޭގެ ފަންނާނުންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް ވެސް މަޝްވަރާ ކުރާނެއެވެ.
އެ ސޮސައިޓީބް ބުނިގޮތުގައި، ނިމާލްގެ ނަން ފެސްޓިވަލްއަށް ހުށަހެޅީ އޭނާ އަކީ ރާއްޖޭގެ ފިލްމީދާއިރާގައި ތަފާތު މަރުހަލާތަކުގައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް ކުރަމުން އަންނަ މީހަކަށް ވާތީއެވެ.
"އެމްއެސްޕީއޭއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެންޓަޓެއިންމަންޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކިއެކި ތަފާތު ފުރުސަތުތައް ހޯދައިދިނުމާއި އެ ފަރާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރާއްޖޭންނާއި ރާއްޖޭން ބޭރުން ރިކޮގްނިޝަން ހޯދައިދިނުމަށް،" ދަރާ ރަޝީދު ބުންޏެވެ.
އެމްއެސްޕީއޭއިން ކުރި މަސައްކަތުން 2021 ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު އެކްޓްރެސް އައިޝަތް ރިޝްމީ ރަމީޒަށް ޑރ. ސަރޯޖިނީ ނައިޑޫ އިންޓަނޭޝަނަލް ވާކިންގް ވުމަންގެ އެވޯޑް ވެސް ލިބިފައި ވެއެވެ.