އެކްޓަރު ވިކީ ކޯޝަލްއަށް ތާރީޚީ ފިލްމެއް

ފިލްމު "މިމީ"ގެ ޑައިރެކްޓަރު ލަކްސްމަން އުތޭކަރްގެ ފިލްމަކަށް ވިކީ ކޯޝަލް ސޮއިކޮށްފިއެވެ.

ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައި އޮތް މި ފިލްމަކީ، ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ވަރަށް ތާރީޚީ ފިލްމެކެވެ. ވިކީ ކޯޝަލް މީގެ ކުރިން ވެސް ވަނީ ތާރީޚީ ޙާދިސާތައް ކިޔައިދޭ ފިލްމުތައް ކުޅެން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އެގޮތުން ތަންކޮޅެއްކުރިން އިޢުލާނުކުރެވުނު ތާރީޚީ ފިލްމު "ތަޚްތް" އަދި "ދަ އިމޯޓަލް އަޝްވައްޓަމާ"އަށް ވެސް ވިކީ ސޮއިކުރިއެވެ. އެހެންނަމަވެސް މިފިލްމު އުފެއްދުންވަނީ ލަސްކުރެވިފައެވެ.

ލަކްސްމަން އުތޭކަރްގެ ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމުގައި ވިކީ ފެނިގެންދާނީ 1681 އިން 1689 އަށް އިންޑިއާގައި ރަސްކަންކުރި މަރާޓީ އެމްޕަޔަރަށް ނިސްބަތްވާ ޗަތްރަޕާތީ ޝިވާޖީ މަހާރާޖްގެ ދޮށީ ދަރިކަލުންގެ ރޯލުންނެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެ ނިމިފައިވާއިރު ވިކީ ފިލްމަށް ސޮއިކުރިކަން ވަރަށް އަވަހަށް ރަސްމީކޮށް އިޢުލާނުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ލުއްކާ ޗުއްޕީ"ފަދަ ފިލްމުތައް ގެނެސްދީފައިވާ ލަކްސްމަން މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ވެސް ޙަޤީޤީ ޙާދިސާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ފިލްމުތަކުން ވިކީ ކޯޝަލް ފެނިފައިވާއިރު މި ފިލްމު ވެގެން ދާނީ އެކްޓަރު މިފަދަ ޙާދިސާއެއް ކިޔައިދޭ ހަ ވަނަ ފިލްމަށެވެ.

މީގެކުރިން ވިކީ ފެނިފައިވާ ފިލްމުތަކުގެތެރޭގައި، "ރާޒީ"، "ސަންޖޫ"، "އުރީ: ދަ ސަޖިކަލް ސްޓްރައިކް"، "ސަރްދާރް އުޅަމް" އަދި މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ޝާމްބަހާދުރް" ހިމެނެއެވެ. މި ފިލްމުގެ އިތުރުން ވެސް ވިކީ ވަނީ ލަކްސްމަން އުތޭކަރްގެ އިތުރު ފިލްމަކަށް ސޮއިކޮށްފައެވެ. ބަތަލާ ސާރާ ޢަލީ ޚާންއާއެކު އެކްޓަރު ފެނިގެންދާ މި ފިލްމަށް ކިޔާނެ ވަކިނަމެއް އިޢުލާނުނުކުރެއެވެ.

comment ކޮމެންޓް