ފިލްމު ''ފުކްރޭ 3'' ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފި

އެކްސެލް އެންޓަޓެއިންމެންޓްގެ އެންމެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ފުކްރޭ"ގެ ތިން ވަނަ ބައި ރިލީޒްކުރުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި ފިލްމަކީ، ކޮމެޑީ ފިލްމުތަކުގެތެރެއިން ބެންޗްމާކެއް ޤާއިމުކޮށްފައިވާ ވަރަށް މަޤުބޫލު ފިލްމެކެވެ. މިހާތަނަށް ގެނެސްދެވިފައިވާ މި ފިލްމުގެ ހުރިހާ ބަޔަކީވެސް ހެއްވާ މަޖާ ކަންތައްތަކާއެކު ހިނިގަނޑު ފަޅައިގެންދާ ފަދަ މަންޒަރުތައް ދައްކުވައިދިން ފިލްމެކެވެ.

"ފުކްރޭ"ގެ 3 ވަނަ ބައިވެސް މިފަދަ ހެއްވާ މަޖާ ކަންތައްތަކުން ފުރިގެންވާނެ ފިލްމަކަށް ވެގެންދާނެކަމަށް އެކްސެލް އެންޓަޓެއިންމެންޓްއިން ވަނީ ބުނެފައެވެ. "ފުކްރޭ3"އިން ފެނިގެންދާނީ ކުރީގެ ދެ ބައިންވެސް ފެނިގެންދިޔަ ތަރިންކަމަށްވާ، ޕުލްކިތް ސަމްރާތް، ވަރުން ޝަރްމާ، ރިޗާ ޗައްދާ، މަންޖޯތް ސިންގް އަދި ޕަންކަޖް ތްރިޕާތީއެވެ.

އެކްޓަރު ފަރްޚާން އަޚްތަރުގެ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ މިރްގްދީޕް ސިންގް ލަމްބާއެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ރިތޭޝް ސިދްވާނީއެވެ. ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ފެސްޓިވަލަކާ ގުޅިގެންނެވެ. ބެލެވޭގޮތުގައި މިދުވަސްވަރާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ވީހާވެސް ގިނަބަޔަކަށް ފިލްމު ބެލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ފިލްމު "ފުކްރޭ" އެންމެ ފުރަތަމަ ރިލީޒް ކުރީ 2013 ވަނަ އަހަރުއެވެ. ފުރަތަމަ ބަޔަށް ލިބުނު މަޤުބޫލުކަމާއެކު ފިލްމުގެ ދެވަނަ ބައި އުފެއްދުމުން ފިލްމުގެ ތިން ވަނަ ބަޔަކަށް ވެސް ފޭނުން ތިބީ އެދިއެދިއެވެ. ޚާއްޞަކޮށް އިންޑިއާގެ ޒުވާނުންގެ މެދުގައި މިފިލްމު ވަރަށް ބޮޑު މަޤުބޫލުކަމެއް ވަނީ ހޯދާފައެވެ.

ފިލްމުގެ ލީޑްއިން ފެނިގެންދާ ޕުލްކިތް ސަމްރާތްގެ ކާމިޔާބީއާ ގުޅިފައިވާ މި ފިލްމަށްފަހު ހިންދީ ސިނަމާއިން ގިނަ ފުރުޞަތުތަކެއް އެކްޓަރަށް ލިބިގެންދިޔައެވެ. ޕުލްކިތްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭގައި، "ޖެއި ހޯ"، "ޑޮލީކީ ޑޯލީ" އަދި 2016 ވަނަ އަހަރު ރިލީޒްވި ފިލްމު "ސަނަމްރޭ" ހިމެނެއެވެ.

comment ކޮމެންޓް