އެކި ބްރޭންޑްތަކުގެ ސްމާޓްފޯންތައް ތަރައްގީވެ، ކުރިއަރަމުން އަންނައިރު އެމީހެއްގެ ފޯނު ބަދަލުކުރަންވީ ވަގުތަކީ ކޮބައިކަން ދެނެގަންނަން ދަތިވެދާނެއެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް ނިންމަންވެއްޖެކަން އަންގައިދޭ އެތައް ނިޝާންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:
ފޯނުގެ މަސައްކަތް ލަސްވުން:
ފޯނު ގިނަގިނައިން ފްރީޒްވެ، ކްރޭޝްވުން ނުވަތަ މަސައްކަތްތައް ލަސްވާން ފަށައިފިނަމަ، އެއީ އާ ފޯނަކަށް ބަދަލުކުރަންވީ ވަގުތު ކަމުގައި ވެދާނެއެވެ. އެއީ ފޯނުތަކަށް ގިނަ ދުވަސްވާ ވަރަކަށް އެޕްތަކާއި އަޕްޑޭޓްތަކާއި އެހެނިހެން ސޮފްޓްވެއާތަކުގެ ސަބަބުން ފޯނުގެ މަސައްކަތް ދަށްވެދާނެއެވެ.
މާ ކުރީގެ އޮޕަރޭޓިން ސިސްޓަމްއެއް ބޭނުންކުރަން ޖެހުން:
އޮޕަރޭޓިން ސިސްޓަމްގެ އާ ވާޝަންތައް ނެރޭވަރަކަށް، ދުވަސްވީ ފޯނުތަކަށް އެ އަޕްޑޭޓްތައް ނުގެނެވޭނެއެވެ. އޯއެސްގެ އެންމެ ފަހުގެ ވާޝަން މިހާރު ބޭނުންކުރާ ފޯނަށް އިންސްޓޯލް ނުކުރެވޭނަމަ އެއީ އާ ޑިވައިސްއެއް ގަންނަން ވީ ވަގުތު ކަމުގައި ވެދާނެއެވެ.
އަވަހަށް ބެޓެރީ ދިޔުން:
ފޯނުގެ ބެޓެރީ އަވަހަށް ހުސްވާހެން ހީވާނަމަ ނުވަތަ ދުވާލަކު އެތައް ފަހަރަކު ޗާޖުކުރަން ޖެހިއްޖެ ނަމަ އެއީ 'ބެޓެރީ ލައިފް' އެންމެ ފަހު ހިސާބަށް ދާކަމުގެ ނިޝާނަކަށް ވެދާނެއެވެ. މިއީ ވަރަށް ބޮޑު އުނދަގުލަކަށް ވާއިރު، މިއީ ފޯނު ބަދަލުކުރަން ޖެހޭ އެންމެ އާންމު އެއް ސަބަބެވެ.
ފޯނުގެ ސްޓޯރޭޖް ސްޕޭސް ފުރުން:
ފޯނުގެ ސްޓޯރޭޖް ސްޕޭސް އަބަދު ފުރިފައިވާ ނަމަ އެއީ ފަހުގެ ފޯނަކަށް ބަދަލުކުރަން ޖެހޭ ވަގުތު ކަމުގައި ވެދާނެއެވެ. އާ ފޯނުތަކުގައި ގިނަ ފަހަރަށް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކަމުން ފައިލްތައް އަބަދު ޑިލީޓް ނުކޮށް ނުވަތަ ޓްރާންސްފާ ނުކޮށް އިތުރު ފޮޓޯ، ވީޑިއޯ އަދި އެޕްލިކޭޝަންތައް ރައްކާ ކުރެވޭނެއެވެ.
ހާޑްވެއާ މައްސަލަޖެހުން ނުވަތަ ހަލާކުވުން:
ފޯނު ވެއްޓިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ އެއޮތީ އާ ޑިވައިސްއަކަށް ބަދަލުކުރަންވީ ވަގުތު އައިސްފައެވެ. އެއީ ފޯނެއްގައި ހަލާކުވެފައިވާ ސްކްރީނެއް ހުރެއްޖެ ނަމަ ބޭނުންކުރަން އުނދަގޫވެ، ސެކިއުރިޓީ ރިސްކަކަށް ވެސް އެކަން ވެދާނެތީއެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ އައު ފޯނެއް ހޯދުމެވެ.
މިއިން އެއްވެސް ކަމެއް އެމީހަކު ގެންގުޅޭ ފޯނުން ފެނިއްޖެނަމަ އާ ސްމާޓްފޯނަކާ މެދު ވިސްނަން ފަށަން ވީ ވަގުތު އެއޮތީ ޖެހިފައެވެ. އެކަމަކު ހަނދާނުގައި ބަހައްޓަންވީ މިއީ ހަމައެކަނި އާންމު ގައިޑްލައިންތަކެއް ކަމެވެ. ފޯނު ބަދަލުކުރާނެ ވަގުތަކާއި، ބޭނުންކުރާ ގޮތާއި ބަޖެޓާއި އެހެނިހެންވެސް މިބާވަތުގެ ކަންކަން ނިންމާނީ އެމީހަކު އަމިއްލައަށެވެ.