35 އަހަރުގެ ޚިދުމަތަށް ފަހު ރިޓަޔާކުރިއިރު، ހަމްސިއްޔާ އުފަލުން ރޮއްވާލައިފި

ހަމްސިއްޔާގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ދ. އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ދ. އަތޮޅު ހޮސްޕިޓަލުގައި 35 އަހަރު ޚިދުމަތްކުރުމަށް ފަހު ހަމްސިއްޔާ އަބްދުލް ގާދިރު މަސައްކަތާ ދުރަށްޖެހުނުއިރު އެ ހޮސްޕިޓަލުގެ ސްޓާފުން ވަރަށް ތަފާތު ގޮތަކަށް އޭނާގެ އަގު ވަޒަންކޮށް އޭނާ އުފަލުން ރޮއްވާލައިފިއެވެ.

ހަމްސިއްޔާ ދ. އަތޮޅު ހޮސްޕިޓަލާ ގުޅުނީ އުމުރުން އެންމެ 18 އަހަރުގައި ހެލްތު ވޯކަރެއްގެ ގޮތުގައެވެ. ތިރީސް ފަސް އަހަރުގެ ހިދުމަތަށް ފަހު އޭނާ ނިންމީ ރިޓަޔާ ވާންށެވެ. މި މަހުގެ 13 ވަނަ ދުވަހަކީ ހަމްސިއްޔާ އެންމެ ފަހަށް މަސައްކަތަށް ނުކުތް ދުވަހެވެ. އެ ދުވަހު އެ ހޮސްޕިޓަލްގެ މުވައްޒަފުން އޭނާއަށް މަރުހަބާ ކީ ކަޅު ހެދުމުގައެވެ.

އޭނާގެ އަގު ވަޒަންކުރުމަށް އެންމެ ތަފާތު ކަމަކަށް ދ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން ކުރި ކަމަކީ، އަގު ވަޒަން ކުރުމަށް ބޭއްވި ކުޑަ ހަފުލާއަށް ސަގާފީ ގޮތަކަށް ދައުވަތު އެރުވުމެވެ. އެގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުން ސަގާފީ ހެދުމުގައި ހަމްސިއްޔާގެ ގޭދޮށަށް ގޮސް ސަންގު ފުމުނެވެ. އަދި ހަމްސިއްޔާ ނުކުތުމުން ފަތްކޮޅު އިއްވާގޮތަށް ދައުވަތު ކާޑު އެންމެނަށް އިއްވާ އެ ކާޑު ހަމްސިއްޔާއާ ހަވާލުކުރިއެވެ.

ހަމްސިއްޔާގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފުލާ އަށް ދައުވަތު އެރުވުން -- ފޮޓޯ/ ދ. އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

މި ހަރަކާތް ހޮސްޕިޓަލުގެ މުވައްޒަފުން ކުރިއަށް ގެންދިޔައީ އޭނާއާ ސިއްރުން ރޭވުންތެރިކަމާއެކުއެވެ. ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި މި ހަރަކާތުގެ ވީޑިއޯތައް ހިއްސާކޮށްފައި ވާއިރު، ހަމްސިއްޔާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަތަކެވެ. އޭނާގެ ލޮލުން ބަބުޅަނީ އުފާވެރިކަމުގެ ކަރުނައެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް ހަމްސިއްޔާ ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރުމަށް ހަފްލާ ބޭއްވީ މިމަހުގެ 13ވީ ހުކުރު ދުވަހުގެ ރެއެވެ. އެރޭ ހޮސްޕިޓަލުގެ މެނޭޖްމަންޓު އިސްނަގައިގެން އޭނާއަށް ވަނީ ހަނދާނީ ފިލައަކާ ސޭޝް ހަވާލުކޮށްފައެވެ.

ހަމްސިއްޔާގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ ދ. އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ހަމްސިއްޔާ "ސަން"އަށް ބުނީ، ހޮސްޕިޓަލުގައި 35 އަހަރު ޙިދުމަތް ކުރުމަށް ފަހު މަސައްކަތާ ދުރައްދާން ޖެހުމަކީ އުނދަގުލުން ނިންމި ނިންމުމެއް ކަމަށެވެ. އަދި ހޮސްޕިޓަލުގައި ކުރި މަސައްކަތަކީ އޭނާ ކުރާހިތުން ކުރި މަސައްކަތެއް ކަމަށާއި އެފަދަ ގޮތަކަށް އޭނާގެ އަގުވަޒަންކުރުމުން ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދެރަވެސް ވި ވަރަށް އުފާ ވެސް ވި. ވަކިވެގެން ދާން ޖެހުނީމަ ދެރަވީ،" ހަމްސިއްޔާ ބުންޏެވެ.

އޭނާ ބުނީ، އެ ހޮސްޕިޓަލަކީ އެންމެން ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ ހޮސްޕިޓަލެއް ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތައް ހަނދާނުން ނުފިލާނެކަމަށް އޭނާ ބުންޏެވެ.

މި ތަފާތު ހަރަކާތާ ގުޅިގެން ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު އަބްދުއް ރާފިއު "ސަން"އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި މަަސއްކަތްކުރާ ހުރިހާ މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ މެނޭޖްމަންޓުން އިސްނަގައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ހަމްސިއްޔާ އަކީ ހުރިހާ މުވައްޒަފުންގެ ލޯބި ހޯދާފައިވާ ސަކަ މިޒާޖެއްގެ މުވައްޒަފެއްކަމުން، އެންމެހާ މުވައްޒަފުންގެ އެއްބާރުލުން ވެސް އެކަމަށް ލިބުނުކަމަށް ތޯހިރު ވިދާޅުވިއެވެ.

މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން މުވައްޒަފުން ރިޓަޔާކުރުމުގެ ހަފުލާގައި އެ މުވައްޒަފުންނަށް ފައިސާ ދޭކަމަށް ތޯހިރު ވިދާޅުވިއެވެ. އެގޮތުން ދޭ 5000 ރުފިޔާ ހަމްސިއްޔާ އަށްވެސް އޭނާގެ ރިޓަޔާމަންޓް ހަފުލާގައި ހަދިޔާކުރި ކަމަށް ތޯހިރު ވިދާޅުވިއެވެ.

މި ހަފުލާގެ ހަނދާންތައް ހިއްސާކުރަމުން ތޯހިރު ވިދާޅުވީ، އެތައް އަހަރަކު ޚިދުމަތްކުރުމަށް ފަހު ހަމްސިއްޔާ މަސައްކަތާ އެއްފަރާތްވުން ފާހަގަކުރިއިރު، ހަފްލާ ކުރިއަށްގެންދަން ވެސް އުނދަގޫވި ކަމަށެވެ.

"ހަފްލާ ކުރިއަށް ގެންދިޔަ އިރު، ހަމްސިއްތައަށް ރޮވޭތަން ފެނުނީމަ އަޅުގަނޑުމެންގެ ސްޓާފުންގެ ލޮލުން ވެސް ހަމަ ކަރުނަ އައި، ވަރަށް އަސަރުގަދަ ގޮތަކަށް އެ ހަފްލާ ނިމިގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ޚިދުމަތުން ހަމްސިއްޔާ ވަކިވުމާ ގުޅިގެން ތޯހިރު ވިދާޅުވި، ހަމްސިއްޔާ ނެތުމަކީ ހޮސްޕިޓަލަސް ލިބޭ ފަޅުކަމެއް ކަމަށެވެ. އަދި އޭނާ މަތިން ހުރިހާ މުވައްޒަފުން ވެސް ހަނދާންކުރާނެ ކަމަށް ތޯހިރު ވިދާޅުވިއެވެ.

comment ކޮމެންޓް