ކްރިތީއާއި ޝާހިދު ކަޕޫރުގެ ފިލްމަށް އެކްޓަރު ދަރުމެންދްރާ

އެކްޓަރު ޝާހިދު ކަޕޫރު އަދި ބަތަލާ ކްރިތީ ސެނޮން އެކީގައި ފެނިގެންދާ ދިނޭޝް ވީޖަންގެ ފިލްމަށް އެކްޓަރު ދަރްމެންދްރަ ސޮއިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ ދަރްމެންދްރަ (ދަރޭ) ފިލްމުގައި ދަރޭ ހިމެނޭ މަންޒަރުތަކުގެ ޝޫޓިންގް ވެސް މިހާރު ފެށިފައިވާ ކަމަށެވެ. ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މި ފިލްމަކީ، ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

ބަތަލާ ޑިމްޕަލް ކަޕާޑިއާވެސް މުހިއްމު ރޯލްއިން ފެނިގެންދާނެ މި ފިލްމުގެ ޓީމާ އެކްޓަރު ދަރްމެންދްރަ ގުޅުމަކީ ފިލްމުގެ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. ފިލްމު ސެޓުގައި މަސައްކަތް ކުރާ ކޮންމެ ފަންނާނަކަށް ވެސް އެކްޓަރު ދަރްމެންދްރަގެ ފަރާތުން ކޮންމެ ދުވަހަކު ވެސް އާކަމެއް ދަސްވެ އާ ތަޖުރިބާތަކެއް ކުރެވޭކަމުގައި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ ޚަބަރުދީފައެވެ.

ފިލްމުގައި ދަރްމެންދްރަ ފެނިގެންދާނެ ރޯލަކީ ވަރަށް ތަފާތު ރޯލެއްކަމަށާއި މިއީ ބެލުންތެރިންނަށް ގެނެސްދެވޭ 'ސަޕްރައިޒް' ރޯލެއްކަމަށް ދިނޭޝް ވީޖަން ވަނީ ބުނެފައެވެ.

ފިލްމުގައި އެކްޓަރު ޝާހިދު ކަޕޫރު ސައިންޓިސްޓެއްގެ ރޯލްއިން ފެނިގެންދާއިރު ބަތަލާ ކްރިތީ ސެނޮން ފެނިގެންދާނީ ރޮބޮޓެއްގެ ރޯލްއިންނެވެ. ފިލްމުގައި ދައްކުވައިދޭނީ ސައިންޓިސްޓަކު ރޮބޮޓެއް ދެކެ ލޯބިވުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކާއެކު އެކަން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކެވެ.

މި ފިލްމުގައި އެކްޓަރު ދަރްމެންދްރާއެކު ބަތަލާ ޑިމްޕަލް މަސައްކަތްކުރާއިރު މި ދެ ތަރިން އެކީގައި މަސައްކަތް ކޮށްފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ޑިމްޕަލް މީގެކުރިން ވެސް ވަނީ ދިނޭޝްއާއެކު ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ފިލްމު "ކޮކްޓެއިލް"، "ފައިންޑިންގް ފެނީ" އަދި "އަންގްރޭޒީ މީޑިއަމް" ހިމެނެއެވެ.

މިހާރަކަށް އައިސް މަދުން ނަމަވެސް ފިލްމުތަކުން އެކްޓަރު ދަރްމެންދްރަ ފެންނަން ފަށާފައިވާއިރު ދެން އެންމެ އަވަހަށް އެކްޓަރު ފެނިގެންދާނީ ދަރްމާ ކުންފުނީގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. ދަރޭއާއެކު ފިލްމުގައި ފެނިގެންދާ ކުރީގެ ތަރިންގެތެރޭގައި ބަތަލާ ޖަޔާ ބައްޗަން އަދި ޝަބާނާ އަޒްމީ ހިމެނެއެވެ.

comment ކޮމެންޓް