އަފްޣާނިސްތާނުގައި އާދަޔާ ޚިލާފަށް ފިނި ގަދަވެ، ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި 124 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ތާލިބާނުންގެ އޮފިޝަލުން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ސްޓޭޓް މިނިސްޓްރީ ފޯ ޑިޒާސްޓާ މެނޭޖްމަންޓްގެ ތަރުޖަމާނަކު ވިދާޅުވީ މިދުވަސަވަރަކީ ފާއިތުވި 10 އަހަރު ތެރޭގައި އެންމެ ފިނި ގަދަވި ދުވަސްތައް ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އެގައުމުގެ ޣޫރު ޕްރޮވިންސްގެ ފިނިހޫނުމިން މައިނަސް 33 ޑިގްރީ ސެލްސިއަސްއަށް ވެއްޓިފައިވެއެވެ.
އަފްޣާން ޑިޒާސްޓާ މެނޭޖްމެންޓް ސްޓޭޓް މިނިސްޓްރީން ބުނި ގޮތުގައި ގަދަ ފިނީގެ ސަބަބުން މީހުން މަރުވުމުގެ އިތުރުން، އާންމުން އެކި ބޭނުންތަކަށް ގެންގުޅޭ 70،000އަށް ވުރެ ގިނަ ގެރިބަކަރި ފަދަ ޖަނަވާރު މަރުވެފައިވެއެވެ.
އެ ގައުމުގެ އެކްޓިން މިނިސްޓަރު އޮފް ޑިޒާސްޓާ މެނޭޖްމަންޓް މުހައްމަދު އައްބާސް އަޚުންދު ބީބީސީއަށް ވިދާޅުވީ، އަފްޣާނިސްތާނުގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްނޯ ބޯވުމުގެ ސަބަބުން ފައިމަގުގައި އެ ސަރަހައްދުތަކަށް ވަދެވޭނެ ގޮތެއް މިހާރު ނެތިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް އަސްކަރީ ހެލިކޮޕްޓަރުތައް ފޮނުވާފައިވީ ނަމަވެސް ފަރުބަދަމަތީ ސަރަހައްދުތަކަށް ހެލިކަޕްޓަރުތަކަށް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ފިނިހޫނުމިން މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް މި ދުވަސްތަކުގައި އިތުރަށް މީހުން މަރުވުމުގެ ކަންބޮޑުވުން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފިނީގެ ސަބަބުން މަރުވި ގިނަ މީހުންނަކީ ބަކަރި ހުއި ހައްޕާ މީހުން ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު ތަންތަނުގައި އުޅޭ މީހުން. އެއީ އެމީހުންނަށް ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބުމުން،" އަޚުންދު ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައި ތިބި ނަމަވެސް، މިދިޔަ މަހު ތާލިބާނުން ވަނީ އެހީ ފޯރުކޮށްދޭ އިދާރާތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކޮށްފައެވެ. އޭގެ ސަބަބުން، އެހީ ފޯރުކޮށްދޭ ވަރަށް ގިނަ އިދާރާތަކުން ވަނީ އެގައުމުގައި އެމީހުންގެ މަސައްކަތްތައް ހުއްޓާލާފައެވެ.
ނަމަވެސް މިނިސްޓަރު އަޚުންދު ވަނީ ތާލިބާނުގެ އަމުރަށް ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އަފްޣާނިސްތާނުގެ އިސްލާމީ ސަގާފަތް ބަލައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.