އެމެރިކާގައި އަނެއްކާ ވެސް ބަޑި ޖަހައި ހަތް މީހަކު މަރާލައިފި

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 7 މީހުން މަރާލި މީހާ ހައްޔަރުކުރުން -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި އަނެއްކާވެސް ބަޑި ޖަހައި ހަތް މީހަކު މަރާލައިފިއެވެ.

މިއީ އެ ސްޓޭޓުގައި އެއް ހަފުތާ ތެރޭގައި ބަޑި ޖަހައިގެން މީހުން މަރާލި ދެވަނަ ފަހަރެވެ.

ކެލިފޯނިއާގެ ހާފް މޫން ބޭ ސިޓީގައި މިއަދު ބަޑީގެ ހަމަލާ ދިނީ ގަސް އިންދާ ދެ ނާސަރީއެއްގައެވެ. އޭގެ ތެރެއިން ފުރަމަތަ ނާސަރީގައި ހަތަރު މީހަކު މަރައިލާ، އިތުރު މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައި ފުލުހުން ބުނެއެވެ. ބާކީ ތިން މީހުން މަރާލީ ދެވަނަ ނާސަރީގައެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަކީ އުމުރުން 67 އަހަރުގެ ޝާއޯ ޗުންލީއެވެ. އެ ހަމަލާ ދިންތާ ދެ ގަޑިއިރު ފަހުން އޭނާ ވަނީ ހާފް މޫން ބޭގެ ޝެރިފްސް ސްޓޭޝަން ކައިރީގައި އޮތް އޭނާގެ ކާރުގައި އިންދާ ފެނިފައެވެ. އެއާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން މަރުވި އެންމެންނަކީ ވެސް ހަމަލާ ދިން ކަމަށް ބެލެވޭ މީހާއާއެކު ކުރިން މަސައްކަތް ކުރި މީހުންނެވެ. އެ މީހުންނަކީ ދަނޑުވެރި މަސައްކަތް ކުރާ ބަޔެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ކެލިފޯނިއާގެ މޮންޓެރޭ ޕާކް ސިޓީގައި ދިން ހަމަލާގައި 11 މީހަކު ވަނީ މަރުވެފައެވެ. އެ ހަމަލާ ދިނުމަށް ފަހު ފިލި އުމުރުން 72 އަހަރުގެ، ހޫ ކޭން ޓްރޭން ފެނުނީ މަރުވެފައި އޮއްވައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އެ ދެ ހަމަލާ ދިން ސަބަބެއް ވެސް އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި މި ހާދިސާތަކުގައި ޝައްކު ކުރެވޭ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެއީ އާންމުކޮށް މިފަދަ ހަމަލާތަކުގައި ޝާމިލުވާ އުމުރުފުރައެއް ނޫންކަން އޮފިޝަލުން ފާހަގަކުރެއެވެ.

ކެލިފޯނިއާގެ ފުލުހުން ދަނީ އެ ދެ ހާދިސާވެސް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް