ތިން ހާސް މެމްބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި، އެޕާޓީން އެ މައްސަލަ އިއްޔެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ނަމަވެސް މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެެވެ.
މެންބަރުންގެ އަދަދު ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި މެންބަރުން ހަމަނުކުރެވުނު ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ މިދިޔަ މަހު ޑީއާރުޕީ އުވާލައިފައެވެ.
ޑީއާރުޕީއިން އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ.
އެ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޕާޓީގައި ތިބި 10،000އަށް ވުރެ ގިނަ މެންބަރުން އުސޫލާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އީސީގެ ނިންމުމުގެ ސަބަބުން ޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން ލިބިދީފައިވާ ހައްގަކަށް ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،000އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއަށް ރުޖޫއަކޮށްދޭން އެ ޕާޓީގެ ފަރާތުން ވަނީ އެދިފައެވެ.
ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީއަކީ ޑީއާރުޕީއެވެ. އެއީ 28 ގޮނޑިއެވެ.
ނަމަވެސް މިހާރު މަޖިލީހުގައި ޑީއާރުޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރަކީ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޖާބިރެވެ.