ޖީއެސްޓީ ބޮޑުވުމުން ކަމަށް ބުނެ ބައެއް ޓެކްސީ ޑްރައިވަރުން، ކަސްޓަމަރުން އަތުން ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތަކެއް ނަގަން ފަށައިފިއެވެ.
އާންމުކޮށް ޓެކްސީގައި ދަތުރުކުރާ ދެތިން މީހަކާ "ސަން"އިން ވާހަކަ ދައްކާލުމުން އެނގުނީ މިހާރު ބައެއް ޑްރައިވަރުން އަމިއްލަ އަގުތަކެއްގައި އަނެއްކާ ވެސް ދަތުރު ކުރާކަމެވެ. ސަބަބެއް ކަމަށް ޑްރައިވަރުން ބުނަނީ ޖީއެސްޓީ ބޮޑުވުމެވެ.
"މާލެއިން އެއާޕޯޓަށް ދާން ބުނީމަ ބުނީ، 85 ރުފިޔާއޭ. އަހަރެން ބުނިން އެ އަގަކު ނޫނޭ ދަތުރު ކުރަނީ. ބުނީމަ އޭނަ ބުނީ ޓެކްސް ބޮޑުވީމަ މިހާރު ދަތުރުކުރާ އަގު ކަމަށް އެއީ،" ނަން ނުޖަހަން ޝަރުތުކޮށް "ސަން"އާ ވާހަކަ ދައްކަމުން އާންމުކޮށް ޓެކްސީގައި ދަތުރުކުރާ މީހަކު ކިޔައިދިނެވެ.
ވެލާނާ އެއާރޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ބުނީ އެ އަގާމެދު ހިތްހަމަ ނުޖެހިގެން ޓެކްސީ ސެންޓަރަށް ގުޅާ އަގުތައް ކިޔައިދިނުމަށް އޭނާ އެދުނު ކަމަށެވެ.
"ދެން ޑްރައިވަރު ގުޅީމަ ސެންޓަރުން މިކިޔަނީ މިނިސްޓްރީގެ އަގުތައް ހަމަ. އެ ހިސާބުން ޑްރައިވަރު ގަބޫލު ކުރީ،" އޭނާ ބުންނެވެ.
މިފަދަ ކަންކަން ޓެކްސީ ތަކުގައި ދަތުރުކުރާ މީހުނަށް މިހާރު ގިނައިން ދިމާވެއެވެ. އެގޮތުން މާލެ ތެރޭގައި ކުރާ ދަތުރުތަކުން ވެސް ބައެއް ޑްރައިވަރުން ބޮޑު އަގު ނަގައެވެ.
"މިހާރު ހަމަ އާންމު ކަމެއް 35 ރުފިޔާ ނެގުމަކީ. ހަމަ އާންމުކޮށް ދިމާވަނީ 35 ރުފިޔާއަށް ދަތުރުކޮށްދޭ މީހުންނާ،" ޓެކްސީގައި އާންމުކޮށް ދަތުރުކުރާ އެހެން މީހަކުން "ސަން"އަށް ބުންޏެވެ.
ބޮޑު އަގު ނަގާ ޑްރައިވަރުން ކަސްޓަމަރުން ގާތު ބުނަނީ އެއީ ޓެކްސީ ސެންޓަރުތަކުން ނަގަން ބުނާ އަގު ކަމަށެވެ.
މިކަމާ ގުޅިގެން "ސަން"އިން ބައެއް ޓެކްސީ ސެންޓަރުތަކާ ވާހަކަ ދައްކާލުމުން އެނގުނީ ހުރިހާ ޓެކްސީ ސެންޓަރަކުން ވެސް ކަނޑައަޅާފައި ހުންނަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އަގުތައް ކަމެވެ.
"އަޅުގަނޑުމެން ކަނޑައަޅާފަ އޮންނާނީ ހަމަ ޓެކްސީ ސެންޓަރުތަކުން އެންމެ ފަހުން ކަނޑައެޅި އަގުތައް،" ފައިން ޓެކްސީގެ ފަރާތުން މި ނޫހާ ވާހަކަދެއްކި މީހަކު ބުންޏެވެ.
މިނިސްޓްރީގެ އަގުތަކާ ޚިލާފަށް ޑްރައިވަރުން ބޮޑެތި އަގުތައް ނެގި ނަމަވެސް، ސެންޓަރުތަކަށް އެކަން ނޭނގޭނެކަމަށް އެ ސެންޓަރުތަކުން ބުނެއެވެ.
"ޑްރައިވަރުންނަށް އަންގާފަ އޮންނާނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އަގުތައް ނަގަން. އެކަމަކު އެމީހުން ނަގަނީ ކޮން އަގުތަކެއް ކަމެއް އަޅުގަނޑުމެނަކަށް ނުއެއް އެނގޭނެ،" ކުލީ ދުވެލީގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގު ނޫން އެހެން އަގެއްގައި ދަތުރުކުރާ ނަމަ މިނިސްޓްރީން ޓެކްސީ ސެންޓަރުތަކަށް ފިޔަވަޅު އަޅާނެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށް، މިފަދަ އަމަލުތައް ތަކުރާރުވާ ނަމަ އޮންނަ ގަވާއިދުގެ މަތިން އިތުރު ފިޔަވަޅުތައް އަޅާކަމަށް މިނިސްޓްރީން ބުންޏެވެ.
"މިދިޔަ އަހަރު ފަހުކޮޅު ވެސް އަޅުގަނޑުމެނަށް ރިޕޯޓު ލިބުން ކޮންމެވެސް ވަރަކަށް ބޮޑު އަގުގަ ދަތުރުކުރާކަމަށް،" ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލް ޣަނީ މިއަދު "ސަން" އަށް ވިދާޅުވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އެންމެ ފަހުން ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި ބަދަލުތައް ގެންނަން އެ މިނިސްޓްރީން ނިންމީ ތެލުގެ އަގު ބޮޑުވެ، ޑްރައިވަރުން މިނިސްޓްރީއާ ދެކޮޅަށް އިހުތިޖާޖު ކުރުމުންނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީ ދަތުރުކުރުމަށް ކަނޑައަޅާފައި ހުރި އަގުތައް
- މާލެ ހުޅުމާލެ ފިޔަވަހި އެކަކުން ދެވަނަ ފިޔަވަހީގެ އެތޭރެ ދަތުރުތައް - 30 ރުފިޔާ
- މާލެއިން ހުޅުމާލެއަށް - 85 ރުފިޔާ
- މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް - 100 ރުފިޔާ
- މާލެއިން ހުޅުލެއަށް - 70 ރުފިޔާ
- ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުލެއަށް - 80 ރުފިޔާ
- ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުލެއަށް - 85 ރުފިޔާއަށް
- ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް - 40 ރުފިޔާ
މި އަގުތަކާ ހިލާފަށް އަގު ނަގާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް އެދެއެވެ.