ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބަލައިލިއިރު ފެނުނު މަންޒަރުން އެ ދެމީހުންނަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ.
ހައިފާ!"
"މަންމާ"
ނާޒިލްއަށާއި ހާފިޒުއާ ދެމީހުންނަށް އެއްފަހަރާ ހަޅޭއްލަވައިގަންނަމުން ހައިފާއާ ދިމާލަށް ދުއްވައިގަނެވުނެވެ. ސިޑިން ވެއްޓުނު ހައިފާއައް އުއްޑުން އޮތްއިރު، އޭނާގެ ބޮލާ ދިމާލުން ލޭގެ ކޯރެއް ދެމެމުން ދިޔައެވެ. ނާޒިލް އެންމެ ފުރަތަމަ ވެސް ހައިފާގެ ގާތަށް ގޮސް އޭނާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި އަވަސް ފަރުވާދޭން އަވަސް ވެގަތްއިރު، ހާފިޒުއަށް ހުރެވުނީ ޝޮކެއްގައެވެ. ނާޒިލްގެ އެދުމަށް އޭނާ އެންބިއުލާންސްއަށް ގުޅުމަށްފަހު، އިށީނދެލިއެވެ. އެއަަށްފަހު ހައިފާގެ ބޯ ގެނެސް އޭނާގެ އުނގުގައި ބާއްވައިލިއެވެ. ދެލޯ މެރޭ ނުމެރޭ ހާލުގައި އޮތް ހައިފާ ކޮންމެެސް އެއްޗެއް ބުނަން އުޅުނު ނަމަވެސް، އޭނާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ހައިފާގެ ދެލޮލުގައި ވަނީ ކަރުނައެވެ. އެ ދެެލޮލުން އޭނާއަށް އިންތިހާ ވޭން ފެންނަމުން ދިޔައެވެ. އެ ކަރުނަތައް ފުހެލުމަށްފަހު ހާފިޒު ދެފަރާތަށް ބޯ ހޫރައިލިއެވެ. ހައިފާގެ ޙާލު ފެނި ހާފިޒުގެ ދެލޮލުން ކަރުނަ ނީރަލިއިރު، ޚުރު ނާޒިލްގެ ދެލޮލުގެ ތެރެއަށްވެސް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އެހެންނަމަވެސް ހާފިޒުއަށް ބަލައިލުމަށްފަހު ،ނާޒިލް ނެތް ހިތްވަރު ނެރެން މަސައްކަތްކުރިއެވެ. މިވަގުތު އޭނާ ބަލިކަށިވެއްޖެނަމަ ހައިފާއަށް ދޭންވާ އަވަސް ފަރުވާ ނުދެވޭނެއެވެ. އަދި ހާފިޒުއަށް ހިތްވަރު ދޭން އޭނަ ނޫން މީހަކު ވެސް ނެތެވެ. ލޯ ފުހެލުމަށްފަހު އޭނާ ވެސް ހައިފާގެ ކައިރީގައި އިށީނދެލިއެވެ.
އެންބިއުލާންސްގެ ސައިރެންގެ އަޑު އިވުމާއެކު ނާޒިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހައިފާގެ ވިންދު ދިޔައީ ހިނދެއް ހިނދަކަށް މަޑުވަމުންނެވެ. ގޮވިޔަސް މިހާރު އެއްވެސް ވަރަކަށް ހަރަކާތެއްް ނުކުރެއެވެ. ކުޑަމިނުން ލޯވެސް ހުޅުވައެއް ނުލައެވެ. ބާރަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން އޭނާ ހިތާ ހިތުން ﷲ އަށް ދުޢާ ދެންނެވީ ހައިފާގެ ފުރާނަ ސަލަމާތްކޮށްދެއްވުން އެދިއެވެ.
"ސްޓޭ ވިތް މީ ހައިފާ! އިރާދުކުރެއްވިއްޔާ ހައިފާއަށް އެއްވެސް ކަމެއް ނުވާނެ!" ހާފިޒު ބުނެލިއެވެ.
ގޭތެރޭގައި އަޑު ގަދަވުމާއެކު، އިސާހިތަކު ގޭގައި ގެންގުޅޭ ދެ ނޯކަރު ކުދިންވެސް އަތުވެެއްޖެއެވެ. ހައިފާގެ ޙާލަތު ފެނުމުން އެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ.
ހައިފާ ހޮސްޕިޓަލަށް ގެންދެވުމާއެކު، އެމަރޖެންސީބައިގައި ވަގުތުން ފަރުވާ ދެވެން ފެށުނެވެ. ޑިއުޓީގައި ތިބި ޑޮކްޓަރުންގެ ސުވާލުތަކަށް ޖަވާބުދޭނެހާ ހިތްވަރެއް ހާފިޒުގެ ނެތެވެ. އެހެންކަމުން އެމީހުންނާ ވާހަކަ ދެއްކީ ނާޒިލްއެވެ. ޑޮކްޓަރުން ލަފާކުރީ އިންޓާނަލް ބްލީޑިންއެއް ކަމަށެވެ. އަދި އަތުގެ ކަށިގަނޑެއް ވެސް ބިންދައިގެން ގޮސްފައިވާކަމުގައި ޑޮކްޓަރުން ބުނެލިއެވެ. ވީހާވެސް އަވަހަކަށް ހައިފާ އޮޕްރޭޝަން ކުރަން ޖެހޭ ކަމުގަޔާއި ލަސްވެއްޖެނަމަ، ފުރާނައަށް ނުރައްކާވެދާނެ ކަމުގައި އެމީހުން ބުންޏެވެ. އޮޕަރޭޝަން ކުރުމަށް ކޮންސެންޓުގައި ސޮއިކުރުމަށްޓަކައި ހާފިޒު ގޮވައިގެން ނާޒިލް އެތެރެއަށް ވަނެވެ. ނާޒިލްއަށް ބަލައިލުމަށްފަހު، އޭގައި އޮތް އެއްޗެއް ރަނގަޅަށް ކިޔުމެއްވެސް ނެތި ހާފިޒު އޭގައި ސޮއިކޮށްލިއެވެ.
ހައިފާ އޮޕަރޭޝަން ތިއޭޓަރަށް ޝިފްޓް ކުރެވުނެވެ. ވެއިޓިން އޭރިޔާ ބޭރުގައި ހާފިޒުއާއި ނާޒިލްއާ ދެމީހުން މަޑުކޮށްލައިގެން ތިބިއިރު، އެ ދެމީހުންގެ ގަމީސް ވެސް ވަނީ ލެއިން ތަތްތެޅިފައެވެ. އެހެންނަމަވެސް، މިވަގުތު އެއިން އެއްވެސް ކަމަކަށް އެ ދެމީހުން ކުރެ އެކަކުގެވެސް ފަރުވާލެއް ނެތް ފަދައެވެ.
ތިއޭޓަރަށް ހައިފާ ވެއްދުމަށްފަހު، ފާއިތުވީ ކޮންމެ ސިކުންތަކާއެކު، ހާސްކަން އިތުރުވަމުން ދިޔައެވެ. ހާފިޒު ގޮނޑިބަރިން ގޮނޑިއެއްގައި އިށީނުމަށްފަހު، އިސްޖަހައިލަމުން ބޮލުގައި ހިފައްޓައިލިއެވެ. ހާފިޒުގެ އެއްފަރާތުގައި އިށީނދެ ނާޒިލް، ހާފިޒުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ޑޭޑް! ހުރިހާކަމެއްވެސް ރަނގަޅުވާނެ! މަންމައަށް ދެރަގޮތެއް ނުވާނެ އިރާދުކުރެއްވިއްޔާ..." ހިތުގައި ބިރުވެރިކަންވީ ނަމަވެސް، ނާޒިލް ހިތްވަރުކުރަމުން ދިޔައެވެ. ޑޮކްޓަރުންގެ ވާހަކަތަކުން ހައިފާ ސީރިއަސް މިންވަރު އޭނާއަށް އަންދާޒާ ކޮށްލެވުނަސް، އެވާހަކަތައް ހާފިޒުއާ ހިއްސާކޮށް ހާފިޒު ހާސްކުރާކަށް ނާޒިލް ބޭނުމެއް ނޫނެވެ.
"ކީއްވެތަ... މިހެން މިވީ؟ އޯކޭވާނެތަ؟ ހާދަ ގިނައިރު ވެޔޭ އެބަ. ނާޒިލް އަޅެ ބަލާބަލަ ކިހިނެއްތޯ ކަންތއްތައް..." ދެގަޑިއިރު ފާއިތުވެގެން ދިޔަފަހުންވެސް އެތެރެއިން ޑޮކްޓަރުގެ ޙަބަރެއް ނުވުމުން ހާސްކަން އިތުރުވެ އެންމެ ފަހުން ކެތްނުކުރެވި، ހާފިޒު ބުނެލިއެވެ.
"އޮޕަރެޭޝަން ކުރާ ޓީމްގައި ތިބި ޑޮކްޓަރުން އަޅުގަނޑަށް އެނގޭ. އެއީ މި ހޮސްޕިޓަލުގައި ވެސް ތިބި ހަމަ އެންމެ މޮޅެތި ޑޮކްޓަރުން. އިންޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ! ބޮލުގެ ސާޖަރިއެއް ވީމަ އެ ގިނައިރުވަނީ! އެ ކަހަލަ ސާޖަރީތައް އާއްމުކޮށްވެސް ގިނައިރުވާނެ!" ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ވަންހަނާ ކުރަން މަސައްކަތް ކުރަމުން ނާޒިލް ވާހަކަ ދެއްކިއެވެ.
ނާޒިލް ފޯނު ނަގާ މާކިންގެ ނަންބަރަށް ޑައިލްކޮށްލީ ހައިފާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިތާ ހަތަރު ގަޑިއިރުވެސް ފާއިތުވީފަހުންނެވެ.
***
ނިދިފައި އޮތް މާކިންއަށް ހޭލެވުނީ އެނދުގެ ސައިޑް ކަބަޑުމަތީގައި އޮތް އޭނާގެ ފޯނުގެ އިންގްގެ އަޑާއެކުގައެވެ. ދެލޯ ފުހެލުމަށްފަހު، އޭނާ ފޯނު ނަގާ ބަލައިލިއެވެ. އޭރު ގަޑިން ހަތަރެއް ޖަހައިފިއެވެ. ގުޅަނީ ނާޒިލްއެވެ. އެގަޑީގައި ނާޒިލް އެ ގުޅަނީ ކީއްވެބާއޭ މާކިންގެ ހިތަށް އެރިއެވެ. ކައިރީގައި އޮތް ނައިރާއަށް ބަލައިލިއިރު، ނައިރާ އޮތީ ގަދަ ނިދީގައެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ހަލޯ ކިޔައިލިއެވެ.
"ސޮރީ. ނިދަނީ ދޯ!" ނާޒިލް ގެ އަޑު ޖެހުމާއެކު މާކިން ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ނާޒިލްގެ އަޑުގައި ހުރީ އެހެންޏާ ނުހުންނަ ފަދަ މަޑުމައިތިރިކަމެކެވެ. އެ އަޑުން މަޑުމޮޅި އަސަރުތައް ފާޅުވަމުން ދިޔައެވެ.
"ކިހިނެއްވީ؟ ބޮޑުކަމެއް ވީތަ؟" މާކިން ސުވާލުކޮށްލިއެވެ. ނާޒިލް ވެގެން އުޅޭގޮތް މާކިންއަށް ކުރުކޮށް ކިޔައިދިނެވެ.
"އޯކޭ. އަހަރެން އެބަ ދަން ހޮސްޕިޓަލަށް..." އެކުވެރިޔާއަށް މީހެއްގެ އެހީތެރިކަން ބޭނުންވާނެކަން ވިސްނުނު މާކިން އަވަސް އަވަހަށް އެހެން ބުނުމަށްފަހު ، ފޯނު ބޭއްވިއެވެ. އޭނާ ނައިރާއަށް ބަލައިލުމަށްފަހު ދެ ވިސްނުމެއްގައި އިނދެފައި، ނައިރާގެ ގައިގައި ކުޑަކޮށް ކޮއްޓައިލިއެވެ. އެއަށްފަހު، ލައިޓް ޖައްސައިލިއެވެ.
"މާކް!!. ކިހިނެތްވީ؟" ގަދަކަމުން ލޯ ހުޅުވައިލަމުން ނައިރާ ސުވާލުކޮށްލިއެވެ. މާކިންއަށް ވެފައި އިން ގޮތުން އޭނާ ތެދުވެ އިށީނދެލިއެވެ.
"އަހަރެން މިދަނީ ހޮސްޕިޓަލަށް ދާން އިނގޭ!' މާކިން ބުނެލިއެވެ.
"ކިހިނެއްވީ އަނެއްކާ މިގަޑީގައި؟" ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހުއްޓަިއލަމުން ނައިރާ ބުނެލިއެވެ. މާކިން ވީ ގޮތް ނައިރާއަށް ކިޔައިދިނުމުން ނައިރާ ވެސް ކަންބޮޑުވިއެވެ.
"އަހަރެންވެސް ދާނަން!" މާކިންގެ އިތުރުން ނާޒިލްއަކީ އޭނާގެ ވެސް އެކުވެރިއެކެވެ.
"ނޫނޭ ނައިރާ! މިގަޑީގައި ދެން ކޮންމެހެން ނައިރާ ދާނެކަމެއް ނެތް. އަހަރެން މިދަނީ. މާދަމާ ނައިރާ ދާނީ... އޯކޭ؟" މާކިން އެހެން ބުނުމުން، ނައިރާވެސް އެގޮތާ އެއްބަސްވިއެވެ.
"އެކަމަކު އަހަންނަށް ވާނުވާ އަންގައްޗޭ!" ނައިރާ ބުނެލިއެވެ. މާކިން އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފެންވަރާ ހަދާލައިގެން ހޮސްޕިޓަލަށް ދާން ނުކުތްއިރު، ގޭތެރޭގައިވަނީ ވަރަށް ފަނޑު އަލިކަމަކެވެ. އޭނާ އަވަސް އަރުވާލުމަށްފަހު، ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން ފޭބުމަށްފަހު، ގޮސް ބޭރު ދޮރު ހުޅުވާލާފައި ނުކުމެގެން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.
*****
ޓެރެސްގައި ހުރި މިޝްޔާ ގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އޭނާގެ ޚިޔާލުގައިވަނީ ނާޒިލްއެވެ. ނާޒިލްގެ ދެލޮލުން އޭނާއަށް އެ ދުވަހު ފެނުނު ވޭން އަދިވެސް އޭނާއަށް ސިފަވެއެވެ. ލޯ މަރައިލިޔަސް ފެންނަނީ ނާޒިލްގެ އެ ކަރުނަވީ ދެލޮލެވެ. އެ އަޅިކުލައިގެ ދެ ލޮލުގައި އަބަދުވެސް އެ ހުންނަ ވިދުމެއް އެރޭ ނެތެވެ. އެހެނެއްކަމަކު އެ ދެލޮލުގައިވީ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. ބޮޑު ވޭނެއް ބަރުދާސްތުނުކުރެވިގެން އުޅޭފަދަ އަސަރުތަކެއް އޭނާއަށް ނާޒިލްގެ ފުށުން ފެށުނެވެ. އޭނާގެ ހިތުގައި ނާޒިލްއަށްޓަކައި އިންތިހާ ދަރަޖައިގެ ލޯބިވާއިރު، ނާޒިލްގެ ފަރާތުން އޭނާއަށް ފެނުނު އަސަރުތައް ހަނދާން ނައްތައިލާނީ ކިހިނެއްހެއްޔެވެ؟ ދިމާވި ހުރިހާކަމެއް ހިއްސާކުރެވުނު ހަމައެކަނި މީހަކީ ނާޒިލްއެވެ. ނާޒިލް އޭނާ ދެކެ ލޯބިވީ އޭނާގެ މާޒީއަށް ބެލުމެއް ނެތިއެވެ. ނާޒިލް އޭނާ ބަލައިގަތީ އޭނާގެ ހުރިހާ ސިފަތަކަކާ ވެސް އެކުގައެވެ. އެއީ ރަނގަޅު އަދި ގޯސް ސިފަތަކެއްކަމުގައި ވިނަމަވެސް އެވެ. އޭނާގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އޭނާއާ ދުރުކުރުމަށްޓަކައި މާކިންގެ އިތުރުން އެންމެ ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބުނީ ނާޒިލްގެ ފަރާތުންނެވެ. ނާޒިލްގެ އެހީތެރިކަމާ ނުލާ އޭނާއަށް ދުވަހަކުވެސް ޑްރަގްގެ ވަބާއިން ސަލާމަތެއް ނުވީހެވެ. އެކަމުގައި ނާޒިލްގެ ހިއްސާ ބޮޑެވެ. ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކެވެ. ބޭނުން ނޫނަސް އެ ޖަޒުބާތުތައް އޮއްބާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކުގައި ހޭދަކުރެވޭ ވަގުތުތައް ކިތަންމެ ބޭނުން ނަމަވެސް ހަނދާން ނައްތައިލުމަކީ ނާދިރުކަމެކެވެ. ހިތާ ސިކުނޑީގައި އަބަދު ވާ ހަނދާންތަކަކީވެސް އެއީއެވެ. ލޯބިވާ މީހަކާ ދުރުގައި ހުރުމަކީ ކިހާ ވޭން ހުރިކަމެއްކަން މިޝްޔާއަށް މިއަދު އިޙްސާސްވެއެވެ. ބޭނުންވަނީ ނާޒިލްގެ އަތުގެ ހިމާޔަތް ހޯދުމަށެވެ. އެ އަތުގެ ތެރޭގައި އުމުރު ދުވަހު ހުރުމަށެވެ. އެހެންނަމަވެސް، އެކަމާ ދެކޮޅު ހަދަނީ ސިކުނޑިއެވެ. ހިތުގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން އަންގަނީ އޭނާގެ ސިކުނޑިއެވެ. އެ ދެބަސްވުމުގެ ތެރޭގައި އޭނާ ޣަރަގުވެގެން ދާ ފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރެވުނެވެ. ހިތާ ސިކުނޑީގެ އެ ޖަޒުބާތީ ހަނގުރާމައިގެ ތެރޭގައި ގޮތެއް ނިންމަން މިޝްޔާއަށް އެހާ އުނދަގު އެހެންވެއެވެ.
އެ ފަދަ ވިސްނުންތަކެއްގައި އޭނާ ހުއްޓާ މާކިން ގޮސް ކާރަށް އެރި މަންޒަރު އޭނާގެ ލޮލުގައި އަޅައިގަތެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލައިލިއިރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. އެހާ ގިނައިރު އޭނާއަށް އެތަނުގައި ހުރެވުނުކަން ރޭކާލީ ވެސް ދެނެވެ. އަދި ބަންގިވެސް ނުގޮވައެވެ. ވީއިރު އެހާ އަވަސް އަރުވާލާފައި މިގަޑީގައި މާކިން ދާނެ ތަނެއް އޭނާއަކަށް ނުވިސްނުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އޭނާގެ ސިކުނޑި އިންޒާރުދޭން ފެށުމުން ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އޭނާގެ ނަފްސަށް ވެރިވިއެވެ.
(ނުނިމޭ)