އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޯކޮވިޗް ހޯދައިފިއެވެ.
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ހަތަރުވަނަ ބުރަށް ޖޯކޮވިޗް ދަތުރުކޮށްފައިވަނީ، ތިންވަނަ ބުރުގައި މިއަދު ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާ ދެކޮޅަށް ކުޅުނުމެޗު ކާމިޔާބުކޮށްގެންނެވެ.
މިހާތަނަށް އޮސްޓްރޭލިއަން އޯޕަން ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ، ޖޯކޮވިޗު މިމެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ޖޯކޮވިޗު ގެންގޮސްފައިވަނީ، ފުރަތަމަ ސެޓް 6-7 ދެވަނަ ސެޓް 3-6 އަދި އެންމެ ފަހުސެޓް 4-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ސެޓްގެ ތެރެއިން ޖޯކޮވިޗް ފައިގެ ފަލަމަސްގަނޑަށް ތަދުވުމާ ގުޅިގެން، އޭނާ ވަނީ ފަރުވާ ހޯދާފައެވެ. މެޗަށް ޖޯކޮވިޗް ނިކުތްއިރުވެސް އޭނާ މުޅިން ފިޓެއް ނޫނެވެ. މިގޮތުން ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެދާނެތީވެ، ޖޯކޮވިޗް ވަނީ ހުކުރުދުވަހު އޮތް ފަރިތަކުރުންވެސް ކެންސަލްކޮށްފައެވެ.

މެޗުގައި ޖޯކޮވިޗް ފަރުވާ ހޯދަނީ-- ފޮޓޯ:ގެޓީ
މެޗަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖޯކޮވިޗް ބުނީ، ކޮންމެ މެޗެއް އަދި ލިބޭ ކޮންމެ ޕޮއިންޓެއްވެސް އޭނާއަށް މުހިއްމު ކަމަށާއި، ތިން ގަޑިއިރުގެ ތެރޭގައި ތިން ސެޓު ކާމިޔާބުކުރެވުނު ގޮތް ބުނެދޭންވެސް ނޭނގޭކަމަށެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުގައި ޖޯކޮވިޗް ނިކުންނާނީ އޮސްޓްރޭލިއާގެ އެލެކްސް ޑެ މެނޯއާ ދެކޮޅަށެވެ.
އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް މުބާރާތަކީ ޖޯކޮވިޗަށް އެންމެ ކާމިޔާބު މުބާރާތެވެ. އަނެއްކޮޅުން ޖޯކޮވިޗް މިފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ، އެންމެގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާ އެއްވަރުވާނެއެވެ. މިހާތަނަށް އެންމެގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ނަޑާލް އަތުގައެވެ.

2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ ތެރެއިން. އެފަހަރު ޗެމްޕިއަންކަން ހޯދީ ޖޯކޮވިޗް--- ފޮޓޯ/އޭއެފްޕީ
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފެށުނުއިރު، ޖޯކޮވިޗާ އެންމެ ވާދަވެރި ކުޅުންތެރިއެއްގެ ގޮތުގައި ނަޑާލް ހުރިނަމަވެސް، އޭނާ ވަނީ މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައެވެ. މުބާރާތުން ނަޑާލް އެހާ ފަސޭހައިން ކަޓާފައިވަނީ، އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުޅެވޭގޮތް ނުވެގެންނެވެ. ނަޑާލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
މިފަހަރުގެ މުބާރާތަށް ޖޯކޮވިޗް ނިކުމެފައިމިވަނީ، އަހަރުދުވަހުގެ މެދުކަނޑުމަކަށް ފަހުއެވެ. އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި މިދިޔަ އަހަރު ޖޯކޮވިޗަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ސަބަބަކީ ކޮވިޑް ވެކްސިން ނުޖަހައި މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސްމުބާރާތުގައި ވާދަކުރަން އައުމުން، އެޤައުމުން ޖޯކޮވިޗް ޑީޕޯޓްކުރުމާއި ގުޅިގެންނެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ވަނީ ޖޯކޮވިޗް އޮސްޓްރޭލިއާއަށް އެތެރެ ނުވެވޭގޮތަށް 2025 ވަނަ އަހަރާއި ހަމައަށް ޑީޕޯޓްކޮށްފައެވެ.

ޖޯކޮވިޗް މިދިޔަ އަހަރު މެލްބަން އެއާޕޯޓުގައި-- ފޮޓޯ/ރޮއިޓާސް
ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު އެ ނިންމުން ބަދަލުކޮށް ވަނީ ޖޯކޮވިޗާ ދެކޮޅަށް އަޅާފައިއޮތް ފިޔަވަޅު އުވާލައި، އޮސްޓްރޭލިއާއަށް އެތެރެވުމުގެ ހުއްދަ ދީފައެވެ.
ޖޯކޮވިޗް ޑީޕޯޓްކުރި މައްސަލާގައި މިދިޔަ އަހަރު އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ، އޭރު ބޮޑުވަޒީރަކަށް، އަދި މިހާރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ސުކޮޓު މޮރިސަން އަށް ވަރަށްބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.