އެވެޓާގައި ވިން ޑީސެލް އެއް ނޫޅޭނެ

މިހާތަނަށް އެޅުވި އެންމެ ބޮޑު އެއް ފްރެންޗައިޒް ކަމަށްވާ އެވެޓާއިން މަޝްހޫރު އެކްޓަރު ވިން ޑީސެލް ފެންނާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ފާސްޓް އެންޑް ފިއުރިއަސްގެ ވިން ޑީސެލް، އެވެޓާގެ ކުރިއަށް ހުރި ފިލްމުތަކުން ފެންނަން އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ދާދިފަހުންނެވެ. މި ވާހަކަ ދެކެވިފައިވަނީ ވިން ޑީސެލް 2019 ވަނަ އަހަރު ކުރި ޕޯސްޓެއް ކުއްލިއަކަށް އަލުން އާންމުންގެ ސަމާލުކަމަށް އައުމުންނެވެ.

ވިން ޕޯސްޓުކޮށްފައި ވަނީ އެވެޓާގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން އާއެކު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ވިން ބުނެފައިވަނީ ދެމީހުން ވަނީ "ޓޮޕް ސީކްރެޓް" ސީކުއެލްއަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ކެމެރަން އާއެކު ވަރަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް އޭނާ އެ ވީޑިއޯގައި ބުނެފައިވެއެވެ.

މި ވީޑިއޯ ދާދިފަހުން ފެންމަތިވެ ފޭނުން ހީކުރީ ވިން އުޅެނީ އެވެޓާގެ ފިލްމުގައި މަސައްކަތް ކުރަން ކަމަށެވެ. ނަމަވެސް އެންމެފަހުން އެވެޓާގެ ޕްރޮޑިއުސަރު ޖޯން ލަންޑޯ ބުނެފައިވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.

އެވެޓާގެ ސެޓަށް އެއް ދުވަހަކު ވިން ދިޔަ ކަމަށާއި އޭނާ ދިޔައީ ފޭނެއްގެ ހައިސިއްޔަތުން ކަމަށް ޖޯން ބުނެއެވެ. އަދި ވިން ދެއްކި ވާހަކަތަކުގެ މާނަ ފޭނުންނަށް އޮޅުނީ ކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތް ފިލްމެއްގައި ވެސް ވިން ނުފެންނާނެ ކަމަށް ޖޯން އިޝާރާތް ކުރިއެވެ.

އެވެޓާގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު ތިންވަނަ ބައިގެ ޝޫޓިން ވެސް ވަނީ މިހާރު ނިިމިފައެވެ. އެވެޓާގެ ދެވަނަ ބައި "ވޭ އޮފް ވޯޓާ" އަންނަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. މިހާރުވެސް އެ ފިލްމު ސިނަމާތަކުގައި އަޅުވަމުން އެބަދެއެވެ.

comment ކޮމެންޓް