ފާއިތުވި ތިން މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް

ފާއިތުވި ތިން މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފާއިތުވި ތިން މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ޖުމްލަ 208 މައްސަލައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލައެވެ. އެ ބާވަތުގެ މައްސަލައިގެ ގޮތުގައި 79 މައްސަލަ ހުށަހަޅާފައިވެއެވެ. ނޮވެމްބަރު މަހަށް ބަލާއިރު އެ މަހު ޖެންޑާއަށް ހުށަހަޅާފައި ވަނީ 252 މައްސަލައެވެ. އޭގެން 107 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

ފާއިތުވި ޑިސެމްބަރު މަހަށް ބަލާއިރު އެ މަހު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދަކީ 245އެވެ. އެ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލަ ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ޖެންޑާއިން ބުނީ އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ކަމަށެވެ. އެގޮތުން އެ ބާވަތުގެ 30 މައްސަލައެއް ޑިސެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.

އޭގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލަ، ޖިންސީ ހާނިއްކައިގެ 19 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ޖެންޑާއިން ބުނީ ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ އެއް މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖެންޑާއިން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 54 މައްސަލަ ޑިސެމްބަރު މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައްކަން ފާހަގަކޮށް ޖެންޑާއިން ބުނީ އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވާ ކަަމަށެވެ.

އޭގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 17 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ހަތަރު މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލަ ހުށަހެޅި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މައްސަލަތަކުގެ އިތުރުން، ހިފެހެއްޓުމުގެ އަމަލެއް ހިންގުމުގެ އެއް މައްސަލަ، މާލީ، އިގްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އަމަލުގެ އެއް މައްސަލަ އަދި އިހުމާލުގެ އެއް މައްސަލަ ވެސް ޑިސެމްބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހު ޢާއިލީ މައްސަލަތަކާ ގުޅުންހުރި 24 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލަ، ހަޟާނާތުގެ ތިން މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ތިން މައްސަލައެއް ހުށަހަޅާފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 11 މައްސަލަ ޑިސެމްބަރު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް ވެސް ޖެންޑާއިން ބުނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 20 މައްސަލަ ޑިސެމްބަރު މަހު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

އެގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ތިން މައްސަލައެކެވެ.

ޖެންޑާއިން ބުނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޯށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ތިން މައްސަލައެއް ޑިސެމްބަރު މަހު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށެވެ. އެގޮތުން ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ ދެ މައްސަލައަކާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ އެއް މައްސަލަ ފާއިތުވި މަހު ހުށަހަޅާފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 17 މައްސަލައެއް ޑިސެމްބަރު މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން ސުލޫކީ ހަ މައްސަލަ، ރުޅި އިސްކުރުމާއި ރުޅިގަދަވެ އުޅުމުގެ ތިން މައްސަލަ، އެހެން ކުދިންނަށް ގަނާ ކުރުމުގެ ތިން މައްސަލައިގެ އިތުރުން ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ އެއް މައްސަލަ އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ޖެންޑާއިން ބުނީ ޑިސެމްބަރު މަހު ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ ފަަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުށުގެވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި ކަމަށް ވެސް މިނިސްޓްރީން ބުންނެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 187 ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ މަހު ދައުލަތަށް އަލަށް ދެ ކުއްޖެއް ނަގާފައިވާއިރު، ހަތަރު ކުއްޖަކު އާއިލާއަށް ރީއިންޓަގްރޭޓް ކުރެވި، 18 އަހަރު ފުރުމާ ގުޅިގެން ދެ ކުއްޖަކަށް ވަޒީފާ ހޯދައި ދީފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

comment ކޮމެންޓް