ދެ އަހަރަށްފަހު މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމެއް، ޕީއެސްޖީއަށް 10 މިލިއަން ޑޮލަރު

މެސީއާއި ރޮނާލްޑޯ---

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްގެންދާ ރިޔާދު ފެސްޓިވަލްގެ ތެރެއިން ކުޅޭ އެކުވެރިކަމުގެ މެޗެއްގައި، މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ފުޓުބޯޅަ ކެރިއަރުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ ރޮނާލްޑޯއާއި މެސީއެވެ. އެ ދެ ކުޅުންތެރިން ވާދަކުރި މެޗެއް އެންމެ ފަހުން ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ޔުވެންޓަސް ބައްދަލުކުރި އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުވެންޓަސްއިންނެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ވެސް ޖަހައިފައެވެ.

މިރޭ ސައުދީގެ އަލް ފަހުދު ސްޓޭޑިއަމްގައި ކުޅޭ މެޗަކީ ސައުދީ ލީގަށް ރޮނާލްޑޯ ބަދަލުވެ ކުޅޭ ފުރަތަމަ މެޗެވެ.

އެ މެޗަށް ޕީއެސްޖީ ގެންދަން ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީން ވަނީ ބޮޑު ޚަރަދުތަކެއް ކޮށްފައެވެ.

ޚާއްސަ ދައުވަތަކަށް ޕީއެސްޖީ އެ ގައުމަށް ގެންދިއުމަށް އެ ޓީމަށް ވަނީ 10 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައެެވެ.

މެސީއާ ރޮނާލްޑޯގެ ވާދަވެރިކަން ފެންނާނެ އެ މެޗު ބެލުމަށް ވެސް ސަޕޯޓަރުންގެ ފަރާތުން ވަނީ އާދަޔާޚިލާފު ޖޯޝެއް ފެނިފައެވެ. އެގޮތުން މެޗުގެ ޓިކެޓުގެ އަގު ވެސް ވަނީ އެތައް މިލިއަން ޑޮލަރަކަށް އަރައިފައެވެ.

އެ މެޗަށް ބިޑު ކޮށްގެން ވިއްކާ "ބިޔޯންޑް އިމޭޖިނޭޝަން" ޓިކެޓަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައެވެ. އަދި 532،000 ޑޮލަރަށް ބިޑުކުރަންފެށި އެ ޓިކެޓުގެ ބިޑު ނިމުނު އިރު ޓިކެޓުގެ އަގު ވަނީ 2.66 މިލިއަން ޑޮލަރަށް އަރައިފައެވެ.

އެ ޓިކެޓު ގަނެފައިވަނީ ސައުދީގެ ވިޔަފާރިވެރިއެކެވެ. އެ ޓިކެޓު ގަަންނަ ފަރާތަކަށް ޚާއްސަ ފުރުސަތުތަކެއް ލިބޭނެއެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ ބިން އަބްދުލް މުހުސިންއާއެކު މެޗު ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމާއި، ރޮނާލްޑޯ އާއި މެސީ އަދި ކިލިއަން އެމްބާޕޭގެ އިތުރުން ނޭމާއާ ބައްދަލުކޮށް، މެންދުރުގެ ކެއުމުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން ދެ ޓީމުގެ ޗޭންޖިން ރޫމް ބަލައިލުމާއި، އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، މޮޅުވާ ޓީމާ އެކު ގުރޫޕް ފޮޓޯއެއް ނެގުމުގެ ފުރުސަތު ވެސް އެ ޓިކެޓު ގަންނަ މީހަކަށް ދޭނެއެވެ.

comment ކޮމެންޓް