ބާސެލޯނާއަށް ކުޅެމުންއަންނަ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ފޯވާޑް މެމްފިސް ޑިޕާއި ބާސެލޯނާއާ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ގުޅިއްޖެއެވެ.
ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ޑިޕާއީ ހޯދަން އެތުލެޓީކޯއިން ވަނީ ހަތަރު މިލިއަން ޔޫރޯގެ އަގެއް ހުށަހަޅާފައެވެ. އަދި އޭނާ އެތުލެޓިކޯއާ ގުޅޭނީ 2028ގެ މުއްދަތަކަށް ކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.
ޑިޕާއި ބާސާއާ ގުޅުނީ 2021 ވަނަ އަހަރުއެވެ. ފްރާންސްގެ ލިޔޯންއިން އޭނާ އޭރު ބާސާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ގޮތުގައެވެ.
ބާސާއަށް ބަދަލުވެ މި ސީޒަނާހަމައަށް ޑިޕާއި ވަނީ ގަވާއިދުން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި މުހިންމު މެޗުތަކެއްގައި މުހިންމު ގޯލުތަކެއް ޖަހައިދީފައެވެ.
ނަމަވެސް މި ސީޒަންގައި އޭނާއަށް ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ފުރަތަމަ 11 އިން ޖާގަ ލިބުނީ ވަރަށް މަދު މެޗެއްގައެވެ. އަދި ފަހަކަށް އައިސް ބާސާގެ ކުރިއަށް ކުޅޭ އޮސްމާނޭ ޑޭމްބެލޭ، ރޮބާޓޯ ލަވަންޑޯސްކީގެ މޮޅު ކުޅުމުގެ ސަބަބުން ގިނަ މެޗުތަކުގައި ޑިޕާއިއަށް ޖާގަ ވެސް ނުލިބެއެވެ.
އުމުރުން 28 އަހަރުގެ ޑިޕާއި ސީނިއާ ކެރިއަރު 2011 ވަނަ އަހަރު ފެށީ ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޮވެން އިންނެވެ. 2015 ވަނަ އަހަރާހަމައަށް އެ ޓީމަށް އޭނާ ވަނީ 90 މެޗު ކުޅެ 39 ގޯލު ޖަހައިފައެވެ.
އޭގެ ފަހުން 2015 ވަނަ އަހަރު ޑިޕާއި ބަދަލުވީ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށެވެ. ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 33 މެޗު ކުޅެދީ ދެ ގޯލު ވެސް ޖަހައިދީފައެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ޑިޕާއި ލިޔޯންއަށް ބަދިލުވެ އެ ޓީމަށް ކުޅެދިން 139 މެޗުގެ ތެރޭގައި 63 ގޯލު ވަނީ ޖަހައިފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ބާސާއަށް ބަދަލުވެ ކުޅުނު 30 މެޗުގައި އޭނާ ވަނީ 13 ގޯލު ޖަހައިފައެވެ.