ޖޫން މަހު އާޖެންޓީނާ، ބަންގްލަދޭޝްގައި މެޗެއް ކުޅެނީ

ބަންގްލަދޭޝް ސަޕޯޓަރުން----

އަންނަ ޖޫން މަހު އާޖެންޓީނާގެ ގައުމީ ޓީމު ބަންގްލަދޭޝްއަށް ގޮސް އެ ގައުމުގެ ގައުމީ ޓީމާ އެކުވެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބަންގަލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ރައީސް ކާޒީ ސަލާހުއްދީންއާ ހަވާލާދީ އެ ގައުމުގެ އިތުރުން ޔޫރަޕްގެ ބައެއް ނޫސްތަކުން ބުނީ އެންމެ ފަހުގެ ދުނިޔޭގެ ކެމްޕިއަން އާޖެންޓީނާ އެ ގައުމަށް ގޮސް ޖޫން މަހު މެޗެއް ކުޅޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށެވެ.

ޖޫން މަހު ލިބޭ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝް ބޭނުން ވަނީ އާޖެންޓީނާއާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. އެކަމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަންގަލަދޭޝްއަކީ އާޖެންޓީނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި ގައުމެކެވެ. ނިމިދިޔަ ވޯލްޑަކަޕް ކުރިއަށްދިޔަ ދުވަސްވަރު އާޖެންޓީނާގެ ކުލަތަކުން މުޅި ބަންގްލަދޭޝް ވަނީ ޖަރީކޮށްލައިފައެވެ.

ބަންގްލަދޭޝްގެ ރައްޔިތުން އާޖެންޓީނާއަށް ކުރި ވަރުގަދަ ސަޕޯޓުގެ ސަބަބުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލަނީ ވެސް ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދުމަށް ފަހު، ބަންގްލަދޭޝްގައި ވެސް ޓްރޮފީ ޕެރޭޑެއް ބޭއްވުމަށް އެދި ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރިއެވެ. އެ ގޮތުން މިލިއަނަަކަށް ވުރެ ގިނަ ސަޕޯޓަރުން އެ ޕެޓިޝަނުގައި ސޮއިކުރިއެވެ.

comment ކޮމެންޓް