ފްރޭމް ކުރިތާ އަށް އަހަރު، މައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑު މުޙައްމަދު ނާޒިމް --- ސަން ފޮޓޯ/ ނާއިލް ހުސެން

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑު މުޙައްމަދު ނާޒިމް ދިރިއުޅުއްވި ގެކޮޅު، ގ. އެނިފްއިން ފިސްތޯލަ ފެނުނު މައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމް ނުކުރެވުން ކަަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު ނާޒިމް، ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް، އެ މައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން ކަމަށެވެ.

"މިރެއަކީ އަޅުގަނޑު ފްރޭމް ކުރެވުނުތާ އަށް އަހަރު ފުރުނުރެއެވެ. ނުހައްގުން 11 އަހަރުގެ ޖަލުހުކުމެއްކޮށް ތިން އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކުރީމެވެ. ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް، މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުމެވެ." ނާޒިމް ރޭ ނެރުއްވި ބަޔާނުގައިވެއެވެ.

ނާޒިމް ވިދާޅުވީ ހަނދާނަށް އަންނަނީ މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރުގެ މެންދަމުގެ ވަގުތެއްގައި ފުލުހުން އޭނާ ދިރިއުޅުއްވި ގެކޮޅަށް ވަދެގަތް ވަގުތު ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާ ނިދިން ހޭލައްވާލީ ފުލުހުން ރަޔަޓް ގިޔަރުގައި އަޅުގަނޑުމެންގެ ގެއަށް ވަނުމުންނެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ ދަރިން ކޮޓަރިތަކުން ނެރެ، ބޭރުގައި ބައިތިއްބާފައި، ފުލުހުން ވަދެ އަޅުގަނޑުގެ ނިދާ ކޮޓަރި ސާޗުކޮށް ހޯދީ ފިސްތޯލައެކެވެ. އަދި ޕެންޑްރައިވް އެކެވެ." ބަޔާނުގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ އޭރު ހުންނެވި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރިއެވެ. އަދި އެކަމާ ގުޅިގެން ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ ވެސް އުފުލިއެވެ.

ނާޒިމް ވިދާޅުވީ ފުލުހުން ނޫން އެހެން ބައެއްގެ ހެކިބަހެއް ނެތި، ފުލުހުން ނޫން ބަޔަކު ނުހުޅުވާ ޕެންޑްރައިވެއްގައި ހުރި ކަމަށް ބުނާ މައުލޫމާތެއްގެ މައްޗަށް ބުރަވެ، 11 އަހަރުގެ ދިގު ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރި ކަމަށެވެ.

"އަޅުގަނޑުގެ ކޮޓަރިން އެ ވިދާޅުވާ ފިސްތޯލައެއް ހޯދިއިރު ފުލުހުން ނޫން އެހެން ބަޔަކު ހެކިވާން ވެސް ނެތިއެވެ. އަދި ފިސްތޯލަ ހޯދިގޮތުގެ ވީޑިއޯއެއް ވެސް ނެތިއެވެ. މިނިވަން ޝަރީއަތެއްގައި ކުށް ސާބިތުވާނެ އެއްވެސް ހަމައެއް ނެތިއެވެ." އެ ބަޔާނުގައިވެއެވެ.

ނާޒިމް ވިދާޅުވީ އެއީ އޭނާގެ ސިޔާސީ އަދި ޕްރޮފެޝަނަލް ހަޔާތުގައި ލިބުނު ފުރަތަމަ ދެރަ ނޫން ކަމަށެވެ. އެހެނަސް އެއީ ލިބުނު އެންމެ ބޮޑު ނިކަމެތިކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ކުށެއް ނުކުރަނީސް ލިބުނު އަދަބެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ތެދުވެ ހުންނެވީ އަނެއްކާވެސް ގައުމީ ޚިދުމަތުގައި ކަމަށެވެ. އަދި އޭނާ ހުންނެވީ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން އަޒުމު ކަނޑައަޅައިގެން ކަމަށް ބަޔާނުގައިވެއެވެ. ނާޒިމް ވިދާޅުވީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބިއްޖެނަމަ ވަކި ފިކުރަކަށް އަދި ކުލަޔަކަށް ނުބަލައި ހަމަހަމަ ކަމުގެ އުސޫލު ހިފަހައްޓަވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ. ހަގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސަބިތުވެ ނާޒިމަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އަލުން ރިވިއުކޮށްދޭން ނާޒިމް އެދިވަޑައިގަތުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ.

comment ކޮމެންޓް