"ނާޒިލްގެ ކުށަކީ ކޮބާ؟"
ނައިރާގެ އެ ސުވާލާއެކު މާކިންއަށް ނައިރާއަށް ބަލައިލެވުނެވެ. އޭނާއަށް އެއްޗެއް ބުނަން ނޭނގިފައި އިނދެވުނެވެ.
"މާކް. އަހަރެން މި ބުނީ ނާޒިލްގެ ކުށަކީ ކޮބާހޭ؟ އޭނައަށް ވެސް ހާޝިމްގެ ފަރާތުން ލިބުނީ އަނިޔާ... އަދި މާކްއެއްނު އަހަރެން ގާތު ބުނީ ހާޝިމް އަކީ އަހަރެންގެ ދޮން ބައްޕަކަމަށް ވިނަމަވެސް، އޭގަ އަހަރެންގެ ކުށެއް ނެތޭ... ވީއިރު ކީއްވެ ނާޒިލްއަށް އޭނަ ނުކުރާ ކުށެއްގެ އަދަބު ދޭންވީ؟" ނައިރާ ބުނެލިއެވެ. އެ ސުވާލަށް އެއްޗެއް ބުނުމެއްނެތި މާކިން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ނައިރާގެ އެ ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. އޭނައަށް ނައިރާއާ ކައިވެނިކުރެވޭނެނަމަ، ނާޒިލްއަށް މިޝްޔާއާއެކު ނޫޅެވެންވީ ސަބަބެއް ނެތެވެ. އެހެންނަމަވެސް، އޭނާގެ ހަނދާންނަށް އަންނަނީ މިޝްޔާ ރުއި ރުއިމެވެ. މިޝްޔާގެ ދެލޮލުން ފޭބި ކަރުނައެވެ. ގޮތް ނިންމާނީ މިޝްޔާއެވެ. މިޝްޔާ ނާޒިލްއާއެކު އުޅެން ހުރިނަމަ އޭނަ އެކަމަކާ ދެކޮޅެއް ނުހަދާނެއެވެ. އެހެންނަމަވެސް، އެ ހަޤީގަތް އެނގުމަށްފަހު, ނާޒިލްއާއެކު އުޅެން މިޝްޔާއަށް ފަސޭހަވާނެހެއްޔެވެ؟ އެއީ ހާޝިމްގެ ދަރިއެއްކަން އޭނަ ދުވަހަކު ހަނދާނެއް ނުނެތޭނެއެވެ. ދިރިއުޅުމެއް ފުރިހަމަވާން ބޭނުންވާނީ ހަމައެކަނި ލޯބިހެއްޔެވެ؟ އޯގާތެރިކަމާއި އަޅާލުން ހެއްޔެވެ؟ ދިރިއުޅުމަށް މާޒީ މުހިންމެއް ނުވާނެހެއްޔެވެ؟ ޚާއްސަކޮށް އެ މާޒީއަކީ އެ ހަނދާންތަކަކުން ދުވަހަކު މިންޖުވެވުމެއްނެތް ހަނދާންތަކަކަށްވާއިރު، އެ ހަނދާންތައް އެތައް ވޭން ދޭނަމައެވެ.
"ނައިރާގެ މަންމައާ ހާޝިމްއާ އިނީ ވަރަށް ފަހުންދޯ!" މާކިން ސުވާލުކޮށްލިއެވެ.
"އާނ..."
"ނާޒިލްގެ މަންމަ ވަރިކޮށްފަވެސް އޭނަ އެހެން މީހަކާ އިން. މިގެއަށް އައީ އޭނަ ވަރިކޮށްފަ. އެކަމު އޭގެ މާކުރިން އޭނަ ނާޒިލް މަންމަ ވަރިކުރި. ނައިރާގެ މަންމަ ތީ އޭނަ އިން ކިތައްވަނަ މީހާކަމެއްވެސް ނޭނގެ. އިންނަ ކޮންމެ މީހަކާ އަހަރެމެންނާ އެބަ ގުޅުމެއް ވޭ... ފުރަތަމަ ނައިރާ، މިހާރު ނާޒިލް!" މާކިން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.
"އޭގަ ނާޒިލްގެ ކުށެއްނެތޭ. އޭނަ އެންމެ ފުރަތަމަ މިޝޫއާ ގަޔާވީ އެކަން އެނގިގެނެއް ނޫނެއްނު. އަދި އޭނަ އަމިއްލަ އިޙްސާސްތައް އޮއްބައިލަން މަސައްކަތް ކުރިއެއްނު. އެ ލޯބި ފޮރުވަން ނާޒިލްއަށް ނުކުޅެދުނީ އޭނަ ހާދަ ބޮޑަކަށް މިޝޫ ދެކެ ލޯބިވާތީއޭ. އެ ހަޤީގަތް އެނގުމަށްފަހުވެސް، އޭނަ މިޝޫއަށް ދެރައެއް ދޭން ބޭނުންނުވާތީ އެކަންތައް ސިއްރުކުރީ... މާކް! ވިއްނައިލަބަލަ، އޭނަ އެހާވަރަށް މިޝްޔާ ދެކެ ލޯބިނުވާނަމަ މިރޭ ވެސް ގުޅާފަ މިޝްޔާގެ ޙާލެއް ނުބަލާނެއެއްނު." ނައިރާ މާކިންގެ އަތަށް ބާރުކޮށްލަމުން ބުނެލިއެވެ.
"އެކަމަކު ނައިރާ... މިޝޫ!"
"މިޝޫއަށް ޓައިމް ބޭނުންވާނެ! ވަގުތު ބޭނުންވާނެ! އެކަންތައްތައް ނަގައިގަންނަން. މިޝޫގެ ސިކުނޑި ހުންނާނީ ވަރަށް ވަރުބަލިވެފަ. އެ ނުތަނަވަސްކަން ފިނިވީމަ ރަނގަޅަށް ވިސްނޭނެ. މިހާރު އަސްލު ކަންތައްކުރަންވީ ގޮތެއް މިޝޫއަށް ނޭނގެނީ. އޭނައަށް އެކަންތައްތަކާ ކުރިމަތިލާން ނޭނގެނީ. އޭނަ ބޭނުންވާނީ މާކްގެ ސަޕޯޓް، ކަންތައްތައް ހަމައަކަށް އެޅެމުން ދާވަރަކުން އޭނާއަށްވެސް އޭނާ ބޭނުންވާ ގޮތް ވިސްނޭނެ. މިޝޫ ނުބުނެއެއްނު އެއްފަހަރުވެސް އޭނަ ނާޒިލްއާ އެކު ނޫޅޭނަމޭ. އޭނަ ބުނިހާވެސް އެއްޗަކީ ނާޒިލް ދެކެ ލޯބިވެޔޭ. ކަމެއްވެގެނެއްނު އަދިވެސް އެހެން ބުނާނީ! މިޝޫއަށް ވެސް އޭނާގެ ހިތުގައިވާ އިޙްސާސްތައް ހިންދައިލަން ފަސޭހައެއް ނުވާނެ! އަދި ދެމީހުން އެކަކު އަނެކަކު އެވަރަށް ލޯބިވާއިރު..." ނައިރާ ބުނެލިއެވެ.
"އައި ވިލް ސަޕޯޓް މިޝޫގެ ކޮންމެ ޑެޒިޝަންއަކަށް. އެއީ ނާޒިލްއާއެކު އުޅެން ކަމުގައި ވީނަމަވެސް، ނޫނީ ނޫންނަމަވެސް..." މާކިން ނައިރާގެ ކޯތާފަތުގައި އަތް ޖައްސައިލިއެެވެ. ނައިރާ ފަދަ ކުއްޖެއް ޙަޔާތުގެ ބައިވެރިޔަކަށް ލިބުމުން މާކިން އުފާވިއެވެ. ނައިރާގެ ވާހަކަތަކުން އޭނާގެ ހިތުގައިވީ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ދުރުވިއެވެ. އޭނަ މަޑުމަޑުން ނައިރާގެ ގައިގައި އެއިން ގޮތަށް އިނދެ ބައްދައިލިއެެވެ.
"އައި ލަވް ޔޫ... އެންޑް ތޭންކް ޔޫ..." މާކިން ބުނެލިއެވެ.
"ނާޒިލް ކިހިނެއްތަ؟" މާކިންއާ ދުރުވެލުމަށްފަހު، ނައިރާ ސުވާލުކޮށްލިއެވެ.
"ހޮސްޕިޓަލުގައި ހުރީ..." މާކިން ބުނެލިއެވެ.
"ޑިއުޓީތަ؟" ނައިރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ނިމިފަ ކަންނޭނގެ!"
"އޭނަ އޯކޭތަ؟ މާކް! މިޝޫއެކޭ އެއްގޮތަށް އޭނާއަށްވެސް މިކަންތައްތަކާ ކުރިމަތިލާކަށް ފަސޭހައެއް ނުވާނެ، އޭޒް އަ ފްރެންޑް މާކް އޭނައަށް ވެސް ސަޕޯޓިވް ވާންޖެހޭނެ. އޭގަ އޭނަގެ ކުށެއް ނެތްއިރު." ނައިރާގެ ވާހަކައަށް މާކިން ބޯ ޖަހައިލިއެވެ.
ވިސްނަން އިނުމަށްފަހު، ފޯނު ނަގާ މާކިން ނާޒިލްއަށް ގުޅައިލީ ހޮސްޕިޓަލްގައިވެސް ނާޒިލް ހުރި ގޮތް ހަނދާންވުމުންނެވެ. އެކުވެރިޔާގެ އިޙްސާސްތަކަށް ވިސްނައިލުމެއްނެތި އޭނާއަށް ކަންތައް ކުރެވުނު ގޮތުން މާކިން ދެރަވިއެވެ.
***
ލޯ މަރާލައިގެން އޮތް ނާޒިލްއަށް ފޯނު ރިންގްގެ އަޑަށް ސިހުން ލިބުނެވެ. އެނދުމަތީގައި އޭނާގެ އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ނަގާ ބަލައިލިއިރު ގުޅަނީ މާކިންއެވެ. މާކިންގެ ފޯނު ނަގާނެ ހިތްވަރެއް ނާޒިލްގެ ނެތެވެ. އެއްފަހަރު ފޯނު ރިންގްވެފައި ކެނޑުނުއިރުވެސް، އޭނާއަށް ފޯނަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އެހެންނަމަވެސް މާކިން އެހާ ލަސްވެފަ ހުއްޓާ އެ ގުޅަނީ މިޝްޔާގެ ކަމަކު ކަމަށް ވެދާނެއޭ ހީވުމާއެކު، އޭނާ މާކިންއަށް ގުޅަން އަސްވެގަތް ވަގުތު އަނެއްކާވެސް މާކިންގެ ފޯނު ކޯލު ލިބުނެވެ.
"ހަލޯ. މާކިން! މިޝްޔާ އޯކޭތަ؟" ނާޒިލްއަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"ޔާ. ޝީ އިޒް އޯކޭ! ބްރޯ! ކަލޭ އޯކޭތަ އެކަމަކު؟"
"އޭނ..." މާކިންގެ ސުވާލާއެކު ނާޒިލްއަށް ބުނެވުނެވެ.
" މަ ބުނީ ކަލޭ އަނެއްކާ އޯކޭހޭ؟" މާކިން ދެވަނަ ފަހަރު އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
"އާނ. މަ އޯކޭ.." ނާޒިލް ބުނެލިއެވެ. އެގޮތަށް މާކިން ގުޅުމުން ނާޒިލްއަށް ކުޑަ އުފާވެރިކަމެއް ލިބުނެވެ. އެންމެ ގާތް އެކުވެރިޔާ އަދިވެސް އޭނާއަށް ނުގެއްލޭކަމުގެ ޔަޤީންކަން އޭނާއަށް ލިބިގެން ދިޔައެވެ.
އިރުކޮޅަކު ވާހަކަ ދައްކާލާފައި ފޯނު ބާއްވަން އުޅުނު ވަގުތު ނާޒިލް މާކިންއަށް ގޮވައިލުމަށްފަހު، މަޑުޖެހިލިއެވެ. މާކިން ސުވާލުކޮށްލުމުން ނާޒިލް ވާހަކަ ދެއްކިއެވެ.
"އަހަރެން ބުނީ މިޝޫއަށް މިހުރިހާ ކަމަކުން އެހާ ބޮޑު އަސަރެއް ކުރީމަ... އޭނައަށް ވަރަށް އުނދަގޫވާނެޔޭ ހުރިހާ ކަމަކާ ކޯޕް ކުރަން. ވަރަށް މުހިންމު އަދިވެސް އޭނާއަށް ލިބެމުން އައި ސަޕޯޓާއި ތެރަޕީ ލިބުން. ކިހިނެއްވާނީ އެހެން މީހަކު ލައްވާ ސެޝަންތައް ކުރިއަށް ގެންދިޔުން. އަހަރެން ރިކޮމެންޑް ކޮށްފާނަން ވަރަށް ރަނގަޅު ސައިކޮލޮޖިސްޓެއް. މިވަގުތަށް މަ ދީފަ ހުރި ބޭސްތައް ކޮންޓިނިއުކުރާނީ. އެކަމަކު ތެރަޕީ، ސައިކޮލޮޖިސްޓެއް ކައިރިން ކުރިއަށް ގެންދާނީ..." ނާޒިލްގެ އަޑުން އޭނާ މިޝްޔާއާ މެދު ކަންބޮޑުވެފައި ހުރި މިންވަރު ހާމަވަމުން ދިޔައެވެ.
"އަހަރެން މިޝޫއާ ވާހަކަ ދައްކާނަން..." މާކިން އެކަމާ މެދު ވިސްނައިލުމަށްފަހު، ބުނެލިއެވެ.
"ވާހަކަ ދައްކާނީއެއް ނޫން. އޭނަ ކޮންވިންސް ކުރުވާނީ..." ނާޒިލް ބުނެލިއެވެ.
އެ ވާހަކަ ދެއްކުމަށްފަހު، ދެމީހުން ފޯނު ކޯލު ނިންމައިލިއެވެ. ފޯނު ބޭއްވުމަށް ފަހުވެސް، ނިދަން ނާޒިލް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އޮވެ އޮވެ ނުނިދުމުން އެންމެ ފަހުން ތެދުވެ ފެންވަރާލައިގެން ޓީޝާޓަކާއި ސޯޓެއް ލުމަށްފަހު، އޭނާ ޓެރެސްއަށް އެރިއެވެ.
ރެއިންގައި އަތް ޖައްސައިލުމަށްފަހު، އޭނާ އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އުޑުމަތި ކޮންމެވެސް ވަރަކަށް ބަނައެވެ. ހަނދު ފެންނަން ނެތްއިރު، ތަރިއެއް ހާ ހިސާބުވެސް އުޑުމަތީގައި ނެތެވެ. އުޑުމަތީގައިވަނީ ފަޅުކަމެކެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތައްވެސް ކޮންމެވެސް ވަރަކަށް ބާރުވެފައި ހަރުކަށިގޮތެއް ހުއްޓެވެ. ހީވަނީ ތޫފާނެއްގެ އިންޒާރެއް ދޭން މަަސައްކަތް ކުރާހެންނެވެ. އޭނާގެ ދިރިއުޅުން ފަދައެެވެ. މިޝްޔާއާ ނުލާ އެ ދިރިއުޅުމުގައިވެސް ވާނީ ފަޅުކަމާއި ހިތްދަތިކަމެކެވެ. ހިތުގައިވާނީ ރިހުމުގެ ތޫފާނެކެވެ. ބޮލުގައި ފުނާނާޅާ ހުރުމުން ހޭވިފައި ހުރި އިސްތަށިތަކާ ޖެހެމުން ދިޔަ ވައިރޯޅިތައް ސަމާސާ ކުރަމުން ދިޔަ ނަމަވެސް އެކަމުން އެއްވެސް ހިތްހަމަ ޖެހުމެއް ނާޒިލްއަކަށް ނުލިބެއެވެ.
*****
އެ ހާދިސާއަށް ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް، މިޝްޔާގެ އިތުރުން ނާޒިލްވެސް ހަމައަކަށް ނޭޅެއެވެ. ހޮސްޕިޓަލްގެ އެއްވެސް މަސައްކަތަކަށްވެސް ސަމާލުކަން ދެވޭ ގޮތް ނުވުމާއެކު ނާޒިލް ނިންމީ ހަފްތާއެއްގެ ޗުއްޓީއެއް ނެގުމަށެވެ. މާކިންއަށް ގުލައިގެން މިޝްޔާއާށް ވާނުވާ ވެސް ނާޒިލް ބަލައެވެ. މިޝްޔާ ތެރަޕީ ސެޝަންތައް ނަގަން އެއްބަސްވި ކަން އެނގުމާއެކު، އޭނާއަށް ނޭނގޭ އުފާވެރިކަމެއް ލިބުނެވެ.
*****
އެއީވެސް އެފަދަ ރެއެކެވެ. ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. ނާޒިލް އެކަނިމާއެކަނި ޓެރެސްގައި މަޑުކޮށްލައިގެން ހުއްޓެވެ. މިހާރަކަށް އައިސް ރޭގަނޑުގެ އެތައް ދަމެއް ނާޒިލް އެގޮތަށް ހޭދަ ކުރެއެވެ. މިޝްޔާގެ ހަނދާނުގައެވެ. އޭނާގެ ދިރިއުޅުމާމެދު ވިސްނާށެވެ. ނާޒިލް ރެއިލިންގައި އަތް ޖައްސާލައިގެން ވިސްނުމަކަށް ގެއްލިފައި ހުއްޓާ އޭނާއަށް ސިހުން ލިބުނީ ހާފިޒުގެ އަޑަށެވެ.
"ދަރިފުޅު އަދިވެސް ނުނިދަނީތަ؟" ހާފިޒު ސުވާލުކޮށްލިއަޑަށް، ނާޒިލްއަށް އެ ދިމާލަށް ބަލައިލެވުނެވެ.
"ނިދި ނައިސްގެން މިއުޅެނީ..." ނާޒިލް ބުނެލިއެވެ.
"ބައްޕައަށް އެނގޭ ދަރިފުޅު ޗުއްޓީ ތި ނެގީ ބޮޑުކަމެއްވެގެންކަން. އެހެން ބުންޏަސް ތިއުޅެނީ ހަމަ އެކަނި މައިންޑް ފްރެޝް ކޮށްލަން ބޭނުންވެގެން ނޫންކަން." ނާޒިލްގެ ކައިރިއަށް އައިސް ހުއްޓިފައި ރެއިލިންގައި އަތް ޖައްސާލާފައި ހާފިޒު ބުނެލިއެވެ.
"ނޫނޭ ޑޭޑް. މާ ބޮޑު ކަމެއް ނުވެޔޭ!"
"ބައްޕައަށް އެނގޭ ކަމެއްވެއްޖެކަން. މިހާ ދުވަސްވިއިރު އަދިވެސް ދަރިފުޅު ދަސްނުވާކަމަށްތަ ތި ހީކުރީ؟"
ހާފިޒު ނާޒިލްގެ ކޮނޑުގައި އަތް ޖައްސައިލިއެެވެ. ނާޒިލް ދޫކޮށްލީ ފުންނޭވާއެކެވެ. ހާފިޒު ނާޒިލްއަށް ހިތްވަރު ދިނެވެ. ކޮންމެ ފަދަ ވާހަކައެއްވެސް އޭނާާއާ ހިއްސާކުރެވިދާނެކަމުގައި ބުނެދިނެވެ. ކޮންމެވެސް މީހަކާ އެ ވާހަކަތައް ހިއްސާކުރަން ބޭނުންވެފައި ހުރި ނާޒިލް ބަލިކަށިވީ އެހާ ހިސާބުންނެވެ. ހިތުގެ ރިހުންތައް ކޮންމެވެސް މީހެއްގެ ކުރިމަތީގައި ބަންޑުން ކޮށްލަން އޭނާ ބޭނުން ވިއެވެ.
ފެންބޮވައިގަނެގެން ހޭލެވުނު ހައިފާއަށް ކުޑަ ހައިރާންކަމެއް ލިބުނީ ހާފިޒު ނެތުމުންނެވެ. އޭނާ ކޮޓަރިން ނުކުމެގެން ގޮސް ބޮޑުކޮޓަރިވެސް ބެލިއެވެ. ވިސްނައިލުމަށްފަހު، އޭނާ ޓެރެސްއާ ދިމާލަށް މިސްރާބުޖެހިއެވެ. ޓެރެސްގެ ދޮރު ހުޅުވާފައި ހުރުމުން އޭނާއަށް ހާފިޒު ވީ އެތަނުގައި ކަން އެނގުނެވެ. މާބޮޑު ވިސްނުމަކާ ނުލާ އޭނާ ގޮސް ޓެރެސްގެ ދޮރުން އެތެރެއަށް ވަންނަން އުޅުނު ވަގުތު، އިވުނު އަޑާއެކު މަޑުޖެހެވުނެވެ. ނާޒިލްގެ ދުލުން ހާޝިމްގެ ނަން ބޭރު ވުމާއެކު އޭނާއަށް އެއްފަރާތުގައި މަޑުކޮށްލެވުނެވެ.
"ބައްޕައޭ ކިޔަންވެސް ލަދުގަނޭ. ކީއްވެތަ އޭނަ އެހާ އަނިޔާވެރިވި ކުއްޖަކީ މިޝްޔާއަށް ވާންވީ؟ އެވެސް އަޅުގަނޑު ލޯބިވާ ކުއްޖާ!" ނާޒިލްގެ ވާހަކަތަކުން ހައިފާގެ ހިތުގައި ޝައުގުވެރިކަން އުފެދުނުނަމަވެސް، އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ނާޒިލް ލޯބިވާ ކުއްޖެއް ހުންނަކަމުގައި އޭނާއަށް އެނގިފައެއް ނުވެއެވެ. އެ ކުއްޖާއާ ހާޝިމްއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ނާޒިލް އެބުނަނީ އެ ކުއްޖާއަށް، ހާޝިމް ކިހިނެއް އަނިޔާވެރިވީ ވާހަކަ ހެއްޔެވެ؟
"މިޝްޔާ ރޭޕްކުރި މީހަކީ ހާޝިމްއަށް ވާއިރު، މިޝްޔާ ކިހިނެއްތަ އަޅުގަނޑާއެކު އުޅޭނީ. ގަބޫލުކުރަން ބޭނުން ނުވިޔަސް އަޅުގަނޑަކީވެސް އޭނާގެ ލޭ ވިއްޔަ!"
ނާޒިލްގެ އަޑުގައި ވަނީ ރިހުމާއި ވޭނެއެވެ. އަޑު އިވެމުންދިޔަ ވާހަކަތަކުން ހައިފާއަށް ސިހުން ލިބުނެވެ. އޭނާގެ ދެފައިން ވަރުދޫވެގެން ދިޔައެވެ. ނާޒިލް ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ހާފިޒުއަށް ކިޔައިދިންއިރު، ހައިފާއަށް ވެސް އެ ވާހަކަތައް އަޑު އިވެމުން ދިޔައެވެ. އޭނާގެ ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. ހާޝިމް އެ ދެމީހުންގެ ކިބައިން ބަދަލު ހިފައިފިއެވެ. ނާޒިލްގެ ދިރިއުޅުން ބަރުބާދު ކޮށްލައިފިއެވެ.
ބާރަށް ރޮވެން ފެށުމުން ހައިފާ އޭނާގެ އަނގަމަތީގައި އަތް އަޅައިލީ އެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އެތަނުގައި އިތުރަށް ހުންނަން ކެތް ނުވުުމުން ހައިފާ އެތަނުން ދާންވެގެން އުޅުނުވަގުތު، ސިޑިއާ ދިމާ އެއްފަރާތުގައި ހުރި ޕޮޓްގައި ޖެހި ބެލެންސް ކަޓާ ޕޮޓާއެކު އޭނާވެސް އަރި އަޅައިލިއެވެ. އަނގައިން ބާރު ހަޅޭކެއްގެ އަޑު ނުކުތުމުގެ އިތުރުން، ހައިފާއަށް އޭނާގެ ސަލާމަތަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެެވެވެ.
ނާޒިލްއާއި ހާފިޒުއާ ދެމީހުން ސިހުނީ އެ އަޑަށެވެ. ދެމީހުންނަށްވެސް އެ އަޑު އައި ދިމާލަށް ބަލައިލުމަށްފަހު، އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބަލައިލިއިރު ފެނުނު މަންޒަރުން އެ ދެމީހުންނަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ.
(ނުނިމޭ)