ގއ. ވިލިނގިލީގައި މިހާރު އިމާރާތް ކުރަމުންދާ ރޯހައުސްތަކުގެ އަދަދު 100 އަށް އިތުރުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މީގެ ކުރިން ނިންމާފައި ވަނީ އެންމެ 50 ރޯހައުސް ވިލިނގިލީގައި އިމާރާތް ކުރާގޮތަށެވެ. އެހެންނަމަވެސް ރޯހައުސް ތަކުގެ ޖުމްލަ އަދަދު، މިއަދު ވަނީ 100 އަށް އިތުރުކޮށްފައެވެ.
މިކަން އިއުލާން ކޮށްފައިވަނީ ރޯހައުސްތަކުގެ ބިންގާ އެޅުމަށް ވިލިނގިލީ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރޯހައުސްތަކުގެ ބިންގާ ރަސްމީކޮށް އަޅުއްވާދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ވިލިނގިލީ ދައިރާގެ މެމްބަރު ސައުދު ހުސައިންއާއި، ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން، ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރޯހައުސްތަކުގެ އަދަދު މަދުވެގެން، އެ އަދަދު އިތުރުކޮށްދިނުމަށް ރަށު ކައުންސިލާއި ދާއިރާގެ މެމްބަރު ސައުދު ވެސް ސަރުކާރުގައި ދަންނަވާފައިވާ ކަަމަށެވެ.
"އަޅުގަނޑު މިއަދު ތިޔަ ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ތިޔަ ބޭފުޅުންގެ އެދުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މި ރަށުގައި އިތުރު 50 ރޯހައުސް އިމާރާތް ކުރުމަށް ނިންމަވާފަ،" އަކުރަމް ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި އިމާރާތްކުރާ 100 ރޯހައުސް ބިންގާ އެޅުމުގެ ރަސްމިއްޔާތު. -- ފޮޓޯ/ މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
އަކުރަމް ވިދާޅުވީ ބިންގާ އެޅި ރޯހައުސްގެ މަސައްކަތް ވީހާވެސް އަވަހަށް ނިމޭނެ ގޮތަކަށް އެކަން ކުރިއަށްގެންދިޔުމަށް މިނިސްޓްރީން ވަރަށް ބޮޑަށް އިސްކަންދެމުންދާކަމަށެވެ. އެގޮތުން ރޯހައުސްތައް ޑިޒައިންކޮށްފައި ވަނީ ކައުންސިލްގެ ލަފަޔާއި ބައިވެރިވުމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް ނިމޭއިރު އެތަނުގައި ކުޑަކުދިން ނިކުމެލައި އުފާކޮށްލަން ޕާކެއް ވެސް ހުންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ މީގެ ކުރިން އެ ރަށުގައި އެޅި 52 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ކޮންޓްރެކްޓަރުން އެރަށުން ފޭބި އިރު އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ގުޅާފައި ނެތް ކަމަށެވެ. އަދި މަގުތައް އެއްވަރުނުކޮށް މަގުތައް އަލިކުރާނޭ އެއްވެސް ގޮތެއް ނެތުމުން އެކަމުގެ އުނދަގޫ ވެސް ތަހައްމަލު ކުރަން ޖެހުނީ ރަށު ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށަކީ ރާއްޖޭގެ ނިސްބަތުން ބޮޑެތި އޮޑިދޯނިފަހަރު އޮންނަ ރަށަކަށް ވީ ނަމަވެސް ރަނގަޅު ފެންވަރުގެ ބަނދަރެއްވެސް ކުރީ ސަރުކާރުން އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސަރުކާރާ ހަވާލުވެ ހުންނަވައި މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މިވަނީ ފެށިފަ. އަދި އެ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ އަޅައިދީ މަގުތައް އަލިކުރެވޭނެ ގޮތްވެސް މިވަނީ ހަދާދީފަ،" އަކުރަމް ވިދާޅުވިއެވެ.
އެކަމާ ބެހޭ ގޮތުން ސައުދު މިރޭ "ސަން"އަށް ވިދާޅުވީ، މީގެ ކުރިން ބެލިބެލުމުން ވިލިނގިއްޔަށް އިތުރު 150 ގޭބިސީ ބޭނުންވާކަން ފާހަގަކުރެވުނު ކަމަށާއި، މިހާރު އަޅާ 100 ރޯހައުސްއާއި އެ ރަށުގައި ކުރިން އަޅާފައިވާ 52 ހައުސިންޔުނިޓާއެކު ޖުމްލަ ގޭބިސީގެ އަދަދު 150އަށް އަރާނެ ކަމަށެވެ.
ވިލިނގިލީގައި އިމާރާތްކުރާ ކޮންމެ ރޯހައުސްއެއްގައި ހިމެނޭ ބައިތައް:
- ތިން ކޮޓަރި
- ތިން ފާހަނާ
- ސިޓިން ރޫމް
- ބަދިގެ
- ކާގެ
- ބެލްކަނީ
- ލޯންޑަރީ ރޫމް
- ސްޓޯ ރޫމް
މީގެ އިތުރުން ރޯހައުސްތަކުގައި ގަސް އިންދަން ހުސް ޖާގައެއް ވެސް އޮންނާނެއެވެ.
ވިލިނގިލީގައި 100 ރޯހައުސް އިމާރާތް ކުރުން ހަވާލުކޮށްފައި ވަނީ ނުވަ މަަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އެ މަސައްކަތާ ހަވާލުވެފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުންނެވެ.