ތަޢުލީމީ، ޤާބިލު މީހުން ނުހިމަނައި ރައްޔިތުން ބޭނުންވާ ސަރުކާރެއް ނުހިންގޭނެ: ރައީސް

ތަޢުލީމީ އަދި ޤާބިލު ބޭފުޅުން ހިމަނުއްވައިގެން މެނުވީ ރައްޔިތުން އެދޭފަދަ ސަރުކާރެއް ނުހިންގެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ގާދިއްފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ސަރުކާރަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަ ވަނީ އެމްޕީޑީ ފިޔަވައި ސިޔާސީ ބޮޑެތި ޕާޓީތައްކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރަށް ރައްޔިތުންގެ ލޯތްބާއި ތާއީދާއި ރައްޔިތުންގެ ޔަޤީންކަން އޮންނާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތައް މި ސަރުކާރުން ފުއްދައިދޭނެ ކަމުގެ ޔަޤީންކަން ވެސް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކޮންމެ ޕާޓީއަކަށް ނިސްބަތްވި ކަމުގައިވީ ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް އެއްބައެއް ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ ވެސް މި ވިސްނުންފުޅުގައި ކަމުގައި ވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުދި ރަށްރަށުގައި ސިޔާސީ ބައިބައިވުން އުފެދުމަކީ، މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހިފައިވާ ކަމެއް ކަމަށާއި ޢާއިލާގެ ތެރޭގައި ވެސް ބައިބައިވުން ވަނީ އުފެދިފައި ކަމަށް ވިދާޅުވި އެވެ.
ކޮންމެ ރަށަކުން މި މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި މިކަން ރަނގަޅުކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެކަން ރަނގަޅުކުރެވޭނީ އަޅުގަނޑުމެންނަކީ، އެއް ދީނަކަށް ތަބަޢަވެގެން ތިބި އެއް ޤައުމެއްގެ، އެއްރަށެއްގެ، އެއްބަނޑުއެއްބަފާބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިގެންނެވެ. މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި ސުލްހަމަޞްލަޙަތު ޤާއިމުވެފައި އޮތުމެވެ. ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެހެންނަމަވެސް، އެ ހިތްހަމަނުޖެހުންތައް އުފެދިފައިވާ ސަބަބުތަކާ ދޭތެރޭގައި ވިސްނާލުމަށް ފަހު، އެކަންކަމުގެ ސަބަބުން ގެއްލުންވާ ކަހަލަ ކަންތައް ވިޔަނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު