މުޑްރިކްގެ ޓްރާންސްފާ ފީގެ ބައެއް ޔޫކްރެއިން ސިފައިންނަށް

މިކައިލް މުޑްރިކް ޗެލްސީ ޖާޒީގައި---

ދާދި ފަހުން ޗެލްސީއަށް ސޮއިކުރި, ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކަށް ކުޅެމުންއައި އެ ގައުމުގެ ފޯވާޑް މިކައިލޯ މުޑްރިކްގެ ޓްރާންސްފާ ފީގެ އެއްބައި ޔޫކްރެއިން ސިފައިންނަށް ހަދިޔާކުރަން ނިންމައިފިއެވެ.

ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ޗެލްސީން ޓްރާންސްފާ ފީގެ ގޮތުގައި ޝަކްޓާ ޑޮނެސްކަށް 108 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

އެއީ ފުރަތަމަ 70 މިލިއަން ޑޮލަރު ދެއްކުމަށްފަހު އެކި ފަހަރު މަތިން ބާކީ 38 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ.

އެ އަދަދުގެ ތެރެއިން 27 މިލިއަން ޑޮލަރު ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާ ސިފައިންނަށް ހަދިޔާ ކުރުމަށް ޝަކްޓާ ޑޮނެސްކުން ވަނީ ނިންމައިފައެވެ.

ޝަކްޓާ ޑޮނެސްކުގެ ރައީސް ރިނަޓް އަހްމަތޯވް ބުނީ ޔޫކްރެއިންގެ ފުޓުބޯޅައިގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށީ ޔޫކްރެއިންގެ ސިފައިންގެ ބުރަ މަސައްކަތުންކަމަށެވެ.

އެ ސިފައިންގެ ބުރަ މަސައްކަތުގެ އަގު އެ ޓީމުން ވަޒަން ކުރާކަމަށާއި، އެ ކުލަބުން ދޭ ފައިސާގެ އެހީއަކީ ހަނގުރާމައިގެ ސަބަބުން އެންމެ އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ އެއްޗެއް ކަމަށް އަހްމަތޯވް ބުންޏެވެ.

އުމުރުން 22 އަހަރުގެ މުޑްރިކް ޗެލްސީއާ ގުޅުނީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭނާ ޗެލްސީއަށް ބަދަލުވެ އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމައްޗަށް ނިކުތް އިރުވެސް ވަނީ ޔޫކްރެއިންނަށް އޭނާގެ ހިތުގައި އޮތް ލޯބި ދައްކާލައިފައެވެ.

އެގޮތުން ޗެލްސީގެ ދަނޑަށް އެ ޓީމުގެ ޖާޒީ ލައިގެން ފުރަތަމަ ނިކުތްއިރު މުޑްރިކްގެ ކަރުގައި ޔޫކްރެއިންގެ ދިދައެއް އައްސާފައިއޮތެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެ ހަނގުރާމައިގެ ސަބަބުން ފީފާއިން ވަނީ އެ އެސޯސިއޭޝަންގެ މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް